05 Apr 2012, 12:47
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ސައިޕްރަސްގެ އަޕޮއެލް އަތުން 5- 2 އިން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ޖަގައެއް ހޯދައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗު ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑް އެޓީމަށް ނަގައި ދިނީ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި އޭނަ ވަނީ މެޗުގެ ތިން ވަނަ ލަނޑުވެސް ރެއާލްއަށް ކާމިޔާބު ކޮށްދީފަ އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި ރެއާލް ކުޅުނު ދެ މެޗުން 8- 2 ގެ އެގްރިގޭޓް ނަތީޖާއެއް ރޭ ނެރުނުއިރު، މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކަކާ އެވެ. އަދި ރެއާލްގެ އަނެއް ދެ ލަނޑު ދެ ވަނަ ހާފު ނިމެން އުޅެނިކޮށް ޖަހައިދިނީ ހޯސޭ ކަލިޔޮން އަދި އެންޖެލް ޑިމަރިއާ އެވެ.
ނުވަ ފަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފައިވާ ރެއާލް ކޮޅަށް، އިދިކޮޅު އަޕޮއެލް އިންޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ގުސްޓާވޯ މަންޑުކާ އެވެ. އަދި އެޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑްއެސްޓަބަން ސޮލާރީ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ލީޑް ނެގުމުން އުފާވާ ކަމަށާއި ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި ރެއާލް އަތުން ބަލިވެ މުބާރާތުން ކެޓި އަޕޮއެލް އަކީ މޮޅު ޓީމެއް ކަމަށާއި ސެމީއިން ޖާގަ ހޯދުމަށް އެޓީމުގެ ކުޅުން ތެރިން ދެކި ކުޅުމަކީ މޮޅު ކުޅުމެއް ކަމަށް މޮރީނިއޯ ބުންޏެވެ.
" ކުރިއަށް ދެން އޮތީ ބޮޑެތި މެޗްތައް. ކާމިޔާބީއެއް ހޯދުމަށް ރެއާލް މަސައްކަތް ކުރާނީ އަބަދުވެސް އާ ހިތްވަރަކާއެކު،"މޮރީނިއޯ ބުންޏެވެ.
މުބާރާތުގެ ސެމީގައި ރެއާލާ ދެކޮޅަށް ނުކުންނާނީ ބަޔާން މިއުނިކެވެ.