31 Oct 2022, 14:42
ޅ. އަތޮޅު ރަށެއްގެ ދަރިވަރަކު އެހެން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ ރަށު ސްކޫލުގެ ބައެއް މުވައްޒަފުން މިއަދު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ސްކޫލުގެ ގުރޭޑް ނުވައެއްގައި ކިޔަވާ ފިރިހެން ދަރިވަރަކު އެ ކުލާހުގެ އެހެން ދަރިވަރުންނަށް ޖިންސީ ގޯނާގެ އަމަލުތައް ކަމަށް ބެލެވޭނެ ކަންތައްތައް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
އެގޮތުން އެ ކުއްޖާ އެހެން ދަރިވަރުންނަށް އޭނާގެ ޖިންސީ ގުނަވަން ދައްކައި އެހެން ކުދިންގެ ޖިންސީ ގުނަވަނުގައި އަތްލާކަމަށް އެ ރަށު ސްކޫލުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން މި ނޫހަށް ބުންޏެވެ.
"ބަރަހަނާ މަންޒަރުތައް ދައްކާ ވީޑިއޯތަކާއި ފިލްމުތައް އެހެން ދަރިވަރުންނަށް ދައްކައި. އެ ފިލްމުގައިވާ ގޮތް އެ ދަރިވަރުންނަށް ކިޔާދޭ. އެ ފިލްމުގައި އުޅޭ މީހުންގެ ނަމަށް ދަންދެން ކިޔާދޭ،" އެ ރަށު ސުކޫލުން ސަންއާ ވާހަކަ ދެއްކި މުވައްޒަފުން ބުންޏެވެ.
އެ މީހުން އިތުރަށް ބުނި ގޮތުގައި އެ އަމަލުތައް ހިންގާ ދަރިވަރަކީ ކޮންމެވެސް ވަރަކަށް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އޭގެ ސަބަބުން އެކަމަށް އަޅަން ޖެހޭ ފިޔަވަޅެއް ވެސް މިހާތަނަށް އަޅާފައިނުވާ ކަމަށް އެމީހުން ބުންޏެވެ.
ނަމަވެސް އެ ދަރިވަރުގެ އަމަލުތައް އަދިވެސް ހުންނަނީ އެގޮތަށް ކަމަށާއި އެ ކުއްޖާގެ އަމަލުތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ވެސް އެމީހުން ބުންޏެވެ. އަދި އޭގެ ސަބަބުން އެ ކުލާހުގައި ކިޔަވާ އެހެން ކުދިންގެ އުޅުމަށާއި އަޚުލާޤަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް އެމީހުން ބުންޏެވެ.
އެ ސުކޫލުން ސަންއާ ވާހަކަދެއްކި މުވައްޒަފުން ބުނީ، އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އެ މިނިސްޓްރީން އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެމީހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ރަށު ސްކޫލުގެ ޕްރިންސިޕަލް މިއަދު "ސަން"އަށް ވިދާޅުވީ ދަރިވަރުންނާ ގުޅުން ހުރި އެފަދަ މައުލޫމާތެއް ހިއްސާ ކުރެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އެ މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލުގެ ރައީސް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިނުވާ ކަމަށެވެ.
ނަމަވެސް މިހާރު އެ މައްސަލަ ސަމާލުކަމަށް އައުމާއެކު އެކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގެންދާނަން ތި މައްސަލަ ވަރަށް ގާތުން ބަލަމުން. ތިއީ ސީރިއަސް މައްސަލައެއް. ކުއްޖެއްގެ އެފަދަ އަމަލުތަކަކުން އެހެން ކުދިންގެ އުޅުމަށް ބަދަލު އައުމަކީ ބޮޑު މައްސަލައެއް. އަދި ސީރިއަސް މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލަ ދިމާވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ވެސް އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.