05 Apr 2012, 12:38
ވަތަނިޔާއިން "ޕްރިޕެއިޑް އޮބި" ގެ ނަމުގައި މިއަދު އަލަށް ޕެކޭޖެއް ތައާރަފުކޮށް ޕްރިޕެއިޑް ހިދުމަތް 50 ޕަސެންޓަށް އަގުހެޔޮ ކޮށްފި އެވެ.
ޕްރިޕެއިޑް އޮބި ތައާރަފްކުރަން ވަތަނިއްޔާއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމާޝަލް ޑައިރެކްޓާ މުހައްމަދު ރިފާއު ވިދާޅުވީ އެކުންފުނިން އަލަށް ތައާރަފްކުރި "ޕްރިޕެއިޑް އޮބި" ޕެކޭޖާއެކު އެކުންފުނީގެ 80 ޕަސެންޓް ކަސްޓަމަރުންނަށް ހިދުމަތްތަކުގެ އަގު ހެޔޮވާނެ ކަމަށެވެ.
"މި ކުންފުންޏަކީ ރާއްޖެއަށް އެންމެ ފުރަތަމަ އިނޮވޭޓިވް ކަންތައްތަކެއް ގެންނަ ފަރާތް. އެހެންކަމުން މި ޕެކެޖަކީ ވަތަނިއްޔާއިން ރައްޔިތުނަށްދޭ ހިދުމަތް ތަކުގެ ތެރޭގައި އަނެއްކާވެސް ފާހަގަ ކޮލެވޭ ކަމަކަށް ވާނެ،" ރިފާއު ވިދާޅުވި އެވެ.
"ޕްރީޕެއިޑް އޮބީ"ގައި ވަތަނިއްޔާއިން ދިރާގަށް ގުޅުމަށް މިނެޓަކަށް ޗާޖުކުރާނީ 99ލ. އެވެ. ހުކުރު ދުވަސްދުވަހު ދިރާގު ނަމްބަރުތަކަށް ގުޅަން ޗާޖްކުރާނީ މިނެޓަކަށް 69 ލ. އެވެ. ޕީކު ގަޑީގައި، ހެނދުނު 8:00 އިން ރޭގނޑު 10:59 އަކަށް ޗާޖުކުރާނީ މިނެޓަކަށް 89 ލ. އެވެ. އަދި އޮފް ޕީކު ގަޑި، ރޭގަނޑު 11:00 އިން ހެނދުނު 7:59 ޗާޖުކުރާނީ 49 ލ.
ޕްރިޕެއިޑް އޮބި ޕެކޭޖަކީ ރާއްޖޭގެ މާކެޓުގައި ހުރި ޕްރިޕެއިޑްގެ އެންމެ އަގުހެޔޮ ޕެކޭޖް ކަމަށް ވަތަނިއްޔާއިން ބުނެ އެވެ. ވަތަނިއްޔާއިން މިހާރު ވެސް އަންނަނީ ޕްރިޕެއިޑް ހިދުމަތުގެ އިތުރުން ޕޯސްޓްޕެއިޑާއި ވަތަނިއްޔާ މިކްސާއި ވަތަނިއްޔާ ބްރޯޑްބޭންޑް އަދި ވަތަނިއްޔާ ރަށު ފޯނުގެ ހިދުމަތް ދެމުންނެވެ.