އެފްރިކާގެ ގައުމެއްކަމަށްވާ މަލަވީގެ ސުޕަ ލީގުގު މެޗެއްގައި މޮޅު ކުޅުންތެރިއަކަށް ދިރޭ ކުކުޅެއް ދީފިއެވެ.

މަލަވީ ސުޕަ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ބިގް ބުލެޓް އެފްސީއާއި ކަރަންގާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ބިގް ބުލެޓްގެ ހަސަން ކަޖޯކް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ދެ ގޯލު ޖަހައިގެންނެވެ.

އޭނާއަށް ދިން ކުކުޅަކީ ސަޕޯޓަރުންގެ ފަރާތުން ހުށަހެޅި އިނާމެކެވެ. އެ އިނާމު ހަވާލުކޮށްފައި ވަނީ ވެސް ކުޅުންތެރިންގެ ފަރާތުންނެވެ.

މޮޅުކުޅުންތެރިއާއަށް ކުކުޅު ހަދިޔާ ކުރަނީ ---

ކަޖޯކްއަށް ދިން ހުދު ކުލައިގެ އެ ކުކުޅުގައި ވަނީ އެނާގެ ކުލަބު ބިގް ބުލެޓުގެ ކުލަ ކަމަށްވާ މަޑު ރަތް ކުލަ ޖައްސާފައެވެ. އަދި އެ ކުކުޅު ދަނޑަށް އަރުވާފައިވަނީ ފޮށި ގަނޑެއްގައި ބަންދުކޮށްގެންނެވެ.

އެފްރިކާގެ ގައުމު ތަކުގައި އާންމުކޮށް މެޗުތަކުގެ މޮޅު ކުޅުންތެރިންނަށް ތަފާތު އިނާމުތައް ދެއެވެ. އެގޮތުން ގާނާގައި ދާދިފަހުން ވަނީ މެޗެއްގެ މޮޅު ކުޅުންތެރިއާއަށް ފައިވާނެއް ދީފައެވެ. އަދި ސައުތު އެފްރިކާގައި މޮޅުކުުޅުންތެރިޔާއަށް ފަސް ޖީބީ މޯބައިލް ޑޭޓާ ދޭއިރު ބޮޓްސްވާނާގައި ވަނީ ކާޑުގެ ބާވަތްތައް ދީފައެވެ. މީގެ ކުރިން މަލަވީގައި ވަނީ ދިރޭ ގެރިއާއި ބަކަރި ވެސް ކުޅުންތެރިންނަށް ހަދިޔާ ކޮށްފައެވެ.