31 Oct 2022, 18:46
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު ބަޖެޓުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ އިގުތިޞާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ޚަރަދަށް ކަމަށް ބަޖެޓް ރިޕޯޓުގައި ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅުއްވާފައެވެ. ބަޖެޓުގައި ސަރުކާރުން ޚަރަދުގެ ގޮތުގައި ހުށަހަޅާފައިވަނީ 40.1 ބިލިއަން ރުފިޔާއެވެ.
ސަރުކާރުން ބުނީ އިގުތިޞާދީ އަދި ސިނާއީ ދާއިރާއަކީ އެންމެ ބޮޑަށް ކުރިއެރުން އައިސްފައިވާ ދާއިރާ ކަމަށެވެ. އެބަޔަށް ކުރާ ޚަރަދުތައް ބޮޑުވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް ހިމެނޭތީ ކަން ސަރުކާރުން ފާހަގަކުރެއެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ގުޅީފަޅު ބިންހިއްކުމާއި ޕޯޓް މަޝްރޫއު ހިމެނެއެވެ. އަދި ރަށްރަށުގައި އަލަށް ފަށާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ހިމެނެއެވެ.
ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވަނީ ދަރަނީގެ ޚިދުމަތަށާއި ދަރަނި އަދާކުރުމަށެވެ. އޭގެ ތެރެއިން 2023 ވަނަ އަހަރު ޖުމްލަ ބަޖެޓުގެ 8.1 އިންސައްތަ ހިއްސާ ކުރަނީ ދަރަނީގެ ޚިދުމަތުގެ އަގު އަދާ ކުރުމަށެވެ.
ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފާއިތުވި އަހަރުތަކުގައި ހިންގާފައިވަނީ ދަރަނި ނަގައިގެން ކަމަށްވާތީ، މެދުރާސްތާގައި އެ ދަރަނި އަނބުރާ ދައްކަން ޖެހުމުން ދަރަނި ދެއްކުމަށް ކުރާ ޚަރަދު އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ 11.8 އިންސައްތަ ހިއްސާ ކުރަނީ ސިއްހީ ދާއިރާއަށް ކުރާ ޙަރަދުތަކެވެ. އަދި 10.8 އިންސައްތަ ހިއްސާކުރަނީ ތައުލީމީ ދާއިރާއަށެވެ. އޭގެ ތެރޭގައި އެ ދާއިރާތަކުގެ އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމަށް ކުރެވޭ ހޭދައާއި އިންސާނީ ވަސީލަތްތައް ރަނގަޅު ކުރުމަށް ކުރެވޭ ހޭދަ ހިމެނޭ ކަމަށް ސަރުކާރުން ބުނެއެވެ.
އެގޮތުން ސިއްހީ ދާއިރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހޮސްޕިޓަލްތަކުގެ ވަސީލަތްތައް ހޯދުމަށް ކުރެވޭ ހަރަދާއި މުވައްޒަފުން އިތުރު ކުރުމުގެ ޚަރަދާއި މުސާރަ ހަމަހަމަ ކުރުމުގެ ސިޔާސަތު އެ ދާއިރާއިން ތަންފީޒު ކުރަން ކުރަން ޖެހޭ ހަރަދުތައް ހިމެނެއެވެ.