ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ)ގެ މަގާމަށް އެ އޮފީހުގެ އެކްޓިން ސީއީއޯ ސުޖާތާ ހަލީމް މިއަދު އައްޔަންކޮށްފިއެވެ.

ސުޖާތާ ހަލީމަކީ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމު ވޭތުވެދިޔަ ދެ އަހަރު އަދާކުރެއްވި ބޭފުޅެކެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ޗީފް އޮފްރޭޓިން އޮފިސާ (ސީއޯއޯ)ގެ މަގާމުގެ ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީގައި މެދުނުކެނޑި 16 އަހަރު ވަންދެން ސުޖާތާ ވަނީ ޚިދުމަތް ކުރައްވާފައެވެ.

އެގޮތުން ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށްގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ރާއްޖޭގައި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވާލުމަށް ކުރި މަސައްކަތުގައި އަދި އެ ގާނޫނު ތަންފީޒުކުރުމަށް އިސް ދައުރެއް ސުޖާތާ ވަނީ އަދާކުރައްވާފައެވެ.

ޕެންޝަން އޮފީހުގެ ބޯޑުން ބުނީ، ސުޖާތާގެ އިސްނެންގެވުމުގެ ދަށުން ޕެންޝަން އޮފީސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކާބިޔާބު މަސައްކަތްތަކެއް ކުރެވޭނެކަމަށް އުންމީދު ކުރާކަމަށެވެ.

ޕެންޝަން ބޯޑުގެ ކުރީގެ ސީއީއޯއަކީ އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށް ވާ ޖޯން ގްރިންޑަލްއެވެ. މިދިޔަ އަހަރު އޭނާ މަގާމުން ވަކިކުރީ، ސުލޫކީ މިންގަނޑުތަކާ ޚިލާފުވެގެން ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.