ޑިޒްނީގެ ދަށުން ހިންގާ މާވެލް ސްޓޫޑިއޯސް އިން ނެރޭ ސުޕަހީރޯ ފިލްމުތަކާއި ޝޯތަކުގެ ތެރެއަށް މަޝްހޫރު ކެރެކްޓަރު "ވިޝަން"ގެ އަމިއްލަ ޝޯ އެއް އިތުރު ކުރުމަށް ނިންމައިފިއެވެ.

ޑިޒްނީގެ ސްޓްރީމިން ސާވިސް ކަމަށްވާ "ޑިޒްނީ ޕްލަސް" އަށް ވިޝަންގެ އަމިއްލަ ޝޯއެއް ގެނައުމަށް ނިންމާފައިވާއިރު މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ ބޮޑެތި ފިލްމުތަކުން ވިޝަން ވަނީ ފެނިގެން ގޮސްފައެވެ.

އޭއައި އެއް ގޮތުގައި އުފެއްދި ވިޝަން އަމިއްލަ ހިއުމަނޮއިޑަކަށް ވެ އެންމެ ފުރަތަމަ ފެނިފައިވަނީ އެވެންޖާސް ފްރެންޗައިޒްގެ ފިލްމަކުންނެވެ. އެއަށްފަހު އާންމުކޮށް ފެނިގެން ގޮސް އެންމެ ފަހުން ވިޝަން ކެރެކްޓަރު ފެނިފައިވަނީ މިދިޔަ އަހަރު ޑިޒްނީ ޕްލަސްއިން ނެރުނު "ވާންޑާވިޝަން" ޝޯއިންނެވެ.

އެއަށްފަހު ވިޝަންގެ ކެރެކްޓަރަށް ވާނެ ގޮތެއް ހޯދުމަށް ފޭނުން ތިބީ ކެތްމަދުވެފައެވެ. މިކަމަށް ރައްދު ދެމުން ޑިޒްނީ އިން ހާމަކޮށްފައިވަނީ މިހާރު ވިޝަންއަށް ޝޯއެއް ތައްޔާރުކުރަން ފަށާފައިވާ ކަމަށެވެ.

އަލަށް ތައްޔާރުކުރާ ޝޯ ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ކުރާނީ ޖެކް ޝޭފާއެވެ. ޖެކް އަންނަނީ މިހާރުވެސް ވާންޑާ ވިޝަންގެ އިތުރު ސްޕިން އޮފް ޝޯއެއްގެ މަސައްކަތް ކުރަމުންނެވެ.

އަލަށް ނެރޭ ވިޝަން ޝޯ އާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވިޝަންގެ ރޯލުން ފެންނަ ޕޯލް ބެޓަނީ އެ ރޯލަށް އެނބުރި އަންނާނެއެވެ. އެހެންނަމަވެސް އެ ޝޯ ނެރޭނެ ދުވަހެއް އަދި އެ ޝޯގައި ކާސްޓުންގެ ގޮތުގައި ހިމެނޭ އިތުރު އެކްޓަރުންގެ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.