ޑަޗް ޕެއިންޓަރެއް ކަމަށްވާ ޕިއެޓް މޮންޑްރިއަންގެ އެބްސްޓްރެކްޓް އާޓްވޯކެއް ފާއިތުވި 75 އަހަރު ވަންދެން ފާރުގައި ހަރުކޮށްފައި ބަހައްޓާފައި ވަނީ އިދިކޮޅަށް ކަމަށް އާޓް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

މޮންޑްރިއަން 1941ގައި ތައްޔާރުކުރި އެ އާޓްވޯކް މީހުންނަށް ދައްކަން އެންމެ ފުރަތަމަ ޑިސްޕްލޭއަށް ލާފައިވަނީ 1945 ވަނަ އަހަރުގައެވެ. އެއީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ މިއުޒިއަމް އޮފް މޮޑަން އާޓުގައެވެ.

އޭގެ ފަހުން ނިއު ޔޯކުން އާޓްވޯކު ނެގުމަށްފަހު 1980އިން ފެށިގެން އެ އާޓްވޯކު ބަހައްޓާފައިވަނީ ޖަރުމަނުގެ ސްޓޭޓެއް ކަމަށްވާ ރައިނިވެސްޓްފެލިއާގައެވެ.

އެ އާޓްވޯކު ބަހައްޓާފައިވާ ދާރުލްއާސާރުގެ ކިއުރޭޓާ ސުޒޭން މޭޔާ ބުނާގޮތުގައި އެ އާޓްވޯކް އިދިކޮޅަށް ބަހައްޓާފައިވާކަން އެނގުނީ ދިރާސާއެއް ކުރަމުން ދަނިކޮށް މިއަހަރުގެ ކުރީކޮޅުގައެވެ.

ނަމަވެސް އެ އާޓުވޯކު އަސްލު ހުންނަން ޖެހޭ ގޮތަށް ނުބެހެއްޓުމަށް އޭނާ ލަފާ ދެއެވެ. އެއީ އާޓްވޯކު އަސްލު ބަހައްޓަން ޖެހޭ ގޮތަށް ބަހައްޓަން ނަގަން އުޅުމުގެ ތެރޭގައި އެއަށް ގެއްލުންވެދާނެތީއެވެ.

މޮންޑްރިއަންއަކީ 20 ވަނަ ގަރުނުގެ އެންމެ ފާހަގަކޮށްލެވޭ އާޓިސްޓުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އެބްސްޓްރެކްޓް ސްޓައިލް އާއި މިނިމަލިޒަމް ޑިޒައިންގެ އާޓްވޯކު އެންމެ ބޮޑަށް ޒަމާނީކޮށް މިހާރު ބޭނުން ކުރާ ގޮތްތައް އުފެއްދުމުގައި އެންމެ ފާހަގަކޮށްލެވޭ އެކަކީ މޮންޑްރިއަން އެވެ.