"ހަޔާތުގައި ހެދޭ އެންމެ ބޮޑު ގޯހަކީ ތިބާއަށް ވަގުތު އެބައޮތްކަމަށް ހީކުރެވުމެވެ."

***

"ފިކުރު ތަފާތުކަމުން. އެކުއްޖާ މިގެއަށް އަޔަސް މޫނު ނުނަގާ އުޅެންޖެހޭނީ؟"

"ނޫން. މިގެއަށް އައުމުން އެކުއްޖާ ބަދަލުވާނެ. މޫނުބުރުގާ ނަގާނެ. ފިކުރުވެސް ބަދަލުވާނެ. ބަލަން ހުންނައްޗޭ ސޭމް....................."ޝުވޭކާރުގެ ޔަގީންކަން އޮތެވެ.

"މަންމައަށް ތިހާ ބޮޑު ޔަގީންކަމެއް އޮތިއްޔާ އަޅުގަނޑު ކިޔާނެ އެއްޗެއްނެތް..." ހުސާމް ހަތިޔާރުބެހެއްޓިއެވެ." އާރި. ކޮންއިރަކު ފަހަރި މިގެއަށް ގެންނަނީ؟"

"ނޭގޭ...."އާރިސް އެތަނުގައި ހުރި ފިނިފެންމާގަހުގައި ފޮޅިފައިވާ އެތައް ސަތޭކަ ފިޔާތޮށި މާތަކުން އެކަތި ބިނދެލަމުން ވަސްބަލައިލިއެވެ. އާރިސް އަންހެންކުއްޖެއް ފަދައިން އުޅެނީ މަލްޓިޕްލް ޕާސެނެލިޓީ ޑިސްއޯޑާރވެސް ހުރީ ހެއްޔޭ ހުސާމް ހިތަށް އެރިއެވެ. އާރިސްގެ އަމަލުތައް ދެކެން އެންމެން ތިބީ ހިމޭނުންނެވެ. ކަންބޮޑުވެފައެވެ. ކުއްލިއަކަށް އާރިސްއަށް އެއައި ބޮޑު ބަދަލު ދެނެގަންނަން ނުކުޅެދިފައެވެ.

"ތިއްތި. އެކުއްޖާގެ ނަމަކީ ކޮބާ؟"މިނަލް ކަރުކެހިލިއެވެ.

"ހަނދާނެއްނެތް. އެކުއްޖާ ހުންނަގޮތެއްވެސް ނޭގޭ. ބަޓް....."އާރިސް ޖުމްލަ މެދުކަނޑައިލަމުން ކޮފީތަށީގައި ދެއަތުން ހިފަހައްޓާލައިގެން ނަޒަރު ތިރިކޮށްލައިގެން އިނެވެ. އެންމެން ކޮފީ ބޮއި ނިންމިއިރުވެސް އާރިސް ގާތު ބުނެ ބުނެ އެއްޗެއް އަނގަޔަށް ލީއެއް ނޫނެވެ.

"އާރި. ކޮފީތަށި ހިހޫވަނީނު. ބަނޑުހައިނުވޭތަ؟ ދަރިފުޅު ހިކެން ފަށައިފި......."ޝުވޭކާރު ޕިއްޒާ ތަށި ކައިރިކޮށްލަދިނެވެ.

"އޭނަ ބުނީ ނުކާށޭ. ................"އާރިސް މަޑުމަޑުން ބުނެލިއެވެ."ޔޫ އާ ގޮއިން ޓު ހާޓް މީ....."

"ކާކު އެހެން ބުނީ؟"

"ދަ ވޮއިސް......އަބަދުވެސް އެ އަޑުތަކުގެ ސަބަބުން އުދަގޫވޭ. ތަކުރާރުކޮށް ބުނަނީ އެހެން......." އާރިސް ކޮފީތަށި ދުރުކޮށްލިއެވެ."މިވެސް ނުބޮވޭނެ........"

ޝުވޭކާރުގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެ މަންޒަރު ފެނުމުން މައިމޫން އަންހެނުންގެ ބުރަކަށީގައި ފިރުމައިލީ ތަސައްލީދޭފަދަ ގޮތެކެވެ. އެ ނަޒަރުގައި ހިތްވަރުދިނުމާއި ކުލުނު އެކުލެވުނެވެ. އެންމެންވެސް އާރިސްއާއި ދިމާލަށް ބަލަން ތިބީ ކަންބޮޑުވެފައެވެ. ބުނަންވީ އެއްޗެއް ހަދަންވީގޮތެއްވެސް ނޭގި ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. އާރިސްއަށްޓަކާ އެއިން ކޮންމެ ހިތެއްގައިވީ ޚާއްސަ ޖާގައެކެވެ.

"އެއީ އިންސާނުންނެއްނޫން..ޝައިތާނުންތައް......."

"ހަގުރާމަކުރަންވީ..."

"ކިހިނެއްތަ ސޭމް؟" އާރިސްގެ ނަޒަރުގައި ހުސްކަމެއްވިއެވެ.

***

ޝުވޭކާރު ފަސްޖެހިފައި ހުރެ ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވައިލީ ނަބީލާއެވެ. ދޮރުމަތިން ފެނުނު ސޫރައަކުން ނަބީލާގެ މޫނުމައްޗަށް އެތައް ކުލަތަކެއް ވެރިވެގެން ދިޔުމާއެކު ގަދަކަމުން ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވިއެވެ. މަގުއޮޅުނީހެއްޔޭ އެ ދެލޯ އަހާފަދައެވެ.

"އައްސަލާމް އަލައިކުމް..." ޝުވޭކާރުގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.

"ވައަލައިކުމުއް ސަލާމް..."

"އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟ ވަރަށް ބޮޑު ވާހަކައެއް ދައްކައިލަން މިއައީ.............."

އޯ. އަވަހަށް ވަންނަވާ...."ނަބީލާ މަޑުމަޑުން ދޮރު ލައްޕައިލަމުން އިށީންނަން އިޝާރާތްކޮށްލައިފިއެވެ. އިރުގަނޑެއްފަހުން ފެނުނީ ދެމީހުން ސިޓިންރޫމް ސޯފާގައި އޮރެންޖް ޖޫހަށް އިންސާފުކުރަމުން ވާހަކަދައްކަން ތިބިތަނެވެ. ދެމީހުންގެ މޫނުމަތިންވެސް ފެނުނީ ސީރިޔަސްކަމެވެ. ފުރަތަމަ ނަބީލާއަށް ހީކުރެވުނީވެސް އާރިސްއަށް އޭނަގެ ދަރިފުޅު ދާނިޔާ ކަމުދިޔައީ ކަމަށެވެ. އެކަމަކު އެ ވާހަކަދައްކަމުންގޮސް މޫނު ބުރުގާ އަޅައިގެން ހުރި ކުއްޖެކޭ ޝުވޭކާރު ބުނުމާއެކު ނަބީލާގެ ހިތަށް މާޔޫސީކަން ވެރިވިއެވެ. ޝުވޭކާރުގެ ދަރިފުޅުގެ ލޮލުގައި އަޅައިގަތީ ދާނިޔާ ނޫންކަން ޔަގީންވިއެވެ.

"އަދާރާއަކީ މަގޭ ދަރިއެއް ނޫން. މަގޭ ދަރިފުޅު ދާނިޔާގެ ގާތް އެކުވެރިއެއް. ކޮލެޖުން ދިމާވެގެން އެކުވެރިކަން އުފެދުނީ.އަހަންނަށްވެސް އާދާރާގެ މައުލޫމާތެއް އަނެއްހެން ނޭގޭ. އަދާރާގެ އާއިލާ ތި ހުށަހެޅުމާއި ގަބޫލުވާނެކަމެއް ނޫންކަމެއްވެސް ނޭގޭ. އެއާއިލާއާއި ބެހޭގޮތުން ދާނިޔާއަށް އެނގިފައިވާ އެއްޗެއް އަހާފާނަން.........."

"އެންމެ ރަގަޅު. މާދަން އަންނާނަން......."

ނަބީލާގެ ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ. ނާއިބު ރައީސްގެ އިއްޒަތާއި ގަދަރާއި އެއާއިލާގެ ހައިބަތަކީ މުޅި ގައުމުވެސް ދަންނަ ކަމެކެވެ. އެފަދަ ޝާހީ އާއިލާއެއްގެ ފިރިހެން ދަރިއެއްގެ ކައިވެންޏަށް އެދި ނަބީލާގެ ދަރިއެއްކަމަށް ހީކޮށް ޝުވޭކާރު އޭނަގެ ގެއަށް ފައިންޕުޅު ބީއްސައިލިކަމުން އޭނަގެ ހިތުގައިވެސް ދަހިވެތިކަމެއް ހިނގައިލިއެވެ. ދާނިޔާއާއި ކައިވެނި ކުރަން ނޭދުނީ ކީއްވެހެއްޔެވެ؟ ނަމަވެސް އާރިސްއަށް ކަމުދިޔައީ މޫނު ބުރުގާ އަޅާފައި ހުރި އާރިސްގެ ކުޑައިރުގެ އެކުވެރިޔާއެވެ. ނަބީލާ ހިންދިރުވައިލިއެވެ. ބައެއްފަހަރު ޝައިތާނާގެ ވަސްވާސްތަކުގެ ސަބަބުން ދުނިޔަވީ އެދުންތައް ހިތުގައި ހިނގައިގަނެ ރަގަޅުމަގުގައި ސާބިތުވެ ހުއްޓަސް ފައިތިލަ ކައްސައިލައެވެ. ނަބީލާއަށްވެސް ވީ އެކަހަލަ ގޮތެކެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަ ހަވާ ނަފުސަށް ހެއްލި ދާނިޔާއާއި އާރިސް ގުޅުވަން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް ފަހުން އެކަމާއި ހިތާމަކުރިއެވެ. އެފަދަ ޚިޔާލެއް ހިތަށް ވަންކަމާއިމެދު އަމިއްލަ ނަފުސަށް އަޑުލިއެވެ. ސަބަބަކީ އެގުޅުމާއި ޝޭޚު ޔާސިރު ދެކޮޅު ހަދާނެކަން ޔަގީންވާތީއެވެ. ޔާސިރު ދެކޭގޮތުން ނާއިބުރައީސްއަކީ ސެކިއުލާ ވިސްނުން ހުރި މީހެކެވެ. އެފަދަ މީހެއްގެ ދަރިއަކާއި ދާނިޔާ ގުޅުވަން ޔާސިރު ދުވަހެއްގެ ކޮޅުންވެސް އެއްބަސްނުވާނެކަމީ އިރުފެންނަފަދައިން ޔަގީންކަމެކެވެ. ދެން ހުރީ އަދާރާއެވެ. އަދާރާފަދަ ނިގާބީއަކު އެހާ ސްޓައިލިޝް އާއިލާއެއްގެ ޅީދަރިއަކަށް ވާން އެއްބަސްބވާނެހެއްޔެވެ؟

***

ބެލްކަނީގައި ދިއްލާލާފައިވާ ފަނޑު އޮރެންޖް ބޮކީގެ އަލީގައި އާރިސް ލެޕް ހިފައިގެން އިންއިރު ދޭތެރެއަކުން އުދަގޫވެގެން ކަހަލަ ގޮތަކަށް ކަންފަތުގައި އަތް އަޅާ ބާރުކޮށްލައެވެ. ބައެއްފަހަރު ސިއްސައިގެންގޮސްފައި ބަލައިލެވެއެވެ. އޭނަ ބަލަމުންދިޔައީ ނަފްސާނީ ބަލިތަކުގެ މައުލޫމާތެވެ. އެހެން މީހުންނަށް ނުފެންނަ ޚިޔާލީ މީހުން ފެންނަނީ ކޮން ބައްޔެއްގައިތޯ ދެނެގަންނަން އޭނަ ބޭނުންވިއެވެ. އޭނަގެ ބައްޔަކީ ޑިޕްރެޝަން ކަމުގައި ޑޮކްޓަރ ބުނެފައިވާތީ ބޭހުން އެއްވެސް ކަހަލަ ލުޔެއް ނުލިބެނީ ކިއްވެހެއްޔޭ ހިތާހިތުން ސުވާލުކުރިއެވެ. "ސްކިޒޮފްރީނިއާ" ކިޔާ ބައްޔެއްގެ ނަން ފެނުމުން ހިތަށް ނުބައިގޮތެއްވިއެވެ. އޭނައަށް ޖެހިފައިވާ އުދަގޫތަކާއި މި ބައްޔާއި ގުޅުމެއްވޭހެއްޔެވެ؟

"އާރިސް......."

ވަރަށް ދުރުން މީހަކު އޭނައަށް ގޮވައިލިއެވެ. ވަށައިގެން ހޯދާ ބަލައިލިއިރުއެކަކުވެސް ފެންނާކަށް ނެތެވެ. އާރިސް ސިޑިން ފައިބައިގެން ތިރިއަށް ދާން ހިނގައިގަތެވެ. އޭނަގެ އާއިލާގެ މެމްބަރުން ސޯފާގައި ވާހަކަދައްކަން ތިބިތަންފެނި އޭނައާއި ދެކޮޅަށް ކޮންމެވެސް ކަމެއް ރާވަނީކަމަށް ކައިރީގައި ހުރި މީހާ ބުނެލިިއެވެ.

"ޢެމީހުން އާރިސް މަރައިލަންވެގެން އެ ވާހަކަ ދައްކަނީ........."

"އާރިސް މަރައިލުމުގެ ކުރިން އާރިސް ގޮސް އެންމެން މަރާލާ...." އެ ވާހަކަދެއްކިމީހާގެ އަޑުގައި އަވަސްކަމެއް ހުއްޓެވެ.އާރިސްގެ ހިތުގައި ހިނގައިގަތް ބިރުވެރިކަމާއެކު ދުވެފައިކަހަލަ ގޮތަކަށްގޮސް ދޮރު ތަޅުލުމަށްފަހު ތަޅުންމައްޗަށް ތިރިވިއެވެ. އާއިލާ މީހުން އޭނަ މަރައިލަން ރާވަނީ ކީއްވެހެއްޔެވެ؟ އެމީހުން އޭނަގެ ކާއެއްޗެއްސަށް ޒަހަރުލާން އުޅޭއިރު މިގެއިން ކާން ކެރޭނީ ކިހިނެއްހެއްޔެވެ؟ބަނޑުހައިކަމުގެ އިހުސާސްތައް ކިތަންމެ ވަރުގަދަޔަސް ކާން ދާން އާރިސްއަށް ލާހިކެއްނޫނެވެ.

***

އަދާރާގެ މަންމަ އަރޫޝާ އޮފީލިއާ ރެސްޓޯރެންޓަށް ދިޔައީ ލިބުނު ދައުވަތަކަށެވެ. ނާއިބު ރައީސްގެ އަނބިކަބަލުން ޝުވޭކާރުގެ ދައުވަތެއްކަން އެނގުނީވެސް އެތަނުން ދިމާވެގެން ތައާރަފުވުމުންނެވެ. އަރޫޝާއަށް ލިބުނު އުފަލަކުން އާސްމާނުގައި އުދުހެވުނުހެން ހީވިއެވެ. އޭނަ ކުރާ މަސައްކަތް ބަލައިގަނެ އެކަމަށް ޝުކުރުވެރިވެ ނާއިބު ރައީސްގެ ފަރާތުން ކެއުމެއް ދިނުމަކީ ޝަރަފެކެވެ. މެނޫ ގެނައުމުން އަރޫޝާ އިނީ އޯޑަރުކުރަންވީ އެއްޗެއްވެސް ނޭގިފައެވެ. އެކަމަށް އެހީތެރިވެދިނީ ޝުވޭކާރުއެވެ.

"އަރޫޝާގެ ކިތަން ދަރިން ތިބޭތަ؟" ކުދި ކުދި ސުވާލުތައް ކުރަމުންގޮސް ޝުވޭކާރު މައުޟޫއަށް ގެންދަން ނިންމިއެވެ.

ނުނިމޭ