01 Nov 2022, 10:11
އަންނަމަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕުން އިރާން ބޭރުކުރުމަށް ޔޫކްރޭންއިން ފިފާގައި އެދިއްޖެއެވެ.
ޔޫކްރޭންއިން އެގޮތަށް ފީފާގައި އެދިފައިވަނީ ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައަށް އިރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ބުނެއެވެ.
ޔޫކްރޭންއިން ބުނެފައިވަނީ ފީފާގެ އިންސާނީ ހައްގުތަކާއި، ތަފާތުކުރުމާ ބެހޭ ގާނޫނާ އިރާން ޚިލާފުވެފައިވާކަމަށެވެ. އެކަމުގެ ޝަކުވާ ޔޫކްރޭންގެ އިތުރުން ގަތަރުން ވެސް ވަނީ ފީފާއަށް ހުށަހަޅާފައެވެ.
މިދިޔަ މަހު ރަޝިއާއިން ޔޫކްރޭންއަށް ދިން ހަމަލާތަކުގައި އިރާންގެ ހަތިޔާރު ބޭނުންކޮށްފައިވާކަމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ރަޝިއާގެ ހަމަލާތަކާ ގުޅިގެން ކަންބޮޑުވެ ވަޑައިގެން ހުންނެވި ޒެލެންސްކީ ވެރިރަށް ކިޔޭވްގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ ރަޝިއާއިން އިއްޔެ ޔޫކްރެއިންއަށް ދިން ހަމަލާތަކުގައި 87 މިސައިލާއި 24 ޑްރޯން ބޭނުން ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އީރާނުން އުފައްދާފައިވާ ބަލިސްޓިކް މިސައިލާއި ޑްރޯންތައް ހިމެނޭ ކަމަށެވެ.
ރަޝިއާގެ ހަމަލާތަކުގައި އީރާނުގެ ހަތިޔާރު ބޭނުންކުރިކަމަށް ޒެލެންސްކީ ކުރެއްވި ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ކަންއާން ނާސިރު ވިދާޅުވިގޮތުގައި ރަޝިއާއާއި އީރާނާދެމެދު ވަރުގަދަ އަސްކަރީ ގުޅުންތަކެއް އޮވެއެވެ. ނަމަވެސް ޔޫކްރެއިނަށް ހަމަލާދިނުމަށްޓަކައި އީރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވޯލްޑްކަޕް ފެށެން 19 ދުވަހަށް ގާތްވެފައިވަނިކޮށް އިރާން އެ މުބާރާތުން ބޭރު ނުކުރާނެއެވެ. އެ ގައުމު އެހާ ދުވަސް ގާތްވެފައި ވަނިކޮށް ބޭރުކޮށްފިނަމަ ގާނޫނީ ގޮތުންނާނައި އެހެންނިހެން ގޮތްގޮތުން މުބާރާތަށް އަސަރު ފޯރާފާނެކަމަށް އެ އިދާރާއިން ގަބޫލުކުރާކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އިރާންގެ ގައުމީ ޓީމް---
ޔޫކްރެއިންއަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔޫއެފާ އާއި ފީފާ އިން ރަޝިއާގެ ޓީމުތައް ފުޓްބޯޅައިގެ ހަރަކާތްތަކުން ވަނީ ސަސްޕެންޑުކޮށްފައެވެ.
ރަޝިއާގެ ދިދައިގެ ދަށުގައި އެ ގައުމުގެ ގައުމީ ސަލާމް ޖަހައިގެން އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް ފީފާއިން ވަނީ ނިންމައިފައެވެ. އެ އިދާރާއިން ބުނެފައިވަނީ ރަޝިއާ އިން ދެން ފީފާގެ މެޗުތައް ކުޅެން ޖެހޭނީ "ފުޓްބޯލް ޔޫނިއަން އޮފް ރަޝިއާ"ގެ ނަމުގައެވެ.
ވޯލްޑްކަޕް ކޮލިފިކޭޝަންގެ މެޗުތައް ކުޅެމުންއައި ރަޝިއާ ވޯލްޑްކަޕަށް ކޮލިފައިވާން ފިޔަވަޅަކަށް ގާތްވެފައި ވަނިކޮށް އެ ގައުމު ސަސްޕެންޑު ކުރުމުން އެ ގައުމަށް ޖެހުނީ ވޯލްޑްކަޕާ ވެސް ދުރަށް ދާށެވެ.
އެ ގައުމުން ޔޫކްރޭންއަށް ދެމުންއަންނަ ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ރަޝިޔާއަށް ފާޑުކިޔައި ޔޫކްރޭންއަށް ހިތްވަރުދެމުންނެވެ. އެގޮތުން މި މަހު ފަށާ ވޯލްޑްކަޕްގައި ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ޔޫކްރޭންގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑެއް އަޅަން ވަނީ ނިންމާފައެވެ.
ލެވެންޑޯސްކީ ޔޫކްރޭންގެ ކެޕްޓަން ބޭންޑު އަޅަނީ ރަޝިއާ، ޔޫކްރޭން ހަނގުރާމައިގައި ސުންނާފަތިވެފައިވާ އެ ގައުމުގެ އެއްބައިވަންތަކަން ރަމްޒުކޮށްދިނުމަށެވެ.
ވޯލްޑްކަޕްގައި އިރާން ހިމެނިފައިވަނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި އިރާންގެ އިތުރުން ހިމެނެނީ އިންގްލޭންޑު، ވޭލްސްގެ އިތުރުން އެމެރިކާއެވެ. އިރާންގެ ފުރަތަމަ މެޗުގައި އެ ގައުމު ނިކުންނާނީ އިންގްލޭންޑާ ދެކޮޅަށެވެ.