ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބެންފިކާ އަތުން 2-1 ލަނޑުން މޮޅުވެ، ދެ މެޗުން 3-1 ގެ އެގްރިގޭޓް ނަތީޖާއެއް ނެރެ، ސެމީ ފައިނަލުގައި ބާސެލޯނާއާ ކުޅުމުގެ ފުރުސަތު ޗެލްސީއިން ކަށަވަރު ކޮށްފި އެވެ.
މި ދެ ޓީމު މިހާތަނަށް ސެމީ ފައިނަލުގައި ކުޅެގެން އަބަދުވެސް ކާމިޔާބު ހޯދާފައިވަނީ ބާސެލޯނާ އެވެ. މިހެންވެ މިއީ މި މުބާރާތުގައި ވަރަށް ވާދަވެރި ދެ ޓީމެވެ.

ލަންޑަނުގެ ސްޓެމްފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލިޑް ނެގީ ޗެލްސީ އިންނެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރި ފްރެންކް ލަމްޕާޑެވެ. އަދި ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަ ލަނޑު އިތުރު ވަގުތުގެ ދެ މިނެޓުގެ ތެރޭގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ރައުލް މެއިރެލެސް އެވެ.

ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ބެންފިކާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖާވީ ގާސިއާ އެވެ.

ރޭ މެޗަށް ފަހު ލިބުނު ބޮޑު ކާމިޔާބީގެ އުފަލުގައި ޗެލްސީގެ ކޯޗު ރޮބާޓޯ ޑި މަޓެއޯ ބުނީ، ބެންފިކާއަތުން މޮޅުވެވުނީ ކުޅުންތެރިން މެޗުގެ ފަހު ވަގުތާހަމައަށް ދެކި، ހިތް ވަރުގަދަ ކުޅުމުގެ ސަބަބުން ކަމަށެވެ. އަދި އެ ކުޅުންތެރިން ދެއްކި ހިތްވަރުގެ ބޭނުން، ސެމީ ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ހިފާނެ ކަމަށް ވެސް ރޮބާޓޯ ޑި މަޓެއޯ ބުންޏެވެ.

"މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު. ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ކުޅުންތެރިންނަށް ހިފުނުނަމަ ނަތީޖާ މިއަށް ވުރެ ރަނގަޅުވީސް" ރޮބާޓޯ ޑި މަޓެއޯ ބުންޏެވެ.

އޭނަ ބުނީ، ޗެލްސީއާ ދެކޮޅަށް ނުކުތް ބެންފިކާއަކީ މޮޅެތި ކުޅުންތެރިންތަކެއް އުފެދެމުން އަންނަ މޮޅު ޓީމެއް ކަމަށާއި އެޓީމް މުބާރާތުން ކެޓި ނަމަވެސް، އެ ޓީމުގެ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ބާސެލޯނާއާ ދެކޮޅަށް ޗެލްސީ ކުލޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗް، ކުޅޭނީ މިމަހުގެ 18 ވަނަ ދުވަހު ޗެލްސީގެ އަމިއްލަ ދަނޑު ގައެވެ. އަދި ދެ ވަނަ މެޗް ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހު ބާސެލޯނާގެ ދަނޑު ގައެވެ.