01 Nov 2022, 20:20
ކިޔޭވް (1 ނޮވެމްބަރު 2022): ރަޝިއާއިން އިއްޔެ ޔުކްރެއިންއަށް ދިން މިސައިލް ހަމަލާތަކަކީ ކްރައިމިޔާގައިވާ ރަޝިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށާއި ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް ޔުކްރެއިންއިން ދިން ޙަމަލާތަކުގެ ރައްދު ކަމަށް ރައީސް ވްލަދިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން ވިދާޅުވީ ޔުކްރެއިންގެ އެކި ސަރަހައްދުގެ ކަރަންޓާއި ފެނުގެ ވިޔުގައަށް ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލުން އިއްޔެ ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމަށާއި އެއީ ޔުކްރެއިން އިން ކްރައިމިޔާގައިވާ ރަޝިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށާއި ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް ދިން ހަމަލާތަކުގެ ރައްދު ކަމުގައެވެ. ރަޝިއާގެ މެސެޖް ޔުކްރެއިން އަށް މިހާރު ސާފުވާނެކަަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
ރަޝިއާއިން ޔުކްރެއިންގެ އެކި ސިޓީތަކުގެ ކަރަންޓާއި ފެނުގެ ވިޔުގައަށް 55 މިސައިލުން އިއްޔެ ހަމަލާދިންކަމަށާއި ނަމަވެސް އޭގެތެރެއިން ގިނަ މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެތެރޭގައި ގޮއްވާލި ކަމަށް ޔުކްރެއިންގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.
ރަޝިއާގެ މިސައިލް ހަމަލާތަކަށްފަހު ޔުކްރެއިންގެ ވެރިރަށް ކިޔޭވް އާއި އެނޫންވެސް ގިނަ ސިޓީތަކަކުން ކަރަންޓާއި ފެން ކަނޑައިގެން ދިޔައެވެ. ނަމަވެސް މަރާމާތު މަސައްކަތްތަކަކަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓާއި ފެން އަލުން މިހާރު ލިބިފައިވާކަމަށް ޔުކްރެއިންގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ރަޝިއާގެ ހަމަލާތައް
ޔުކްރެއިންއަށް މިސައިލް ހަމަލާތައް ދިނުމުގެ ކުރިން ރަޝިއާ ވަނީ ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމުންވެސް ވަކިވިކަން ހާމަކޮށްފައެވެ. މިއީ ރަޝިއާއާއި ޔުކްރެއިން އާއި އދ. އާއި ތުރުކީ ހިމެނޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުން ރަޝިއާ ވަކިވުމުން އެމެރިކާއާއި ޔުކްރެއިނުންވަނީ ގޮވާމުގެ ބާވަތްތައް ރަޝިއާއިން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ހަދާކަމަށް ތުހުމަތުކޮށްފައެވެ.
ރަޝިއާ އިއްޔެ ޔުކްރެއިން އަށް ދިން މިސައިލް ހަމަލާތަކަކީ މިފަހަކަށް އައިސް އެއްދުވަހުގެތެރޭގައި ދީފައިނުވާވަރުގެ ގަދަފަދަ ހަމަލާތަކެކެވެ. ޕޫޓިން ވިދާޅުވިގޮތުގައި ކްރައިމިޔާއަށް ޔުކްރެއިން އިން ހަމަލާތައް ދޭނަމަ ޔުކްރެއިންއަށް އަދިވެސް އިތުރު މިސައިލް ހަމަލާތައް ދޭން ރަޝިއާ އޮތީ ތައްޔާރަށެވެ.
ރަޝިއާ އެކިފަހަރުމަތިން ޔުކްރެއިން އަށް ދީފައިވާ ބަލިސްޓިކް މިސައިލް ހަމަލާތަކާއި ޑްރޯންހަމަލާތަކާއި ކްރޫޒް މިސައިލް ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ ކަރަންޓާއި ފެނުމުގެ ގިނަ މަރުކަޒުތައްވަނީ ހަލާކުވެފައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕުން ދޭ އެހީގައި މަރާމާތުކޮށްގެން ޔުކްރެއިން އެތަންތަނުގެ ބޭނުންކުރަމުން ގެންދެއެވެ.
މުޅި ޔުކްރެއިން އަށް ބެލިނަމަވެސް ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔުކްރެއިން ފެންނަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައިވާ މަންޒަރެވެ. އެެހެންނަމަވެސް ރަޝިއާއަށް ސަލާމަތީ ގެރެންޓީ ދީފައި ހަނގުރާމައިން މިންޖުވުމަށް މަސައްކަތްކުރާތަނެއް ޔުކްރެއިންގެ ފަރާތަކުން ނުފެނެއެވެ. ޔުކްރެއިނުންވަނީ ރަޝިއާއާ ސުލްހައިގެ ވާހަކަތައް ދެއްކުމަށްވެސް ދެކޮޅު ހަދާފައެވެ.
ޔުކްރެއިން ބުނާގޮތުން އެގައަމުގެ އަމާޒަކީ އެމެރިކާއާއި ނޭޓޯގެ އެހީގައި ހަނގުރާމަކޮށްގެން ރަޝިއާ އަސްކަރީގޮތުން ބަލިކޮށް ރަޝިއާ މުޅިން އިނދަޖައްސާލުމެވެ. ނަމަވެސް މިއީ ޔުކްރެއިން އަށް ކުރެވިދާނެކަމެއް ކަމާމެދު ގިނަ ތަޖުރިބާކާރުން ސުވާލު އުފައްދައެވެ. ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިން ބިމާހަމަވެ ޔުކްރެއިންގެ އެތައް މިލިޔަން ބަޔަކު ރެފިއުޖީންނަށްވެ ޔުކްރެއިން އިގްތިސާދީ ގޮތުން އިނދަޖެހެމުންދާއިރު ވެސް ޔުކްރެއިންގެ ހަމަލާތަކުގައި ރަޝިއާއަށް ލިބޭ ގެއްލުމެއް ލިބެނީ ޔުކްރެއިންގެ ތެރޭގައި ހަނގުރާމަކުރާ ރަޝިއާ ސިފައިންނަށެވެ. ރަޝިއާގެ އެތެރެއަށް ހަމަލާދެވޭވަރުގެ ގާބިލްކަމެއް ޔުކްރެއިން އަކުން ނުފެނެއެވެ.