31 Oct 2022, 10:35
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ވާނީ އުއްމީދީ ބަޖެޓަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު، މިނިސްޓަރު ވަނީ ހުށަހަޅައިދެއްވާފައެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 2023ގެ ބަޖެޓު ވާނީ އުއްމީދީ ބަޖެޓަކަށް ކަމަށެވެ.
އެ ބަޖެޓުގައި ގިނަ ކަންކަން ރާވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮންމެ ދާއިރާއަކުން ވެސް ބޭނުންވާ ހައްލުތަކަށް މަސައްކަތްކުރުމަށް ބަޖެޓުކުރެވިފައިވާ ކަމަށެވެ. އަދި އެ ބަޖެޓަކީ ކޮވިޑް-19ގެ އިގްތިސާދީ އަޑިގަނޑަށްފަހު ދައުލަތުގެ ރިކަރަންޓް ޚަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގެ ބިރު މިއަދު ފިލާ ހިނގައްޖެ ކަމަށެވެ. ސަރުކާރުން ހިކުމަތްތެރިކަމާއެކު އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން، ކޮވިޑްގެ ކުރިން އިގްތިސާދު ހުރި މިންވަރަށް މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެއާއެކު ކޮވިޑް-19ގެ ތަދުމަޑުކަމުން އަރައިގަތުމަށް ކަނޑައަޅާފައިވާ މާލީ ސިޔާސަތުތައް، ނޯމަލައިޒްކޮށް އާންމު ހާލަތަށް ގެންނަން ޖެހޭ. ރާއްޖެ ފަދަ ހުޅުވާލެވިފައިވާ ކުޑަ އިގްތިސާދަކަށް އަންނަ، އެކި އިގްތިސާދީ ޝޮކްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ މާލީ ވިލުންވެރިކަން އިތުރުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑްގެ ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިބަޖެޓާ ހަމައަށް އާދެވުނީ އިގްތިސާދީ ގަދަ ކަނޑެއްގައި ދަތުރުކުރުމަށްފަހުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔޭގެ އިގްތިސާދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު އުފަންވެފައިވާ ކަމަށެވެ. އެގޮތުން ރަޝިޔާ-ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް. ތަރައްގީވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި. އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަން ސަރުކާރުން ދެނެގަންނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް ކަމަށެވެ. އެއީ ރައްޔިތުންގެ ފުދުންތެރިކަމާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމި އޮވެވޭނެ ޕްލޭނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން އަޅުގަނޑު ގަބޫލު ކުރަން. އެއީ އިގްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް. ދައުލަތުގެ ދަރަނި ބޮޑުވެ، އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ. ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރޭ. އަސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެނީ، ގޮންޖެހުންތައް ގިރާކޮށް، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި މަގުގައި ހިފެހެއްޓުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރާ ހަވާލުވީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ހައްލުނުވެ ހުރި އެތައް ގިނަ ކަންތައްތަކެއް ހައްލުކުރުމަށް ވައުދުވެގެން ކަމަށެެވެ. އަދި އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށާއި، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާ އެކު ކަމަށެވެ.
ސަރުކާރުގެ މަސައްކަތް ހުރީ އެ މަގަށް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅުތައް ފުއްދުން ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އެންމެ އިސް އަމާޒަކީ ކޮވިޑް-19ގެ އިގްތިސާދީ ކާރިސާއާ ގުޅިގެންނާއި އޭގެ ފަހުން ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން އިތުރުވި ހިރާސްތައް ކުޑަކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން ކަށަވަރު ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަންނަން ފެށުމާއެކު މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރާފައިވާ ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ކޮވިޑްގެ ކުރިން އިގްތިސާދު ހުރި މިންވަރަށް ވާސިލުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަންނަ އަހަރު ވެސް 7.6 އިންސައްތައިގެ ބާރު ދުވެއްޔެއްގައި ގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.