01 Nov 2022, 12:31
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި 3،700 އެނދު ތަރައްގީކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓެއް ކާމިޔާބުކަމާއެކު ކުރިއެރުވުމަށް އުތުރަށް 8،000 އެނދު ބޭނުންވާ ކަމަށެވެ.
ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުންކަން ފާހަގަކުރައްވައި މެމްބަރު ޔާސިރުވަނީ އެއާޕޯޓު ދެކޮޅު ޖެއްސުމަށް އުތުރުގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސް ހިމެނޭ ގޮތަށް 1،724 އެނދު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި 1،524 އެނދު މިހާރުވެސް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ. އަދި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހދ. ދިއްޕަރުފުއްޓާއި ހދ. ނާގޮށީގެ ފޭސް އެކެއް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހއ. ބެރިންމަދޫ، ށ. ހުރަސްފަރު، ނާއިންފަރުގެ އިތުރުން ކަނބާލިފަޅު ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއާއެކު 1،360 އެނދު އޮޕަރޭޝަނަށް އަންނާނެ ކަމަށް ބެލެވޭ،" މައުސޫމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަމުގެ 8،000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމަށް ރައީސުލުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައެވެ.
އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން އުތުރަށް ދަތުރުކުރުމަށް އަތުން ހޭދަވާ ޚަރަދު ބޮޑެވެ.
ނަމަވެސް، ހަނިމާދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއާޕޯޓާއެކު ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަން ފުޅާވެ، މި މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މިއީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އެއާޕޯޓާއެކު އުތުރުގެ ދަތުރުފަތުރުގެ ނިޒާމެއް އޮތުންވެސް ބޭނުންތެރި ކަމަށާއި، އެގޮތުން މިހާރު ހއ.، ހދ.، އަދި ށ. އަތޮޅަށް އާރްޓީއެލް ފެރީ ދަތުރުކުރާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ފުލް ކެޕޭސިޓީގައި ދުވާލަކު 1،780 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި، ފުރަތަމަ އަހަރު ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރެވޭއިރު، މިހާރު ހުރި އެނދުގެ އަދަދުން ކެޕޭސިޓީ ލިބޭނެ ކަމަށެވެ.