އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް އޮފާ ފުރަތަމަ ލިބުނީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ކަމަށާއި އެކަމަށް ބިޑް ކުރުމަށް ފަހު ބިޑް އަނބުރާ ގެންގޮސްފައިވަނީ ފައިސާ ނެތުމުގެ ސަބަބުން ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

ރާއްޖޭގައި މިފަހަރުގެ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް އެއް މިލިއަން ޑޮލަރަށް ގަނެފައިވަނީ މީޑިއާ ނެޓުންނެވެ. އެއަށް ފަހު އެކުންފުނިން ވަނީ ތިން ޗެނަލަކަށް ރައިޓްސް ވިއްކުމަށް ނިންމާފައެވެ. މިހާރު އޮތްގޮތުން ދައުލަތުގެ މީޑިއާއިން މިޖެހެނީ އަމިއްލަ ކުންފުންޏެއްގެ އަތުން ރައިޓްސް ގަންނާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގައި މިއަދު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް ފީފާއިން އެންމެ ފުރަތަމަ ހުށަހެޅީ ޕީއެސްއެމްއަށް ކަމަށެވެ. އެކަމަށް ޕީއެސްއެމްއިން ބިޑް ކުރުމަށް ފަހު ފައިސާ ނެތުމުގެ ސަބަބުން ބިޑް އަނބުރައި ގެނައީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމްއަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓުގައި ފައިސާ ނެތުމުން ޕީއެސްއެމުން ވަނީ އާންމުންގެ އަތުން ވަކި އަދަދަކަށް ފައިސާ ނަގައިގެން ވޯލްޑް ކަޕް މެޗުތައް ދެއްކުމަށް ނިންމާފައެވެ.

އާންމުންގެ އަތުން އަގެއް ނަގައިގެން ވޯލްޑް ކަޕް ދެއްކުމަށް ނިންމާފައިވާ ނިންމުމަށް ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ޕީއެސްއެމްއަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ) ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

ޕީއެސްއެމުން މިފަހަރުގެ ވޯލްޑްކަޕް ދައްކާނެތޯ ނުވަތަ ނޫންތޯ މީގެ ކުރިން ކަށަވަރުނުވެ އޮތީ ރައިޓްސް ފީގެ ގޮތުގައި ދައްކަން ޖެހޭ ތިން ލައްކައަށް ވުރެ ގިނަ ޑޮލަރު އޭރު ދެއްކިފައި ނުވާތީއެވެ. މިހާރު މީޑިއާ ނެޓާއެކު ހަދާފައިވާ އެގްރިމެންޓަކާއެކު ޔެސް ޓީވީއިން ވޯލްޑް ކަޕް ދެއްކުމަށް ވަނީ ނިންމައިފައެވެ.

ކުރިން ސަރުކާރުތަކުން އައީ ދިވެހީންނަށް ހިލޭ ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ މީޑިއާއަށް ފައިސާ ދެމުންނެވެ. ސަރުކާރުން ފައިސާ ނުލިބޭ ހާލަތްތަކުގައި ސްޕޮންސަރުންގެ އަތުން ފައިސާ ހޯދައިގެން ވެސް ޕީއެސްއެމުން ދިޔައީ ވޯލްޑް ކަޕް ދައްކަމުންނެވެ.