ނ. ހޮޅުދޫ މަގުތައް ތަރައްގީކުރުމުގެ ގޮތުން އެ މަގުތަކުގައި ތާރުއަޅަން 71މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) ހަވާލުކޮށްފިއެވެ.

އެ މަަޝްރޫއޫ އާރުޑީސީއާ ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އެވެ.

ހޮޅުދޫގެ މަގުތަކުގައި ތާރުއެޅުމުގެ އެއްބަސްވުމުގެ ދަށުން ޖުމުލަ 3.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގުތަކުގައި މަގު ބައްތި ވެސް އެ އެއްބަސްވުމުގެ ދަށުން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހޮޅުދޫގައި މިހާރު މަގުތައް އޮތް ގޮތާ މެދު އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން ގިނައެވެ. އެގޮތުން އެ ރަށު ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށުގެ މަގުތައް މިހާރު އޮތީ ވަރަށް ދެރަވަރުގައި ކަމަށެވެ.

"ވިއްސާރަ ދުވަސްކޮޅެއް ވަަންޏާ އުފުލަން ޖެހޭ ބުރަ ބޮޑު. ޗަކަ ހެދި ވަޅުގަނޑުތައް ހެދި ވަރަށް އަޑިގުނޑަން ކޮށް މަގުތައް އޮންނާނި،" އޭނާ ވިދާޅުވިއެވެ.

ރިލްވާން ވިދާޅުވި ގޮތުގައި އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު އެ ރަށުގެ މަގުތައް އޮތް ހާލަތުން އެއްގަމު އުޅަނދު ދުއްވުމަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވުމެވެ.

އެ މަޝްރޫއާ ގުޅިގެން ހޮޅުދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އަލީ މިއަދު "ސަން"އަށް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އެ މަސައްކަތް ނިންމާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނޭ އެހެން ރަށްރަށުގައި ވެސް މަޝްރޫއުތައް ހިންގައި ފުރިހަމަ ކުރާ ކަން. އެހެންވީމަ މި މަސައްކަތް ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

ހޮޅުދޫ އަކީ މަގުތައް ބޮޑު އަދި ވަރަށް ބޮޑު ޖާގައެއް މަގުތަކަށް ދެވިފައިވާ ރަށެކެވެ.

އާރުޑީސީއާ އެ ރަށު މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތުގެ ދަށުން ވަރަށް މަދު މަގެއް ފިޔަވައި ގިނަ މަގުތަކުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.