05 Apr 2012, 12:42
ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އަދިވެސް މަސައްކަތް ކުރާނެކަމަށް އެކުލަބުގެ ބެލްޖިއަމްގެ ޒުވާން ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.
"ޗެލްސީ އަކީ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ކުލަބެއް. އެހެންކަމުން އެކުލަބުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުން ވެސް މިވަނީ އުނދަގޫ ކަމަކަށް ވެފައި. ނަމަވެސް އަހަރެން އަދިވެސް ފުރަތަމަ އެގާރައިން ޖާގައެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމުން." ލުކާކޫ ބުންޏެވެ.
ބެލްޖިއަމްގެ އަންޑަލެކްޓް އިން މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވި ފޯވަޑަށް ޗެލްސީގެ ޓީމުން ފެނިފައިވަނީ މަދު ފަހަރަކުއެވެ. ޗެލްސީގެ ފޯވާޑް ލައިނުގައި ލުކަކޫ އަށް ވުރެ ތަޖުރިބާކާރު ކުޅުންތެރިންތަކެއް މިހާރު ވެސް އެބަތިއްބެވެ. އައިވަރީ ކޯސްޓްގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ އާއި ސްޕެއިންގެ ފެނާންޑޯ ޓޮރޭޒް އަކީ ޗެލްސީ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ދެފޯވާޑުންނެވެ.
އަންނަ ސީޒަނުގައި ލޯނުގެ ދަށުން އެހެން ކުލަބަކުން ފެނިދާނެ ކަމަށް ވެސް ލުކަކޫ ބުނެފައި ވެއެވެ. އެހެން ކުލަބަކަށް ލޯނެއްގެ ދަށުން ކުޅުނު ނަމަވެސް އެނބުރި ޗެލްސީއަށް އަންނާނީ ކުރިއެރުމާ އެކު ކަމަށް ވެސް ލުކަކޫ ބުނެފައި ވެއެވެ.
"އަންނަ ސީޒަނުގައި ލޯނުގެ ދަށުން އެހެން ކުލަބަކުން ފެނިދާނެ. އަހަރެން ޗެލްސީ އާއި ގުޅުނީ ކުލަބާއި މެޗު އުފެދިފައިވާ ލޯތްބެއްގެ ސަބަބުން. އެހެންކަމުން ލޯނުގެ ދަށުން އެހެން ކުލަބަކަށް ކުޅުނު ނަމަވެސް އެނބުރި ޗެލްސީ އަށް އަންނާނީ ކުރިއެރުންތަކަކާއި އެކު." ލުކަކޫ ބުންޏެވެ.