މާދަމާއިން ފެށިގެން ގަތަރަށް އެތެރެވުމަށް ނެގެޓިވް ކޮވިޓް ޓެސްޓް ނަތީޖާ ބޭނުންނުވާނެކަމަށް އެ ގައުމުން އިއުލާންކޮށްފިއެވެ.

އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަށް ގިނަ އަދަދެއްގެ ބަޔަކު ގަތަރަށް އެތެރެވާއިރު އެ ގައުމުން ކޮވިޑާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފައެވެ.

މީގެކުރިން އެ ގަައުމަށް އެތެރެވުމަށް އެ ގައުމުގެ ހެލްތު ޕޯޓަލެއް ކަމަށްވާ "އެހްތެރާޒް" ޕޯޓަލްގައި ރަޖިސްޓްރީ ވާން ޖެހެއެވެ. ނަމަވެސް މާދަމާއިން ފެށިގެން އެ ޕޯޓަލްގައި ރަޖިސްޓްރީވާން ނުޖެހޭނެކަމަށް އެ ގައުމުގެ ޕަބްލިކް ހެލުތު މިނިސްޓްރީން ވަނީ އަންގާފައެވެ.

ކޮވިޑްގެ ނުރައްކާތެރި ހާލަތަށްފަހު ގަތަރުގެ ބޯޑަރު އަލުން ހުޅުވާލައިފައިވަނީ ހަމައެކަނި ކޮވިޑްގެ ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުނަށް އެކަންޏެވެ. ނަމަވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އެ ގައުމަށް އެތެރެވާން ދެން ވެކްސިން ކާޑު ބޭނުން ނުވާނެ ކަމަށެވެ.

އާބާދީގައި 2.9 މިލިއަން މީހުން އުޅޭ ގަތަރަށް އެ ގައުމުގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ގިނަ ބަޔަކު އެތެރެވާނީ މި ފަހަރުގެ ވޯލްޑްކަޕަށެވެ. އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށް ގަަތަރުގައި ބާއްވާ ވޯލްޑްކަޕަށް 1.7 މިލިއަން މީހުން އެ ގައުމަށް އެތެރެވާނެ ކަމަށް އެ ގައުމުން ލަފާކުރެއެވެ.

އެހެންކަމުން ފީފާއިން ވަނީ އެހާ ގިނަ ބަޔަކު އެއްފަހަރާ ގަތަރަށް އެތެރެވާއިރު ވޯލްޑްކަޕަކީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވިއްޖެ ކަމުގެ ނިޝާނަކަށް ވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ގަތަރުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ވަނީ ކޮވިޑްގެ ހާލަތު ގޯސްވެދާނެތީ ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައެވެ.

ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް ފެތުރިއްޖެނަމަ ކުޅުންތެރިންނާއި މެޗް އޮފިޝަލުންނަށް ރައްކާތެރި "ބަޔޯ ބަބުލް" އަކަށް ދާން މަޖުބޫރު ވެދާނެ ކަމަށާއި، އެ ގައުމުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުން ބޭރުކުރުމުގެ ބިރު އެބައޮތް ކަމަށް އެ މިނިސްޓްރީން މިދިޔަ މަހު ވެސް ވަނީ ބުނެފައެވެ.