31 Oct 2022, 09:57
އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 ޕަސެންޓަށް ކުރިއަރާނޭކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޔާނުގައި ބުނެފައިވަނީ އިޤްތިޞާދީ ކުރިމަގަށް ބަލާއިރު އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 7.6 ޕަސެންޓަށް ކުރިއަރާނޭކަމަށެވެ. މިއީ ކޮވިޑު 19ގެ ކުރިން ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ޖުމްލަ ގޮތެއްގައި ހުރި މިންވަރަށްވުރެ މަތީ އަދަދެކެވެ.
ބަޖެޓް ބަޔާނުގައިވާގޮތުން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގުތިޞާދީ ދުވެލި ޖުމްލަގޮތެއްގައި ވަނީ 5.6 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ކުރިމަތިވި ބަލިމަޑުކަމާ ގުޅިގެން ފަތުވެރިކަމުގެ ސިނާއަތަށާއި، އިގުތިޞާދީ މައިގަނޑު އެހެން ސިނާއަތްތަކަށް ކޮށްފައިވާ އަސަރުތަކުގެ ސަބަބުން، އިގުތިޞާދީ ދުވެލި 5.3 ޕަސެންޓް ދަށްވިއެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، އިގުތިޞާދު ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކާއެކު، މިދިޔަ އަހަރު ރާއްޖޭގެ އިގުތިޞާދު ވަނީ ކުރިއަރަން ފަށާފައެވެ. އެގޮތުން އެ އަހަރު ރާއްޖޭގެ އިގުތިޞާދު 7.41 ޕަސެންޓުން ކުރިއަރައި، ރިކަވަރީގެ މިންވަރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ވަނީ މަތިވެފައެވެ.
މި އަހަރު އިގުތިޞާދީ ދުވެލި 3.12 އިންސައްތަ ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ. މި ކުރިއެރުމާއެކު ރާއްޖޭގެ އިގުތިޞާދު ކޮވިޑް-19 ގެ ކުރިން ހުރި މިންވަރަށް އަނބުރާ ވާސިލުވެވޭނެއެވެ. މި އަހަރު ރާއްޖޭގެ އިގުތިޞާދު ކުރިއަރާނެކަމަށް ލަފާކުރެވޭ ސަބަބަކީ ޖީޑީޕީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ދާއިރާ 2.17 ޕަސެންޓް ކުރިއަރާނެ ކަމަށް ބެލެވުމެވެ.
ރާއްޖޭގެ އިގުތިޞާދު އަންނަ އަހަރު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދާއި ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އިތުރުވާނެކަމަށް ބެލެވޭތީއެވެ. މީގެ އިތުރުން، އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ހުޅުވުމަށް ރާވައިފައިވާ ރިސޯޓުތައް ހުޅުވައި ދާއިރާގެ އެނދުގެ ކެޕޭސިޓީ އިތުރުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި ދަތުރުފަތުރު ފަދަ އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެތީއެވެ. މީގެ އިތުރުން އާންމު ވިޔަފާރިތަކާއި އެހެނިހެން ސިނާއަތް ތަކަށްވެސް ކުރިއެރުން ލިބޭނޭކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތެވެ. ސަރުކާރުން ބުނީ އަންނަ އަހަރު އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމުން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް މަގުފަހިވެގެންދާނެއެވެ.