31 Oct 2022, 13:21
ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ދަ ވިޗާ"ގެ ލީޑް ރޯލުން ފެންނަ ހެންރީ ކެވިލް އެ ރޯލު ދޫކޮށްލަން ނިންމާފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
"ދަ ވިޗާ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މަޝްހޫރު ވާހަކަ ފޮތްތަކަކަށް ބިނާކޮށް ނެޓްފްލިކްސްއިން ނެރޭ ވިޗާ ސީރީޒްގެ "ގެރަލްޓް އޮފް ރިވިއާ"ގެ ރޯލުން ކެވިލް ދެން ފެންނާނީ އެންމެ ފަހު ފަހަރު ކަމަށް އެ ޝޯ އުފައްދާ ފަރާތްތަކުން ވެސް ވަނީ ހާމަކޮށްފައެވެ.
ޝޯގެ ތިންވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އެ ސީޒަނަށް ފަހު ކެވިލް ޝޯ އިން ވަކިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ރޯލުން ދެން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ލިއަމް ހެމްސްވޯތު ކަމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ.
އެ ޝޯ ދޫކޮށް ދާ ސަބަބެއް ކެވިލް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޚަބަރު ފެތުރިފައިވާ ގޮތުގައި އޭނާ ޝޯ ދޫކޮށް ދަނީ، އެ ސީރީޒް އަސްލެއް ކަމަށް ބަލާ ފޮތްތަކާ މާ ބޮޑަށް ތަފާތުކޮށް ސީރީޒް ކުރިއަށްގެންދާތީއެވެ. އެގޮތުން ޝޯގެ ބައެއް ޕްރޮޑިއުސަރުންނަށް އެ ފޮތްތައް ކަމުނުދާ ކަމަށް ވެސް ޚަބަރު ފެތުރިފައިވެއެވެ.
އެއީ ކެވިލް އެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވުމުން އޭނާ އެކަންތައްތައް ބަދަލުކުރަން މަސައްކަތް ކުރި ކަމަށްވެއެވެ. ނަމަވެސް އެއްވެސް ބަދަލެއް ނުގެނެސް ޕްރޮޑިއުސަރުން އަމިއްލަ މިސްރާބަކަށް ޝޯ ގެންދާތީ ކެވިލް ޝޯ ދޫކޮށްލީ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެއެވެ.
ނަމަވެސް އޭގެ ތެރެއިން އެއްވެސް ވާހަކައެއް ސީރީސްގެ ޕްރޮޑަކްޝަނުން ވެސް އަދި ކެވިލް ވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ދަ ވިޗާގެ ތިންވަނަ ސީޒަން އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރުމަށްޓަކައި ނެޓްފްލިކްސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.