އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ބްރިޖެއް ވެއްޓި، ގިނަބަޔަކު މަރުވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަަމް ޖައިޝަންކަރަށް ތައުޒިޔާގެ މެސެޖެއް މިއަދު ފޮނުވައިފިއެވެ.

އިއްޔެ ހިނގި މި ހަދިސާގައި 141 މީހުން މަރުވުމާ ގުޅިގެން ޝާހިދު ފޮނުވި މެސެޖުގައި ވަނީ، ގުޖުރާތުގެ މައްޗޫ ކޯރު ހުރަސްކުރުމަށް ހަދާފައިވާ ބްރިޖު ވެއްޓި މައުސޫމް އެތައް ބަޔަކު މަރުވި ޚަބަރު އަޑުއެހީ ހިތާމައާއެކު ކަމަށެވެ.

މިފަދަ ހިތާމައިގެ ވަގުތެއްގައި، ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން، މި ހާދިސާގެ ހިތާމަ ތަހަންމަލްކުރާ އެންމެނަށް ވަނީ ތައުޒިޔާ ކިޔާފައެވެ. އަދި މި ހާދިސާގައި އަނިޔާވި އެންމެންގެ ހާލު ރަނގަޅުކަމަށް އުންމީދުކުރާކަމަށް އެ މެސެޖުގައި ވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން:-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އުންމީދު ކުރަނީ އެމަޖެންސީ ރެސްޕޮންސް ޓީމުތަކުން ކުރާ މަސައްކަތް ކާމިޔާބުވެ، އިންޑިއާގެ ރައްޔިތުންނަށް މި ހިތާމަވެރި ހާދިސާއިން އަރައިގަނެވޭނެކަމަށް،" އެ ސިޓީގައި ވެއެވެ.

ގުޖުރާތުގެ މައްޗޫ ކޯރު ހުރަސްކުރުމަށް ހަދާފައިވާ މި ބްރިޖު ވެއްޓުނުއިރު ބްރިޖް މަތީގައާއި ބްރިޖު ކައިރީގައި 400 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

އެ ސްޓޭޓުގެ ހޯމް މިނިސްޓަރު ހާޝް ސަންގާވީ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ބުރިޖު މަތީގައި 150އަށް ވުރެ ގިނަ މީހުން ތިއްބެވެ.

ބްރިޖް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ގިނައިން މަރުވެފައިވަނީ ގެނބުމުގެ ސަބަބުން ކުޑަކުދިންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީ ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ނޭވީ އާއި، އެއާފޯސް އަދި ޑިޒާސްޓާ މެނޭޖްމަންޓް ޓީމުތަކަށް އަންގަވާފައެވެ.

މޯދީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށާއި، އަނިޔާވި މީހުންނަށް ބަދަލުދެއްވާނެކަމަށް ވިދާޅުވެފައެވެ.

ނަވާރަ ވަނަ ގަރުނުގެ ތެރޭގައި އިންޑިއާ އިނގިރޭސިންގެ ބާރުގައި އޮތްއިރު ހެދި މި ބްރިޖަކީ 230 މީޓަރު ދިގު ބްރިޖެކެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ބްރިޖު މަރާމާތު ކުރުމަށް ފަހު ހުޅުވާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކައިރިވެފައި އޮތް މި ދަނޑިވަޅުގައި އެ ހާދިސާ ހިނގާފައި ވަނީ، ބްރިޖަށް މީހުންނާއި ތަކެތި އެރުވޭނެ މިންވަރު ފަދަ ފަންނީ ކަންކަން ބެލުމަކާ ނުލައި ބްރިޖު ހުޅުވުމުގެ ސަބަބުން ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު އޮންނަނީ ގައުމުގެ ވެސް ވެރިކަން ކުރާ ބީޖޭޕީއަށެވެ.