03 Nov 2022, 09:32
"އިމާމް އިބްނު ގައްޔިމް ވިދާޅުވެފައިވެއެވެ. ފަހެ ތައުހީދަށް ފުރަގަސްދީފި މީހާއަކީ އޭނަ ގަބޫލުކުރިޔަސް ނުކުރިޔަސް މުޝްރިކެކެވެ. އަދި ސުންނަތަށް ފުރަގަސް ދީފިމީހާއަކީ ގަބޫލުކުރިޔަސް ނުކުރިޔަސް މަގުފުރެދިފައިވާ ބިދުއަ ވެރިއެކެވެ."
***
އާރިސް ބެލްކަނިން ބަލައިލިއިރު އޭނައަށް ފެނުނީ ބޮޑުލޮލުގެ ވެރިޔާއެވެ. އޭނަގެ ކުޑައިރުގެ އެކުވެރިޔާކަން ޔަގީންވުމާއެކު ބަލާކަށް ނުހުރެ އޮފިއެލޭ ގަހުގެ އެހީގައި ތިރިއަށް ފޭބިއެވެ.
"ހެލޯ....." އާރިސް އަދާރާގެ ފަހަތުން އަންނަމުން ގޮވައިލިއެވެ.
އަދާރާގެ ފިޔަވަޅުތައް އަވަސްވިއެވެ. ނުދަންނަ މީހުން އެގޮތަށް ފަހަތުން އަޅައިގަތުމުން އޭނައަށް ވާ އުދަގޫ ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
"އަހަންނަށް ތިއީ ކޮން ކުއްޖެއްކަން އެނގޭ..."
"ވަޓް؟" ހައިރާންވިވަރުން އަދާރާއަށް އެނބުރި ބަލައިލެވުނީ ކާކުކަން ބަލަން އުފެދުނު ޝައުގަކުންނެވެ. އައިނުގެ އެހީގައި ލޯވެސް ފޮރުވައިގެން ހުރެވުނުކަމީ ނަސީބެކެވެ. އާރިސްގެ މޫނަށް ނަޒަރު ހުއްޓާނުލެވުނު ސަބަބަކީ އާރިސްގެ ފަހަތުން ފެނުނު މޫނަކުންނެވެ. ހިތަށް އެތައް ހާސް ޓަނެއްގެ ހިލަތަކެއް ވައްޓައިލެވުނުހެން ހީވެ އޭގެ ދަށުގައިވެ ޖިސްމާއި ފުރާނަވެސް ވަކިވިފަދަ ނުބައި އިހުސާސެއްކުރެވުނެވެ. ކިތަންމެ ޒަމާނެއްވިޔަސް ހުސާމްގެ މޫނާއި ދެލޯ އޭނައަކަށް ނޯޅޭނެއެވެ. އެކަޅުކަން ގަދަ ބުމައާއި ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑު އަދި ފުން ދެލޮލަކީ ހިތްތަކާއި ކުޅެލާ ހަތިޔާރެކެވެ. އެހާ ދުވަސްވުމުންވެސް އޭނަގެ އިހުސާސްތަކަށް ބަދަލެއް ނާންނަކަން އެހިދުކޮޅު އެނގުނެވެ. އަދާރާގެ މޭ ފިތި ބާރުވުމާއެކު ނޭވާވެސް ނުހިނގާ ހުއްޓުނު ވަގުތެކެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އޭނަ ހިނގައިގަތީ ހުސާމްއަށް އޭނަ ނޭގޭނެކަމުގެ ޔަގީންކަމާއެކުގައެވެ.
"އެ ނިންޖާ ދަންނަންތަ؟" ހުސާމް ވޭޕްގެ ދުންތައް ދުއްވައިލުމުން ހުދު ވިލާކޮޅެއްހެން އާރިސްގެ މޫނުވެސް އެ ދުމުގެ ތެރޭގައި ފޮރުވުނެވެ.
"ނިންޖާ؟ ތިބުނީ.. ހޭއި އަހަރެންގެ ގައިގާ އަތްނުލާ...." އާރިސްގެ އަޑު ކުއްލިއަކަށް ބަދަލުވެ އަމުރުވެރިރާގެއް އެކުލެވުމާއެކު ބުމަ ކައިރިކޮށްލެވުނެވެ.
"އަހަރެން އަތްނުލަމެއްނު....."
"ސޭމް ވާހަކައެއް ނޫނޭ. މީނަ....." އާރިސް ފާރުކައިރިއަށް އިޝާރާތްކޮށްލަމުން ކަޅި އަޅައިގަތެވެ. ހަގީގަތުގައިވެސް އާރިސް މޮޔަވީހެއްޔެވެ؟ ނޫނީ އަދިވެސް ކުޑައިރުގެ ޚިޔާލީ އެކުވެރިންތައް އޭނަގެ ސިކުނޑިތެރޭގައި އެނބުރި ޚިޔާލީ ދުނިޔެއާއި ހަގީގަތް މަސްހުނިކުރުވަނީއެވެ.
"އާ ޔޫ އިންސޭން؟" ހުސާމް ލޯ ހަނިކޮށްލަމުން ޝައްކުގެ ނަޒަރަކުން ބަލަން ހުއްޓާ އާރިސް ކުރިއަށް ގޮސް ގޯޅިން ލަނބާލައިފިއެވެ.
***
އަދާރާ ކޮޓަރިއަށް ވަންއިރު އޭނަ ބިރުންގޮސް ރޫރޫ އަޅާވަރުން ދެފައިވެސް ބިންމަތީގައި ހަރުނުލައެވެ. އަވަހަށް ތިރިވެވުނީ ބިންމައްޗަށެވެ. ފާރަށް ލެނގިލަމުން ކަކޫ މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ. އޭރުވެސް ހިތް ތެޅޭވަރުން މޭފަޅާފައި ނުކުމެދާނެފަދައެވެ.
"ހޭއި ކިހިނެއްވީ؟"އިސްތިރިކުރަން ހުރި ދާނިޔާ އެ މަސައްކަތްހުއްޓާލާފައި އަަވަސްވެގަތީ އަދާރާއަށް ވީގޮތް އޮޅުން ފިލުވުމަށެވެ.
"ހުސާމް....ދެންމެ މި ގޯޅިގަނޑުން އޭނައާއި ދިމާވެއްޖެ..."
"އޭނައަށް އެނގުނުތަ؟"
"ނޫން ނަސީބަކުން ނޭގުނު. މި ނިގާބާއި އައިނުގެ ސަބަބުން ކިހިނެއް އެނގޭނީ........"އަދާރާގެ އަޑުވެސް ތުރުތުރުލައެވެ. "ދެން މިހިސާބަށް އަންނަންވެސް ނުކެރޭނެ. އޭނައަށް ފެންނަން ބޭނުމެއްނޫން. އެނގޭތަ؟ މިހެން ނުބުނަން ހުރީ. އެކަމަކު ދެން އެ ހުސާމްގެ ހަގީގަތް ދާނީއަށްވެސް އަންގަން ބޭނުން. އޭނައަކީވެސް ނާއިބު ރައީސް އެޑޮޕްޓްކުރި ދަރިއެކޯ ބުނީ. އަމިއްލަ ދަރިއެއްހެން ލޯބިން ގެންގުޅުނީ. އެހެންވެ ތިމާއަށް ތިމާ ފެނިފައި ހުންނަނީ. އެހެން ދަރިންނާއި ތަފާތުކަން އެގެނީ އޭނަގެ އެހުންނަ އަޅިކުލައިގެ ދެލޯ. އޭނަ ބުނީ އޭނަ ހޮވީ ޑަސްބިނަކަށް އެއްލާފައި އޮތްވައޭ. އެހެންވެގެންނޯ އޭނަގެ ލޮލުގައި އެހެން ކުލައެއްވެސް ހުންނަނީ. އޭނަ ސިއްރަކަށް އަހަރެން ކައިރީ އެވާހަކަ ބުނީ. އޭނަގެ ފޭނުންނަށްވެސް ނޭގޭނެޔޯ..."
"ފޭނުންނޭ ތިބުނީ؟"
"އާނ. އޭނަގެ ލަވަތައް ވަރަށް މަޝްހޫރު. ޔޫޓިއުބް ޗެނެލް ވަރަށް ހިނގާ.ސޭމްގެ ނަމުގައި އޮންނަ ޕޭޖްގައިވެސް މިލިއަނުން މީހުން އުޅޭ....އޭނަގެ ލޮލަށްވުރެވެސް އެ އަޑު ފުންވެފައި ރީތި......"
"ވާއު...އަދާގެ އެކްސްއަކީ ސެލެބްރިޓީއެއްތަ؟ އަހަންނަށް ދައްކަފާނަންތަ؟" އަދާރާގެ ނުތަނަވަސްކަމާއި ހާސްކަން ކޮންމެވެސް ވަރަކަށް ފިލަން ފެށިކަން އެނގުމުން ދާނިޔާ ހިތާއި ދެކޮޅަށް ނަމަވެސް އެ ބުނާ ހުޝާމްގެ ޔޫޓިއުބް ޗެނެލް ބަލައިލަން އުޅެގަތެވެ. ތެދެކެވެ. ހުސާމް ލާފައި ހުރި ލަވަތަކުން ލަވައެއް ބަލާލާފައި އޭނަގެ އަޑު ރީތިކަމުން ދާނިޔާގެ ހިތްވެސް ހާސްފަހަރު ތައުރީފުކުރިއެވެ. އެބުނާ "ސޭމް" ގެ ރަން އަޑުން ދުނިޔެ ފަތަހަކުރިޔަސް އޭނަގެ ބައްޕަ މިއުޒިކް ހަރާމް ކަމަށްބުނެ ލަވައަޑުއެހުން މަނާކޮށްފައިވާތީ ލަވަތައް އަޑުއަހައިލުމުގެ ފުރުސަތެއް ނުލިބެނީއެވެ. އަދާރާގެ ހިތުން ނުފިލާވަރުގެ މަޝްހޫރު ރީތި މީހެއްތާއެވެ. ނާއިބުރައީސްގެ އުފަން ދަރިއަކަށް ނުވިޔަސް ދިރިއުޅެނީ އެގޭގައި އެ އާއިލާއާއެކު ޝަރަފާއި އިއްޒަތުގައެވެ.
ލަވައެއްގެ ތަންކޮޅު ބަލާލާފައި ދާނިޔާ ލެޕް ލައްޕާލާފައި އަދާރާގާތު އެދުނީ ސައިބޯން އޭނައާއިއެކު ދިޔުމަށެވެ. އަދާރާގެ ސިކުނޑި އެހެން ދިމާލަކަށް އަނބުރައިލަންވެގެން ދާނިޔާ ކުރި މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބުވިއެވެ.
***
އާރިސް މާކްގެ އެނދަށް އަރާ ބާލީހުގައި ބައްދައިލިއިރުވެސް މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. އާރިސް އުޅޭގޮތުން މާކްގެ ހިތަށް ބިރުވެރިކަން ވަދެ ތަފާތު ވަހުމާއި ޝައްކު ހިތުގައި ހިނގާތާ ދުވަސްކޮޅެެކެވެ. އަށް ފޫޓްގެ މަޚުލޫގެއް ކޮޓަރިން ފެނުމާއި، ކުރީ ދުވަހު މަންމަ ކާރު ދުއްވާފައިދަނިކޮށް އެހެން މީހުންގެ ލޯތަކަށް ޣައިބުވެފައިވާ އަންހެންކުއްޖެއްގެ ގައިގާ ކާރު ޖެއްސިކަމަށް ބުނެ އާރިސް ވާހަކަދެއްކިގޮތުން މާކްއަށް އެއީ ކޮން މައްސަލައެއްކަން ދެނެގަނެވުނެވެ. އެކަމާއި ބިރުގަތުމުގެ އިތުރުން ދެރަވެސްވިއެވެ.
"ވަޓް ހެޕެންޑް؟" މާކް އާދައިގެ ގޮތަކަށް އަހައިލިއެވެ.
"މީހުންނާއި ހެދި. ކޮޓަރިތެރެއަށްވެސް ވަންނަނީނު..."
"ކޮން ބަޔެއްތަ؟"
"މްމް. ވާހަކަ ގިނަނުކޮށް ތިކުރާކަމެއްކޮށްބަލަ. އަހަރެން ނިދިޔަދީ......" އާރިސް ހިތްހަމަނުޖެހިފައި ލޯ އަޅައިލުމުން މާކް ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. އާރިސްއާއި އިތުރަށް ސުވާލުކޮށް ތަބީއަތު ގޯސްކުރުމަކީ އަލިފާނަށް ދަރު އެޅުންފަދަ ކަމެކެވެ.
***
ޗެރީވުޑް ޕެލެސްގެ ގޭގެ ފަހަތުބައިގާ ހުރި ގަހެއްގެ ހިޔަލުގައި ގޮނޑިތައް އަތުރާފައިވާއިރު މުޅި ބިންގަނޑުހެން ފޮރުވިފައިވަނީ ފެހިކަން ގަދަ ވިނަގަނޑަކުންނެވެ. ކޮށާފައިވާ ވިނަތަކާއި މުށިތަކުގައި އިންދާފައި ހުރި ގަސްތަކުގައި ފޮޅިފައިވާ ކުލަކުލައިގެ މާތަކުން ތަނުގައި ހިފާފައިވާ މީރުވަހުން ހިތްފުރޭފަދައެވެ. ހުދު މޭޒުމަތީގައި ކޮފީއާއި ސައި އަދި ޕިއްޒާފަދަ ތަކެތި އަތުރަން ޔުނިފޯމް އަޅައިގެންތިބި ޚާދިމާއިން އަވަދިނެތި އުޅުނެވެ. މައިމޫންއާއި ޝުވޭކާރާއި ދަރިންތައް އަންނަތަން ފެނުމުން އެދެކުދިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބީ އަދަބުވެރިކޮށެވެ. ޝުވޭކާރު އަތުގެ އިޝާރާތުން އެކުދިން ދިޔުމަށް އެންގިއެވެ. ދެމަފިރިން އިށީނުމުން އައްޔާޝް ހުސާމް އާރިސް މިނަލް އަދި މާކްވެސް އެކުއްޖެއްގެ ގޮނޑީގައި ހަމަޖެހިލިއެވެ.
ކޮފީ ބޯން ތިބިއިރު މައިމޫން ކޮންމެ ކުއްޖެއްގެ ގާތުން އެކުއްޖެއްގެ ކިޔެވުމާއި ވަޒީފާއާއި އެކި ވާހަކަތައް އެހިއެވެ.
"ސޭމް ދަރިފުޅާ. ސައި ނިންމާލާފައި ލަވައެއް ކިޔާދޭންވާނެ..."
"ޔެސް މިސްޓަރ ވައިސް ޕްރެޒިޑެންޓް..." ހުސާމް ލާނެތްގޮތަކަށް ސެލިއުޓެއް ދިނެވެ. އޭނަގެ ލަވަތައް ޔޫޓިއުބަށް ލައިގެން އެކައުންޓަށް ފައިސާ ވަންނަނީ މިލިއަނުންނެވެ. އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ޒުވާން މިލިއަނަރަކަށްވެވުމުން ހުސާމްއަށް ފަޚުވެރިކަމެއްވެސް ލިބުނެވެ. އޭނަދެކޭގޮތުގައި މިއުޒިކްގައި އޭނަ ވައްޓައިލާނެ އެހެން އިންސާނަކު ނުވެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން ހިތް ފަސާދަވުމުގެ އަސްލަކަށްވީވެސް އޭނަގެ ރީތިކަމާއި އެ އަޑެވެ.
ކޮފީ ނިންމާލުމަށްފަހު ހުސާމް ލަވަ ކިޔައިދޭންފެށުމުން މާހައުލަށް ހިމޭންކަމެއްވެރިވިއެވެ. ހުސާމްގެ އަޑުގައިވީ ގޮތަކުން އަޑުއަހާމީހުންގެ ލޯލިތައް ކޮޅަށް ޖަހާ ހިތްތަކަށް އަޖައިބެއްފަދަ ހަލަބޮލިކަމެއް ވެރިކުރުވިއެވެ. ލަވަ ނިމުމުން އެންމެން ތަރުހީބުދިނެވެ. ހުސާމްގެ ސިހުރުވެރި ދެލޮލުން ހަމަޖެހުމާއި ލޯބީގެ ވިދުވަރު ފައުޅުވިއެވެ. އާއިލާގެ އެންމެނަށްޓަކާ އޭނަ ގެނެސްދިން ލަވައިން އާރިސް ފިޔަވާ އެންމެން ހިތްހަމަޖެހިފައި ތިބިކަން އެނގުނެވެ. ލަވަ ކިއި ވަގުތުވެސް އާރިސްއަށް ހިމޭނުން އިނދެވުނުކަމަކަށް ނުވެއެވެ. ވިނަތަކުގެ މަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިގޮތުން ސިކުނޑި މަޑުނުޖަހާފަދައެވެ. އާރިސް ދެއްކީ މުޅިން އެހެން ވާހަކައެކެވެ.
"އަޅުގަނޑު މީހަކާއި ކައިވެނިކުރަން ބޭނުން..."
"ދަރިފުޅު...އެއީ ކާކުތަ؟"ޝުވޭކާރު ސިހުނެވެ. އެހާ ބޮޑަށް ސިހި ބިރުވެރިކަމުގެ ކަނޑަކަށް ހިތާއި ރޫހު ގެނބުނުފަދައިން ހީވީ ދަރިފުޅުގެ ސިކުނޑި މުޅިން ގޯސްވިކަމަށް ހީކުރެވިއެވެ. އާރިސް ޚިޔާލީ އެކުވެރިޔަކާއި ކައިވެނި ކުރާ ހިސާބަށް ދިޔައީކަމުގައި އޭނަ ނިންމިއެވެ.
"ގުޑް ނިއުސް ތިއްތި..."މިނަލް އުފަލުން ހަޅޭއްލަވައިގަތެވެ.
"ނިގާބީއެއް...ޖެހިގެން މިހިރަ ގޭގައި ދިރިއުޅެނީ. ސެކަންޑް ފްލޯރގައި.........."އާރިސް އިތުރަށް ބުނެދިނެވެ.
"ޝޭޚު ޔާސިރުގެ އާއިލާގެ ކުއްޖެއްދޯ..." އައްޔާޝް ހައިރާންވިއެވެ. އާރިސް އޭނަ ގާތު ކުޑައިރުގެ އެކުވެރިއެކޭ ކިޔާފައި އެހާ ފަސޭހައިން އެކުއްޖާ އެއްބަސްކުރުވި ގޮތެއްވެސް ނޭގެއެވެ. އާރިސް ހާދަ ކާމިޔާބޭވެސް ހިތަށް އެރިއެވެ. އައްޔާޝް ދަތްދޮޅީގައި އަތް ވިއްދާލައިގެން އާރިސްގެ މޫނަށް ބަލަން އިންގޮތުން އާރިސްއަށް އުދަގޫވިއެވެ. އެންމެންގެ ސަމާލުކަން އަތުލެވުނުކަން އެނގުމުން ނުތަނަވަސްވިއެވެ. ދެވަނަފަހަރަށް ކޮފީތަށްޓެއް އަޅައިގެން ބޯންފެށިއެވެ.
"އާރި ކަޅުފޮތިބޮނޑިއެއްގެ ފަހަތު އަޅުވާލައިގެން މި މަގުން ދިޔަތަން ދެކުނިން. އެހެންވެ އާރި ކުޑަކޮށް ތުނބުޅި ބަހައްޓަނީ؟ ޖިހާދީ ބްރައިޑެއް ހޯދަނީތަ ޝޭޚު އާރިސް؟" ހުސާމްގެ އަޑުގައި ހުރީ މަލާމާތާއި ދިމާކުރުމުގެ ރާގެވެ. އެއް ބުމަ އަރުވައިލަމުން އަނގަޔަށް ގޮތެއް ހަދައިލިގޮތުން އޭނަ ނިގާބީ ކުދިން ދެކެ ފޫހިވާވަރު އެނގުނެވެ.
ޝުވޭކާރު ބަލައިލީ ވިސްނާދޭފަދަ ނަޒަރަކުންނެވެ. އާރިސް ނަފްސާނީ މައްސަލަތަކެއްގެ ޝިކާރައަކަށްވެފައިވާކަން ނުދަންނަ މީހެއް އެގޭތެރޭ މަދުވާނެއެވެ. އާރިސްގެ އުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލާއި އޭނަ ދެކޮޅަށް ހިނގާގޮތާއި ނުފެންނަ މީހުންނާއި ވާހަކަދައްކާކަން ސިއްރުވެފައެއް ނެތެވެ. އެކަންތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންނެވެ. އާރިސްއާއި މުއާމަލާތުކުރާއިރު ހުރިހާ ކުދިން އެކަން ހަނދާނުގައި ބަހައްޓައިގެން އާރިސްގެ ތަބީއަތު އިތުރަށް ގޯސްވާފަދަ ގޮތަކަށް ވާހަކަނުދައްކަން ޝުވޭކާރުވަނީ އަންގާފައެވެ.
"އާރި ބޭނުމިއްޔާ ހަމަ ކޮންމެ ކުއްޖަކާއިވެސް ކައިވެނިކުރަންވީ....."މައިމޫންގެ ޖަވާބުން އާރިސްގެ މޫނު އަލިވެގެން ދިޔައެވެ.
"ތެންކިއު ޑޭޑް.."
"ބައްޕާ. އާރިސްގެ ސިކުނޑި ދޮވެގެން ސީރިޔާކަހަލަ ތަނަކަށް ފޮނުވައިލައްވަން ބައްޕަވެސް ހިތްވަރުދެއްވަނީ؟އަޅުގަނޑު އަޖައިބުވެއްޖެ.."ހުސާމްއަށް އެހާ ފަސޭހައިން އެކަން ގަބޫލުކުރެވުނުކަމަކަށް ނުވިއެވެ.
"އެކަން އެގޮތަށް ދިމާވާން ހުރީ މަސްލަހަތަށްޓަކާ ކަމަށް ވެދާނެ. ޝޭޚު ޔާސިރު ބައްޕަމެންގެ ޕާޓީއަށް ވަދެއްޖެއްޔާ އެޕާޓީގެ އެންމެންގެ ތާއީދުވެސް ލިބޭނެ. ދެވަނަ ދައުރަކަށް ހޮވާއިރަށް އަޣުލަބިއްޔަތު ލިބުން ފަސޭހަވާނެއްނު. ސިޔާސީ ސިކުނޑިއަކުންވެސް ވިސްނައިލަން އެބަޖެހޭ. ނަބީލާވެސް މަންމަގެ ހުށަހެޅުމަކާއި ދެކޮޅެއް ނަހަދާނެކަން ޔަގީން. އެގޭ ކުދިން ގޯހެއްވެސް ނުވާނެ. މިކަމުގައި ސޭމް މައްސަލަ ޖައްސަންވީ ސަބަބަކީ ކޮބާ؟"ޝުވޭކާރު ހަށިގަނޑު ސީދާކޮށްލިއެވެ. ހަގީގަތުގައި އޭނަ އެހާ ފަސޭހައިން އެއްބަސްވީ އާރިސްގެ ހާލަތު ހުރިގޮތުންނެވެ. ކޮންމެ ކޮންމެ އަންހެންކުއްޖަކަށް އާރިސްއާއެކު އުޅެން ފަސޭހަނުވާނެކަން ހުސާމްއަށް ނޭގެނީއެވެ.
"ފިކުރު ތަފާތުކަމުން. އެކުއްޖާ މިގެއަށް އަޔަސް މޫނު ނުނަގާ އުޅެންޖެހޭނީ؟"
"ނޫން. މިގެއަށް އައުމުން އެކުއްޖާ ބަދަލުވާނެ. މޫނުބުރުގާ ނަގާނެ. ފިކުރުވެސް ބަދަލުވާނެ. ބަލަން ހުންނައްޗޭ ސޭމް....................."ޝުވޭކާރުގެ ޔަގީންކަން އޮތެވެ.
ނުނިމޭ