31 Oct 2022, 11:39
ބްރަޒީލިއާ (31 އޮކްޓޯބަރު 2022): ބްރެޒިލްގެ ރިޔާސީ އިންތިޚާބު އެގައުމުގެ ތަރައްގީގެ ބާނީގެ ގޮތުގައި ސިފަކުރެވޭ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ވަރަށް ހަނި އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ.
ޑަ ސިލްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯ އާ ވާދަ ކުރައްވައިގެންނެވެ. ބްރެޒިލްގެ އިންތިޚާބު ތަކާބެހޭ އިދާރާއިން ނެރުނު ވަގުތީ ނަތީޖާތައް ދައްކާގޮތުން އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުތަކުގެ ގާތްގަނޑަކަށް 96 އިންސައްތަ ގުނާފައިވާއިރު ޑަ ސިލްވާ އަށް ލިބިފައިވަނީ 50.6 އިންސައްތަ ވޯޓެވެ. ބޮލްސޮނާރޯ އަށް ލިބިފައިވަނީ 49.5 އިންސައްތަ ވޯޓެވެ. ބާކީ ނުގުނައި ހުރި ވޯޓުކޮޅަކީ މިނަތީޖާއަށް ބަދަލު އަންނަވަރަށް ވުރެ މަދު ވޯޓުކޮޅެއްކަމަށްވެސް އެއިދާރާއިން ބުނެއެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މި އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. ފުރަތަމަ ބުރުގައި ލޫލާއަށް ލިބިވަޑައިގަތީ ވޯޓުގެ 48.9 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ ވޯޓުގެ 44.2 އިންސައްތައެވެ.

ބްރެޒިލްގެ ކުރީގެ ރައީސް އަދި މިހާރުގެ ރައީސުލް މުންތަޚަބު ލުއިސް ލޯލާ ޑަ ސިލްވާ
އެންމެ މަތިން ވޯޓު ހޯއްދެވި މިދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކަށްވެސް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައިނުވާތީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ނިންމީއެވެ.
ދެވަނަ ބުރުގެ ވަގުތީ ނަތީޖާއާއެކު ލޫލާ އާއި އޭނާގެ ސަޕޯޓަރުން ގެންދަނީ ކާމިޔާބީ އިއުލާނުކޮށް އުފާ ފާޅުކުރަމުންނެވެ. އިންތިޚާބުގައި ބަލިވި ރައީސް ޖައިރު ބޮލްސޮނާރޯ ގެ ޚަބަރެއްނެތެވެ. އިންތިޚާބުގެ ކުރިން ބޮލްސޮނާރޯވަނީ އިންތިޚާބުގައި އޭނާ ބަލިވެއްޖެނަމަ ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ބްރެޒިލްގެ އިންތިޚާބުތަކާބެހޭ އިދާރާއަކީ ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ އިދާރާއަކަށް ނުވެފައި އެއީ މުސްތަގިއްލު އިދާރާއެއްކަމުން އެއިދާރާގެ ނިންމުންތަކަށް ބާރުފޯރުވޭނެ ބާރެއް އަދި ހައިސިއްޔަތެއް އެހެން ފަރާތަކަށް ނޯވެއެވެ. ނަތީޖާ ގަބޫލު ނުކުރައްވާނަމަ ބޮލްސޮނާރޯ އަށް ޖެހިވަޑައިގަންނަވާނީ ކޯޓަށް ވަޑައިގަންނަވާށެވެ. އިންތިޚާބުގައި މަކަރު ހެދިކަން ބޮލްސޮނާރޯގެ ފަރާތުން ކޯޓަށް ސާބިތު ކޮށްނުދެއްވިއްޖެނަމަ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯ
އިންތިޚާބުގައި ބަލިވި ރައީސް ޖައިރު ބޮލްސޮނާރޯ އަކީ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. ޕޮޕިއުލިސްޓް ވިސްނުމުގެ ބޭފުޅެކެވެ. އޭނާގެ ރިޔާސީ ދައުރުގައި ބްރަޒިލްގެ އިގްތިޞާދުވަނީ ދަށަށްގޮސްފައެވެ. ތަރައްގީގެ މާ ބިޔަ މަޝްރޫއުތަކެއް ހިންގިފައެއް ނުވެއެވެ. އަދި ބްރެޒިލް އަށް ލިބުނު ބޭރުގެ އިންވެސްޓްމަންޓްތަކުގެ މިންވަރުވެސް ކުރީ އަހަރުތަކާ އަޅާބަލާއިރުވަނީ ދަށަށްގޮސްފައެވެ. ދަރަނިވަނީ އިތުުރުވެފައެވެ.
މީގެއިތުރުން ބްރެޒިލްގެ ފަގީރުންގެ ހާލަތުވެސްވަނީ އިތުރަށް ގޯސްވެ އިގްތިސާދީ ދުވެލިވަނީ ދަށަށްގޮސްފައެވެ. ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަންވަނީ 10 އިންސައްތައަށް މައްޗަށް ގޮސްފައެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ލޫލާ ޑަ ސިލްވާ އަކީ އުމުރުފުޅުން 77 އަހަރުގެ ބޭފުޅެކެވެ. ލޫލާ ވަނީ 2003 ން 2011 އަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައެވެ. އޭނާގެ ރައީސްކަމުގައި ބްރެޒިލްވަނީ އިގްތިޞާދީ ގޮތުން ވަރަށް ބޮޑަށް ކުރިއަށްގޮސްފައެވެ. ޖީ 20 ގައުމުތަކުގެ ފެންވަރަށް ބްރެޒިލްގެ އިގްތިޞާދު ކުރިއަށް ގެންދެވީވެސް ލޫލާއެވެ.
ވާތުފިޔައިގެ ފިކުރުގެ ބޭފުޅެއްކަމަށްވާ ލޫލާގެ އަށް އަހަރުގެ ވެރިކަމުގައި ބްރެޒިލްގެ ފަގީރުންގެ އެތައް މިލިއަން ބަޔަކު ފަގީރުކަމުގެ ހާލަތުން އަރައިގަތެވެ. އަދި ފަގީރު އާއިލާތަކަށް މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތާއި ގެދޮރުވެރިކަން އެއްވެސް ދުވަސްވަރެއްގައި ނުލިބޭވަރަށް ލިބުނެވެ.
ނަމަވެސް ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ބޭފުޅެއްކަމަށްވާ ޖައިރު ބޮލްސޮނާރޯގެ ވެރިކަމުގައި ފަގީރުން އިތުރަށް ވީ ފަގީރެވެ. މުއްސަނދިން އިތުރަށްވީ މުއްސަންޖެވެ. ލޯލާއަށް ތާއީދު ބޮޑީ ބްރަޒިލްގެ ރަށްފުށުގެ ސަރަހައްދުތަކުގައެވެ. ބޮލްސޮނާރޯއަށް އާބަން ސަރަހައްދުތަކުގައެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައްޔިތުންނަށް ދެއްވި ފުރަތަމަ ބަޔާނުގައި ލޯލާ ވަނީ ބްރަޒީލަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވަނީ ދާޚިލީ ސުލްހައާއި ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށް ވިދާޅުވެ ދެބަސްވުންތަކާއި އަރާރުންތައް ދޫކޮށްލުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ލޯލާ ވިދާޅުވިގޮތުގައި އޭނާގެ ވެރިކަމުގައި އަނެއްކާވެސް ބްރަޒިލްގެ އިގްތިސާދު އާ އުސްމިންތަކަކަށް ގެންދަވާނެއެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ބްރެޒިލް މިހާތަނަށް އޮތް އެކަހަރިކަމުން އަރައިގަނެ އަލުން ހަރަކާތްތެރި ދައުލަތަލަށް ހައްދަވާނެއެވެ. ނަމަވެސް އިންތިޚާބުގެ ދެބުރާ ގުޅިގެން ބްރެޒިލްގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބައިބައިވުން އުފެދިފައިވާތީ އެކަން ނިމުމަކަށް ގެނަސް އެންމެން އެކަތިގަނޑަކަށް ވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ބޮލްސޮނާރޯގެ ވެރިކަމުގައި 2018 ވަނައަހަރު ލޯލާ ޖަލަށް ލެވުނެވެ. އެއީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކޯޓުންކުރި ހުކުމަކާ ގުޅިގެންނެވެ. ނަމަވެސް 2021 ވަނަ އަަހަރު ކޯޓުންވަނީ ލޯލާގެ މައްޗަށް ކޮށްފައިވަނީ ނުބައި ހުކުމެއްކަމަށް ނިންމައި އޭނާ މިނިވަންކޮށްފައެވެ. މިނިވަން ވުމާއެކު ލޯލާ މަސައްކަތް ކުރައްވަމުން ގެންދެވީ ރިޔާސީ އިތުުރު ދައުރެއް ހޯދުމަށްޓަކައި ބްރެޒިލްގެ ކަންކޮޅުތަކަށް ވަޑައިގެން ކޭންޕޭން ކުރެއްވުމުގައެވެ. މިކަން އެންމެފަހުން އޭނާ މިވަނީ ކާމިޔާ ކުރައްވާފައެވެ.