31 Oct 2022, 14:50
ސޯލް (30 އޮކްޓޯބަރު 2022): ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ބާއްވާ އެންމެ ބޮޑު އަސްކަރީ ފަރިތަކުރުންތައް (ތަމްރީނުތައް) ދެކުނު ކޮރެއާގައި ފަށައިފިއެވެ.
އެމެރިކާގެ ވައިގެ ސިފައިން ބުނާގޮތުން މިއީ ދެގައުމުގެ ވައިގެ ސިފައިންގެ ގުޅިފައިވާ ތަމްރީންތަކެކެވެ. މިތަމްރީންތައް މިއަދުން ފެށިގެން އަންނަ ހުކުރުދުވަހަށް ކުރިޔަށްގެންދާނެއެވެ. މިތަމްރީންތައް ފަށާފައި މިވަނީ މިކަން ނުކުރުމަށް އަވަށްޓެރި އުތުރުކޮރެއާއިން އިންޒާރުތައް ދީފައިވަނިކޮށެވެ.
އުތުރުކޮރެއާ ބުނާގޮތުން ދެކުނާއި އެމެރިކާގެ ވައިގެ ތަމްރީންތަކުގެ އަމާޒަކީ އެގައުމެވެ. މިތަމްރީންތަކުގައި ދެކުނު ކޮރެއާއާއި އެމެރިކާގެ ވައިގެ ސިފައިން ތަމްރީންތައް ހަދަނީ އުތުރުކޮރެއާއަށް ހަމަލާދިނުމަށެވެ. ނަމަވެސް އެމެރިކާއާއި ދެކުނު ކޮރެއާ ބުނެފައިވާގޮތުގައި މިއީ ދިފާއީ ތަމްރީންތަކެކެވެ.
ޚަބަރު ލިބޭގޮތުން މިތަމްރީންތަކުގައި އެމެރިކާއާއި ދެކުނު ކޮރެއާއިން 240 އަށް ވުރެގިނަ ހަނގުރާމަމަތީ މަތިންދާބޯޓާ އަދި ފައިޓާޖެޓްތައް ބޭނުންކުރާނެއެވެ. އަދި 1600 އަށް ވުރެ ގިނަ ވައިގެ ހަރަކާތްތައް ހިންގާނެއެވެ. މީގެތެރޭގައި ޑަމީ ތަންތަނަށް ހަމަލާދިނުމާއި ޑަމީ ތަންތަނަށް ބޮންއެޅުމާއި ސަވައިލެންސް ހަރަކާތްތައް ހިންގުމާއި ވައިކުޑާގައި ފޭބުން ހިމެނެއެވެ.
ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ދެކުނު ކޮރެއާގެ ބިމާއި ވައިގެ ސަރަހައްދުގައި އަސްކަރީ ތަމްރީންތައް ފަށާފައި މިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
އެމެރިކާއާއި ދެކުނުގެ އަސްކަރީ މި ތަމްރީންތައް ފެށުމުގެ ކުރިން އުތުރުކޮރެއާވެސް ވަނީ 12 ވަރަކަށް ދުވަހުގެ ތެރޭގައި އެކި ރޭންޖްތަކުގެ ހައެއްކަ މިސައިލް ތަޖުރިބާކޮށްފައެވެ. މީގެތެރޭގައި 3،000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލެއްވެސް ހިމެނެއެވެ. އެއީ ނިއުކްލިޔާ ހަތިޔާރުގެ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ބަލިސްޓިކް މިސައިލެކެވެ.
ރިޕޯޓްތައް ބުނާގޮތުން އުތުރުކޮރެއާގެ އެ މިސައިލަކީ ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ސަރަހައްދެއްކަމަށްވާ ގުއާމް އަށް ފަސޭހައިން ހަމަލާދެވޭވަރުގެ މިސައިލެކެވެ.
އުތުރު ކޮރެއާގެ ރަސްމީ ޓީވީ ބުނެފައިވާ ގޮތުގައި އެގައުމުގެ މިސައިލް ތަޖުރިބާތަކަކީ ނިއުކްލިޔާ ހަތިޔާރެއް ތަޖުރިބާކުރުމަށް އެގައުމުން ވަމުން ގެންދާ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ދެކުނު ކޮރެއާވެސްވަނީ އުތުރުން ނިއުކްލިޔާ ހަތިޔާރެއް ތަޖުރިބާކުރަން މަސައްކަތްކުރާކަން ފާހަގަކޮށްފައެވެ.
ދެކުނު ކޮރެއާ ބުނާގޮތުން ބިމުއަޑީގައި ނިއުކްލިޔާ ތަޖުރިބާއެއް ކުރަންބޭނުންވާ ހުރިހާ ފަންނީ ކަންކަން އުތުރުކޮރެއާ މިހާރުވަނީ ފުރިހަމަކޮށްފައެވެ. މި ތަޖުރިބާ ކުރާނެކަމަށް ދެކުނުން ލަފާކުރާ ސަރަހައްދަކީ އުތުރުކޮރެއާ މީގެކުރިންވެސް ނިއުކްލިޔާ ތަޖުރިބާތައް ކޮށްފައިވާ އެގައުމުގެ ބޮންގީރީ ސަރަހައްދެކެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އުތުރުކޮރެއާއިން ނިއުކްލިޔާ ހަ ތަޖުރިބާއެއް ކޮށްފައިވެއެވެ. ނިއުކްލިޔާ އިތުރު ތަޖުރިބާއެއް ކުރަންޖެހެނީ އެމެރިކާއާއި ދެކުނު ކޮރެއާއަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށް އުތުރުން ބުނެއެވެ. އުތުރު ކޮރެއާގައި 40 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއާއި ދެކުނު ކޮރެއާ ބުނާގޮތުން އެދެގައުމު ގުޅިގެން ވައިގެ ސިފައިންގެ ތަމްރީންތަކެއް ބާއްވަނީ އުތުރުކޮރެއާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ވުމުގެ ބޭނުމުގައެވެ. ދެކުނު ކޮރެއާގައި އެމެރިކާގެ 38 ހާސް ސިފައިންގެ ބޮޑު ލަޝްކަރެއް އޮވެއެވެ. މިލަޝްކަރުގެ ބޭނުމަކީ އުތުރުކޮރެއާގެ ކުއްލި ހަމަލާއަކުން ދެކުނު ކޮރެއާ ހިމާޔަތް ކޮށްދިނުމެވެ. މިލަޝްކަރުގެ ޚަރަދުތައް ބަލަހައްޓަނީ ދެކުނު ކޮރެއާއިންނެވެ.
އުތުރު ކޮރެއާ ދެކޭގޮތުގައި އެމެރިކާގެ ހަގީގީ ބޭނުމަކީ ދެކޮރެއާ ދެމެދުގައި ހަނގުރާމައިގެ ހާލަތެއް އުފައްދައިގެން އޭގެ ނާޖާއިޒު ފައިދާ ނެގުމެވެ. އެމެރިކާގެ ބާރާއި ނުފޫޒު ހިންގޭނެ ސަރަހައްދެއްގެ ގޮތުގައި ކޮރެއަން ޕެނިންސިއުލާ އަބަދުވެސް ބޭއްވުމެވެ. އަދި ދެކޮރެއާ ދެމެދުގައި ސުލްހަ ގާއިމް ވުމުގެ ފުރުސަތު ނުދިނުމެވެ.
ދުނިޔޭގެ ޖިއޮޕޮލިޓިކްސް ބަދަލުވެ ރަޝިއާއާއި ޗައިނާ ފަދަ ބޮޑެތި ބާރުތައް ފާޅުގައި އެމެރިކާއަށް ގޮންޖަހަން ފެށުމުން އުތުރުކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު މިހާރުވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ބަލިކަށިވާން ފަށާފައެވެ. އެއީ ޗައިނާއާއި ރަޝިއާއިން އުތުރުކޮރެއާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވުމާއެކު އުތުރުކޮރެއާގެ އިގްތިސާދީ ހާލަތު ކުރިޔަށްވުރެ ރަނގަނޅުވުމުގެ ސަބަބުންނެވެ.
އަނެއްކޮޅުން އުތުރުކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށްޓަކައި ޗައިނާއާއި ރަޝިއާގެ ތާއީދުވެސް މިހާރު އެމެރިކާއަކަށް ނުލިބެއެވެ.