މަޝްހޫރު އެކްޓަރު ޑްވޭން "ރޮކް" ޖޯންސަން ނުވަތަ "ދަ ރޮކް" ލީޑް ރޯލުން ފެންނަ ޑީސީގެ އެންޓި ހީރޯ ފިލްމު "ބްލެކް އެޑަމް" ސިނަމާތަކުގައި އަޅުވަމުން އަންނައިރު މިހާތަނަށް 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

ކޮމިކްގައި ވިލަނެއްގެ ރޯލުން ފެންނަ ބްލެކް އެޑަމް ވަނީ ވޯނާ ބްރޮސްގެ ފިލްމަކަށް ހެދިއިރު "އެންޓި ހީރޯ" އަކަށް ހަދާފައެވެ. މާނައަކީ ވިލަން ކުރާ ފަދަ ބައެއް ކަހަލަ ގޯސް ކަންތައް ކުރި ނަމަވެސް އެންމެ ފަހުން ރަނގަޅު ގޮތުގައި ތިބޭ މީހުންނަކީ އެންޓި ހީރޯއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްލެކް އެޑަމް ދައްކަން ފަށާފައިވަނީ މިދިޔަ މަހުގެ 21ގައެވެ. އެއާއެކު ފިލްމަށް ލިބޭ ރިވިއުތައް އެހާ ރަނގަޅެއް ނޫނެވެ. އެގޮތުން އެންމެ ފުރަތަމަ ފިލްމުގެ ރިވިއު ރޮޓެން ޓޮމާޓޯސްގައި 60 ޕަސެންޓާ ގާތް ކުރިއިރު މިހާރު ރޭޓިން އިނީ 39 ޕަސެންޓުގައެވެ.

ފިލްމުގެ ރޭޓީން ދަށް ނަމަވެސް އެ ފިލްމަށް އަންނަނީ ބޮޑު އާމްދަނީއެއް ލިބެމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ފިލްމަށް ލިބިފައިވާ އާމްދަނީ 250 މިލިއަން ޑޮލަރަށް އަރައެވެ. އޭގެތެރެއިން 111 މިލިއަން ޑޮލަރަކީ އެމެރިކާއިން ލިބުނު އާމްދަނީ އެވެ. ބޮކްސް އޮފީހުގެ ޗާޓުގެ އެއްވަނައިގައި މިވަގުތު އޮތީ ބްލެކް އެޑަމްއެވެ.

ނަމަވެސް އެ އާމްދަނީ އަކީ، ފިލްމުގެ ބަޖެޓާ އަޅާ ބަލާނަމަ ބޮޑު އަދަދެއް ނޫނެވެ. އެ ފިލްމު ތައްޔާރުކުރުމަށް 200 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. އެ އަދަދަކީ ޓުއާތަކާއި ޕްރޮމޯޝަންތަކަށް ހޭދަކޮށްފައިވާ ފައިސާ ނުގުނާ ހިމަނާފައިވާ ބަޖެޓެވެ.

ބެލުންތެރިންގެ ފަރާތުން ފިލްމަށް އެންމެ އެކަށީގެންވާ ރައްދެއް ލިބިފައި ނުވާތީ ފިލްމުގެ ދެވަނަ ބައެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.