ރިޔާޟް (1 ނޮވެމްބަރު 2022): ނަސާރާއިން ފާހަގަކުރާ ދީނީ އީދެއްކަމަށްވާ ހެލޮވީން ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޟުގައި ވަރަށް ކުލަގަދަ ކަމާއެކު ފާހަގަކުރަމުން އެބަގެންދެއެވެ.

ކުރިން މި ބާވަތުގެ ޣައިރު ދީންތަކުގެ މީހުންގެ އީދުތައް ސައޫދީގައި ފާހަގަކުރުމަކީ މުޅިން މަނާކަމެކެވެ. އެއީ އެކަން ކުރުމުން ހައްޔަރު ކުރެވޭ ކުށެކެވެ. ނަމަވެސް މިހާރު މިއީ ހުއްދަކަމެކެވެ. މިކަން ހުއްދަކުރުމާ ދެކޮޅަށް ބަހެއް ބުނެލަންކެރޭ ސައޫދީ ދީނީ އިލްމުވެރިއެއްގެ ވާހަކައެއްވެސް ނީވެއެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ ނިޔުޔޯކް ޓައިމްސް ބުނާގޮތުން ސައޫދީގައި ނާސާރާއިންގެ ހެލޮވީން އީދު ފާހަގަކުރަނީ ސައޫދީ ސަރުކާރު ސްޕޮންސާ ކުރާ އަދި ސައޫދީ ފޮތިފިހާރަތަކާއި ތައްޔާރީ ހެދުން ވިއްކާ ފިހާރަތަކުން ޚަރަދުކޮށްގެން ބާއްވާ "ހޮރިބްލް ވީކްއެންޑް" އެއްގެ ގޮތުގައެވެ.

ސައުދީގައި ހެލޮވީން ފާހަގަކުރަނީ --

ނަސާރާ ގައުމުތަކުގައި ހެލޮވީން ފާހަގަކުރާގޮތަށް ސައޫދީ ވެރިރަށް ރިޔާޟްގައިވެސް ހެލޮވީންގެ ކުޅިވަރުތައް ހިންގީ ނުބައި ރޫޙުތަކުގެ ސިފަޖައްސާ ހެދުންލައިގެންނެވެ. އިބިލީހުގެ ނުވަތަ ޝައިތޯނާގެ ދަޅު ހުންނަގޮތަށާއި މުސަޅާއި އެނޫންވެސް ޖަނަވާރުތަކުގެ ކަންފަތް ހުންނަގޮތަށް ހަދާފައިވާ މާސްކްތައް އަޅައިގެންނެވެ. ޝައިތޯނާގެ އީދެއްގެ ގޮތުގައެވެ. ކޮންޒަވެޓިވް އިސްލާމީ ރަސްކަމެއް އޮންނަ ސައޫދީ އަރަބިއާއަކީ އިސްލާމް ދީނާ ޚިލާފު ކޮންމެ ކަމެއް ފާޅުގައި ކުރުން މުޅިން މަނާކޮށްފައި އޮތް ގައުމެކެވެ.

އިސްލާމީ އާދަތަކަށް ބެލިނަމަވެސް މުސްލިމް އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ވަރަށް ގިނަކަންކަމަކީ ސައޫދީ ބިދުއައިގެ ގޮތުގައި ދެކޭކަންކަމެވެ. އެހެންކަމުން ސައޫދީ އިލްމުވެރިން އެކަންކަން މަނާކުރައްވައެވެ. ދެހާސް އަށާރަ ވަނަ އަހަރު ސައޫދީގައި ހެލޮވީން ފާހަގަކުރަން އުޅުނު ބޭރު ގައުމެއްގެ އަންހެނުންތަކެއް ހައްޔަރުކުރިއެވެ. އެކަމަށް ބޭނުންކުރި ތަކެތި ސައުދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ.

ސައޫދީގައި ހެލޮވީން ފާހަގަކުރަނީ

ނަމަވެސް މިއަހަރު މުޅިން ތަފާތެވެ. ސައޫދީ ވެރިރަށް ރިޔާޟުގެ ބައެއް އަވަށްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ހެލޮވީން ދަނީ ފާހަގަކުރަމުންނެވެ. އަރަބި ނޫސްތަކާއި ރިޕޯޓްތައް ބުނާގޮތުން ސައޫދީގައި މިފަހަރު ހެލޮވީން ފާހަގަ ކުރުމުގައި ބައިވެރިވަނީ ހަމައެކަނި ބޭރު މީހުންނެއް ނޫނެވެ. ސައޫދީ ރައްޔިތުންވެސް ޚާއްސަކޮށް ޒުވާނުން ވަރަށް މަޖަލާއި ފޯރިއާއެކު ބައިވެރިވަނީއެވެ. ޝައިތޯނާގެ އީދު ފާހަގަކޮށް އޭގައި ބައިވެރިވަނީއެވެ.

ރިޔާޟްގެ ބައެއް އަވަށްތަކުން ހެލޮވީންގައި ފެންނަނީ ބިރުވެރި ރޫހުތަކުގެ ގޮތުގައި ހެދުންއަޅައިގެން އުޅޭ މީހުންނެވެ. މަރުވެފައިވާ މައްޔިތުންގެ ގޮތުގައި ތިބޭ މީހުންނެވެ.

މުހައްމަދު ބިން ސަލްމާނުގެ ސިފާގައި ހަދާފައިވާ ބުދެއް (ސްޓްޗޫ) އެއް ސައޫދީގައި ބަހައްޓަނީ

ނާސާރާއިން ދެކޭގޮތުގައި ހެލޮވީންއަކީ މަރުވެފައި ތިބޭ ނުބައި ރޫޙުތައް ތެދުވެގެން އައިސް ރަށުތެރޭގައި އުޅޭނެތީ އެރޫހުތަކަށް އޮޅުވާލުމަށް ގަބުރުތައް ގޮތަށް ބިރުވެރި ހެދުން އަޅައިގެން ހިންގާ ހަރަކާތެކެވެ. އެރޫހުތަކަށް އޮޅުވާލުމަށްޓަކައި ބިރުވެރި ސިފައަށް ހެދުންއަޅައި ބިރުވެރި މޭކަޕް ކޮށްގެން (ބިރުވެރި މޫނުމަތިތަކާއި މާސްކްތައް އަޅައިގެން) ހެލޮވީން ފާހަގަ ކުރުމަށްޓަކައި މަޖާކޮށް ޕާޓީ ބާއްވާ މިއުޒިކްޖަހާ ނަށާ ހަދައެވެ.

މި ހަރަކާތުގެ ތެރޭގައި މަޖާކޮށް ޕާޓީ ކުރުމާއި މިއުޒިކްޖެހުމާއި ނެށުންވެސް ކުރިޔަށް ގެންދަނީއެވެ. ދެ ޖިންސް މަސްހުނިކޮށްވެސް އެންމެ ރަނގަޅެވެ. ސައޫދީ ޒުވާން ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގެ ދަށުން ސައޫދީ މިހާރުވަނީ ވަރަށް ބޮޑަށް ހުޅުވާލާފައެވެ. މިއީ ހުޅުވާލުމުގެ ނަތީޖާ ކަަމަށްވެއެވެ. މިއީ ސައޫދީ ސަރުކާރުން މިހާރު ބޭނުންވާގޮތް ކަމަށްވެއެވެ. ކުރިން މަނާކުރި އެތައް ކަމެއްކުރުމަށް ވަނީ ހުއްދަ ދީފައެވެ.

ދީނުގެ ނަމުގައިވެސް ކުރިން ހަރާމްކުރި އެތައް ކަމެއް ވަނީ ހުއްދަކޮށްފައެވެ. ކުރިން ސައޫދީގައި މީހުންގެ ސޫރައިގާ ބުދު (ސްޓެޗޫ) ހެދުމާއި އެތަކެތި ބެހެއްޓުމަކީވެސް މަނާކަމެކެވެ. އެއްދުވަސްވަރެއްގައި ސައޫދީގައި ފޮޓޯވެސް ހަރާމް ކުރިއެވެ. ނަމަވެސް މިހާރު ސައޫދީގެ އެތައް ތަނެއްގައިވަނީ މުހައްމަދު ބިން ސަލްމާންގެ ސޫރައިގާ ބޮޑެތި ބުދުތައް ހަދައި އެތަކެތި ބަހައްޓާފައެވެ.