01 Nov 2022, 16:47
ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ހަމަހަމަކަން ރާއްޖޭގައި ގެއްލިފައިވާ ކަމަށް ބުނެ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ގަވާއިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އެ ގަރާރު ކޮމިޓީއަށް ފޮނުވީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 37 މެމްބަރުގެ ތެރެއިން 28 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިނުގަތުމަށް އަށް މެމްބަރަކު ވޯޓު ދެއްވިއިރު އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ބުނެފައެވެ.
ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް ހުށަހެޅުއްވި ގަރާރަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚަބަރާއި މައުލޫމާތު ފެތުރުމާއި އުނގެނުމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ވާދަވެރި ވިޔަފާރީގެ މާހައުލު ސިޔާސީ ގޮތުން ނުފޫޒުގަދަ ވަކި ފަރާތްތަކެއްގެ ބާރުން ނައްތާލައިފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ހުށަހެޅި ގަރާރެކެވެ.
އެ ގަރާރުގައި ވަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚިދުމަތްދެމުންދާ ކުދި އޮޕަރޭޓަރުންގެ ވިޔަފާރި ހުއްޓުވައި ވަކިބަޔަކަށް ނާޖާއިޒު ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ދަތިތަކާއި ހުރަސްތަކާއި ތަފާތުކުރުންތައް ކުރުމަތި ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ޕާލިމަންޓަރީ އިންކުއަރީއެއް މެދުވެރިކޮށް އެ ކަންތައްތައް ދެނެގަނެ، އެ ހުރަސްތައް ނައްތާލުމަށް އެ ގަރާރުގައި އޭނާ ވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.
"ރާއްޖޭގެ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށް މައުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓަރުން މެދުވެރިކޮށް، އިންސާފުވެރި ވާދަވެރި މާހައުލެއްގައި ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ބްރޯޑްކާސްޓްކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތް މައްޗަށް ނުދާނެގޮތަށް އެ މައިދާން ބައްޓަންކުރުމާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުސަތު ފަހިކޮށްދިނުމަށް ވަރަށް ސާފުކޮށް ބްރޯޑްކާސްޓިންގެ ގާނޫނުގައި އޮވޭ،" ގަރާރުގައިވެއެވެ.
ނަމަވެސް އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ. އަދި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި އެ ކޮމިޝަނުގެ މެންބަރުން ޖެހި އެ ގާނޫނުގެ މަގްސަދު ގެއްލޭގޮތަށް ވަކި ފަރާތްތަކަކަށް ކަނޑައެޅިގެން ނުހައްގު ނާޖާއިޒް މަންފާތައް ލިބޭނޭ ގޮތައް އަމަލުކުރާ ކަމަށް ވެސް އެގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.
އެ ގަރާރުގައި ވަނީ ގާނޫނުން އެ ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ހަދާފައިވާ "ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު"އަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ކަނޑައެޅިގެން ޚިލާފު ގަވާއިދެއް ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާ މެދު ނާއިންސާފުން އަމަލުކޮށް އެ މީހުންގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޝިޔާމް ހުށަހެޅުއްވި ގަރާރުގައިވެއެވެ.
މި އަހަރުގެ ވޯލްޑްކަޕް ދައުލަތުގެ ޓީވީން ބެލޭނެކަން ރައްޔިތުންނަށް ކަށަވަރުކުރަން ބޭނުންވާ ކަމަށާއި އެކަން އެހެން ނުވާނަމަ ރައްޔިތުންގެ އަތުން ދާނީ އިތުރު ޚަރަދެއް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް
ހުރިހާ ރައްޔިތުންނަށް މައުލޫމާތާއި ޚަބަރާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ މުހިއްމު ޚިދުމަތް އެންމެ އެދެވޭގޮތުގައި އަތްފޯރާފަދަ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރީގެ ހަމަހަމަ ފުރުސަތުތައް ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ތެރޭގައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވިޔަފާރީގެ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ހުރަސްތައް ދެނެގަނެ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ވަކިބަޔަކު ބްރޯޑްކޮމްއަށް ނުފޫޒު ފޯރުވާ މިންވަރު ދެނެގަނެ އެބޭފުޅުން ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލަމަންޓަރީ އިންކުއަރީއެއް ހެދުމަށް އެ ގަރާރުގައިވަނީ ގޮވައިލައިފައެވެ.
ހަމައެއާއެކު ރީބްރޯޑްކާސްޓިން ޚިދުމަތް މިނިވަން އިންސާފުވެރި ވިޔަފާރީގެ މާހައުލެއްގައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށް އެ ގަރާރުގައި ވަނީ ގޮވައިލާފައެވެ.
ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރީބްރޯޑްކާސްޓް ނުކުރެވޭ ގޮތަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި އިސްލާހު މިހާރުވެސް ގަވާއިދު ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ. މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން ކޮމިޓީން މިއަދު ވެސް ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.
މައްސަލައާ ގުޅިގެން އެ ކޮމިޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝާނާ ވެސް ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓް ނުކުރެވޭގޮތަށް ގަވާއިދު ބަދަލުކުރީ ބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގައި ރާއްޖޭގެ ބާރު ކުޑަވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރުން --- ފޮޓޯ/ މަޖިލިސް
ބްރޯޑްކޮމްގެ ނައިބު ރައީސް އަޙްމަދު ގައިސް ވިދާޅުވީ ކަމާގުޅުންހުރި ބޭފުޅުންގެ ޚިޔާލުތަކާއެކު އެ ގޮތަށް އެގަވާއިދު ބަދަލުކުރަން ނިންމީ ކަމަށެވެ. ބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރިއަކީ މެދުމިނުގެ ވިޔަފާރިއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރީބްރޯޑްކާސްޓަރުން މައިގަނޑު ގޮތެއްގައި ގެންގުޅޭ ކޮންޓެންޓަކީ ރާއްޖެއިން ބޭރުން ގަނެގެން ގެންނަ ކޮންޓެންޓް ކަމަށެވެ.
ރާއްޖޭގައި އުފައްދާ ކޮންޓެންޓަކީ ރައްޖޭގެ ލޯކަލް ޗެނަލްތަކުން އުފައްދާ ކޮންޓެންޓްތައް އެކަނި ކަން ފާހަގަކުރައްވައި ގައިސް ވިދާޅުވީ އޭގެ އިތުރުން ދައްކާ ހުރިހާ ކޮންޓެންޓަކީ ރާއްޖެއިން ބޭރަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކައިގެން، ގަނެގެން ދައްކާ އެއްޗެހި ކަމަށެވެ.
"މިހާރުވެސް ރާއްޖެއިން ބޭރަށް މި ވިޔަފާރީގެ ސަބަބުން ބައިވަރު ފައިސާތަކެއް އެބަދޭ. އެހެން ވީމަ އިތުރަށް ބޭރުބަޔަކަށް އެ ހުއްދަ ލިބޭ ގޮތަށް އޮތީމަ ވިޔަފާރީގަ ދިވެހީންގެ ބާރު ކެނޑިގެން ހިނގައިދާނެ ތީ އަޅުގަނޑުމެން އެގޮތަށް ގަވާއިދު ގައި ބަޔާންކުރީ،" ގައިސް ވިދާޅުވިއެވެ.
ގައިސް ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި އެންމެ ކުރީއްސުރެ ވެސް އޮންނަ ގޮތުން ބްރޯޑްކާސްޓް ކުރެވޭނީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ކަމަށެވެ.