01 Nov 2022, 15:54
މިއަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ ޖަޕާނު ޓީމުން ނިކުންނާނީ ކުއާޓާ ފައިނަލުގައި ކުޅެން ކަމަށް އެ ޓީމުގެ ކޯޗު ހިޖިމް މޮރިޔަސޫ ބުނެފިއެވެ.
ޖަޕާނުގެ ތާރީޚްގައި ވެެސް ގަދަ 16 އަަށްވުރެ ދުރަށް ޖަޕާނަށް ދެވިފައިނުވާއިރު މޮރިޔާސޫ ގަބޫލުކުރަނީ މިއަހަރުގެ މުބާރާތަށް އެ ޓީމުގައި ވަރުގަދަ ސްކޮޑެއް އޮތްކަމަށެވެ.
އޭނާ ބުނީ ޖަޕާނުގައި މޮޅަށް ކުޅޭ އަދި ގަދަ އަޅާ މަސައްކަތްކުރާ ގިނަ ކުޅުންތެރިންތަކެއް ތިބިކަމަށެވެ.
އޭނާ ވަނީ ސެލްޓިކްއާއެކު މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅެމުންއަންނަ ކޮޔޯގޯ ފުރުހަށި ވޯލްޑްކަޕް ސްކޮޑުން ބާކީކޮށްފައެވެ. އަދި ޖަޕާނުގެ ވިސެލްކޯބަށް ކުޅެމުންއަންނަ ޔޫޔާ އޮސާކޯ ވެސް ވަނީ ވޯލްޑްކަޕް ސްކޮޑުން ބޭރުކޮށްފައެވެ. އޮސާކޯ އަކީ 2018 ވަނަ އަހަރު ވޯލްޑްކަޕްގައި ޖަޕާންގެ އެންމެ ކުރިއަށް ކުޅުނު މޮޅު ކުޅުންތެރިއެކެވެ.
މީގެއިތުރުން ޖަރުމަނު ބޮންޑަސް ލީގާގެ ޔޫނިއަން ބާލިންއަށް ކުޅޭ އިތުބާރު މިޑްފީލްޑަރު ގެންކީ ހަރުގުޗީ ވެސް ވަނީ ސްކޮޑުން ބާކީ ކޮށްފައެވެ. އޭނާ އަކީ ޖަޕާން 2018 އަހަރު ވޯލްޑްކަޕްގެ ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހި ކުޅުންތެރިއެކެވެ.

ޖަޕާނު ގައުމީ ޓީމު ކުޅުންތެރިން ---
އެ ކުޅުންތެރިން ސްކޮޑުން ބާކީ ކުރުމުން ޖަޕާނުގެ ކޯޗު މޮރިޔަސޫއަށް ވަނީ ވަރަށް ބޮޑަށް ޖަޕާނުގެ ސަޕޯޓަރުން ފާޑު ކިޔައިފައެވެ. އޭނާ ބުނީ އެ ކުޅުންތެރިންނަށް ފުރުސަތު ދޭން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.
މޮރިޔަސޫ ބުނީ ތަޖުރިބާ ހުރި ކުޅުންތެރިންނަށްވުރެ މި މުބާރާތަށް ޖަޕާނުން ފުރުސަތު ދޭންބޭނުންވަނީ ތަޖުރިބާ މަދު ނަމަވެސް މޮޅުވާން ކެނޑިނޭޅި މަސައްކަތްކުރާ ކުޅުންތެރިންނަށްކަމަށެވެ.
ޖަޕާނު ވޯލްޑްކަޕްގައި ހިމެނިފައިވަނީ ގްރޫޕް އީގައެވެ. އެ ގްރޫޕްގައި ޖަޕާނާއެކު ދެން ހިމެނެނީ ދުނިޔޭގެ ގަދަބާރު ސްޕެއިންއާއި، ޖަރުމަނުގެ އިތުރުން ކޯސްޓަރީކާއެވެ.
ވޯލްޑްކަޕްގައި ޖަޕާނުން ކުޅޭ ފުރަތަމަ މެޗުގައި ޖަޕާނު ނުކުންނާނީ މި މަހުގެ 23 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށެވެ.