31 Oct 2022, 21:45
ރާއްޖޭގެ މަޝްހޫރު ސްޓްރީމިން އެޕް، ބައިސްކޯފުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި "ޗަނާޗާ 2022" ޝޯގައި ބައިވެރިވުމަށްފަހު، ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާ އާއި އޭނާގެ ޓީމް ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި ޗުއްޓީހޭދަކުރަމުން އެބަދެއެވެ.
"މަނިކޭ މަގޭ ހިތޭ" ލަވައިން ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ މިދިޔަ ބުރާސްފަތިދުވަހު ރާއްޖެއައީ "ޗަނާޗާ 2022"ގައި ބައިވެރުވުމަށެވެ. އެ ޝޯއަށް ބޮޑު ތަރުހީބެއް ލިބި ކާމިޔާބުކަމާއެކު ނިންމާލާފައި ވާއިރު، މިއީ ޔޮހާނީ ރާއްޖެއައި ފުރަތަމަ ފަހަރެވެ.

ޔޮހާނީއާއި އޭނާގެ ޓީމް ހައިޑްއަވޭ ރިސޯޓުގައި ޗުއްޓީ ހޭދަކުރަނީ
"ސަން"އަށް މީގެކުރިން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ރާއްޖޭގެ ރީތިކަން ދެކިލަން އޭނާ ކެތްމަދުވެފައި ވާކަމަށެވެ. އޭނާ ރިސޯޓަށް ދިޔައީ އިއްޔެއެވެ.
މާދަމާ ހއ. ދިއްދުއަށް ޔޮހާނީ ދިއުމަށް ވަނީ ނިންމައިފައެވެ. އެ ރަށުގައި އޭނާއަށް ސަޕޯޓްކުރާ މީހުންނާއެކު ޔޮހާނީ ވަގުތު ހޭދަ ކުރާނެއެވެ.
ޔޮހާނީ ޗުއްޓީ ހޭދަކުރާ ހައިޑްއަވޭ ރިސޯޓަކީ ހއ. ދޮނަކުޅީގައި ތަރައްގީކޮށްފައިވާ ފަސްތަރީގެ ރިސޯޓެކެވެ. މި ރިސޯޓަކީ ރާއްޖޭގައި ފުރަތަމަ ޔޮޓް މެރީނާއަކާއެކު ހުޅުވި ރިސޯޓެވެ. އެ ޔޮޓް މެރީނާގެ ބޮޑު މިނުގައި ހުންނަނީ 297,000 އަކަމީޓަރެވެ.

ޔޮހާނީއާއި އޭނާގެ ޓީމް ހައިޑްއަވޭ ރިސޯޓުގައި ޗުއްޓީ ހޭދަކުރަނީ
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައިވާ ގޮތުން އެ ރިސޯޓުގައި އެކި ފެންވަރުގެ މަތީ ފަންތީގެ 103 ވިލާ ހުރެއެވެ. ބީޗް ފްރޮންޓަށް ވާގޮތަށް ހުންނަ ކޮޓަރިތަކާއި ބަގީޗާއާ އެކު ހަދާފައި ހުންނަ ފެމެލީވިލާތައް ވެސް ހިމެނޭ ގޮތަށް ޓޫރިސްޓުން މަޑުކުރުމަށް އަށް ވައްތަރެއްގެ ކޮޓަރި އެ ރިސޯޓުގައި ހުރެއެވެ. އޭގެ އިތުރުން މިހާރު އެ ރިސޯޓުގައި 50 މޫދު ކޮޓަރި ވެސް ހުރެ އެވެ.

ޔޮހާނީއާއި އޭނާގެ ޓީމް ހައިޑްއަވޭ ރިސޯޓުގައި ޗުއްޓީ ހޭދަކުރަނީ
ދިވެހި ކުންފުންޏެއް ކަމަށްވާ ދޮނަކުޅި އިންވެސްޓްމަންޓުން ތަރައްގީކޮށް ހިންގާ މި ރިސޯޓުގައި ބޮޑު ބީޗަކާއި ސުވިމިން ޕޫލެއްގެ އިތުރުން ރެސްޓޯރެންޓެއް ވެސް ހުރެއެވެ. މި ތަނުގައި ވެޖިޓޭރިއަނުން ނަށް ހާއްސަ ކެއުންތަކާއި ދިވެހި ރަހަތައް ހިމެނޭ ގިނަ ބާވަތްތަކުގެ ކެއުންތައް ލިބެން ހުރެއެވެ.
ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ފަރުމާކޮށްފައި ވަނީ "ހެލްތް އެންޑް ވެލްނަސް"ގެ ގޮތުގައި ސްޕާގެ ހިދުމަތް ބޭނުންކުރަން ރާއްޖެ އަންނަ ޓޫރިސްޓުންގެ އެންމެ ބޭނުންވާ ގޮތަށެވެ.