01 Nov 2022, 11:46
އަންނަ މަހު ގަތަރުގައި ފަށާ ވޯލްޑްކަޕަށް 19 ދުވަހަށް ގާތްވެފައިވަނިކޮށް ބެލްޖިއަމްގެ އިތުބާރު ފޯވަޑް ރޮމެލޫ ލުކާކޫއަށް އަނިޔާވެއްޖެއެވެ.
އިންޓަ މިލާނަށް ކުޅެމުންއަންނަ ލުކާކޫއަށް އަނިޔާވިކަން އެންގުމަށް އެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ޓީމުން ވަރަށް ގަތުން އޭނާގެ އަނިޔާގެ ކަންކަން ބަލަމުން އަންނަކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އިތުރު ޓެސްޓުތައް ހެދުމަށްފަހު އަނިޔާގެ އިތުރު މައުލޫމާތު ދޭނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ނަމަވެސް އިޓަލީގެ މަޝްހޫރު ނޫހެއްކަމަށްވާ ފުޓްބޯލް އިޓާލާއިން ރިޕޯޓުކުރާ ގޮތުގައި ލުކަކޫއަށް މި އަހަރު ތެރޭގައި ދެން ކުޅުމުގައި ބައިވެރި ނުވެވޭނެއެވެ. ވޯލްޑުކަޕަށް 19 ދުވަހަށް ކައިރި ވެފައިވާއިރު ވޯލްޑްކަޕަށް އޭނާ ފިޓު ނުވާނެކަމަށް ވަރަށް ބޮޑަށް ހީވާކަމަށް އެ ނޫހުން ބުނެއެވެ.
ލުކަކޫއަކީ ބެލްޖިއަމްއަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ތިން ވަނަ ހޯދި ބެލްޖިއަމް ޓީމަށް އެ މުބާރާތުގަައި އެންމެ ގިނަ ގޯލު ޖަހައިފައިވަނީ ލުކަކޫއެވެ. އޭނާ ވަނީ އެ މުބާރާތުގައި ހަތަރު ގޯލު ޖަހައިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް، ލުކާކޫ ނެތްތަން ފޫބެއްދުމަށް ބޭނުންކުރާނީ އޭސީ މިލާންގެ ޑޭވިޑް އޮރިގީގެ އިތުރުން ފެނެބާޗޭއަށް ކުޅެމުން އަންނަ މިޝީ ބަޓްޝުއާއީއެވެ.
ބެލްޖިއަމް ވޯލްޑްކަޕްގައި ހިމެނިފައިވަނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕްގައި ބެލްޖިއަމްގެ އިތުރުން ދެން ހިމެނެނީ ކެނެޑާއާއި، މޮރޮކޯގެ އިތުރުން ކްރޯޝިއާއެވެ.
ބެލްޖިއަމްގެ ފުރަތަމަ މެޗުގައި ބެލްޖިއަމް މި މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.