ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާފައިވާ އަބްދުﷲ ޖާބިރުގެ ޔޮޓު ޓުއާސްއަށް ރިސޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ދީފައިވާ ކ. ކުޑަރަށުގެ ކުލި ނުދައްކައިގެން އެފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ޔޮޓް ޓުއާސްގެ މައްޗަށް ދައުވާކޮށްފި އެވެ.

އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުއްވަމުން މީރާގެ ވަކީލު، އަދި ބޯޑު މެންބަރު ހުސެއިން ސިރާޖު ވިދާޅުވީ ރިސޯޓެއް ތަރައްގީ ކުރުމަށް ޔޮޓުޓުއާސް އަށް ސަރުކާރުން ދީފައިވާ ކުޑަރަށުގެ ލީސް ރެންޓު ޔޮޓު ޓުއާސް އިން ކަނޑައެޅިފައިވާ ތާރީޚަށް ދައްކާފައި ނުވާކަމަށެވެ. އެހެންކަމުން މީރާއިން ދައުވާކުރަނީ ކަނޑައެޅިފައިވާ ތާރީޚަށް ލީސް ރެންޓު ދައްކާފައި ނުވާތީ ޖޫރިމަނާއާ އެކު ޖުމްލަ ދައްކަންޖެހޭ 187،693.69 ޑޮލަރު އެއްފަހަރާ ހޯދުމަށް ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ޔޮޓު ޓުއާސްގެ ވަކީލު މުހައްމަދު އަނިލް ވަނީ މި މައްސަލައާއި އެއްގޮތް މައްސަލައެއްގައި މީރާއަށް ދައުވާކުރުމުގެ ހައްގު ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައިވާކަމަށެވެ. އަދި މި ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫންކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާއެއް ފާހަގަ ކުރެއްވެވި އެވެ.

ނަމަވެސް ސިރާޖު ވިދާޅުވީ އެ ހުކުމް ކޮށްފައިވަނީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ކަމަށާއި އިސްލާހު ގެނެވުނު ގާނޫނުގެ 16 ވަނަ މާއްދާގެ ގެ ދަށުން މީރާއަށް ދައުވާ ކުރެވޭނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ އެގާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން އެއްވެސް ފަރާތަކުން ޓެކްހެއް ނުދައްކާ ވާނަމަ ނުދައްކާވާ ޖުމްލަ އަދަދު ބަޔާންކޮށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްއޭޝަން އެފަރާތަކަށް ލިޔުމެއް ފޮނުވާނެ ކަމަށާއި އެ ލިޔުން ފޮނުވާތާ 60 ދުވަހުގެ ތެރޭގައި އެލިޔުމުގައިވާ ފައިސާގެ އަދަދާއި މެދު ހިންހަމަ ނުޖެހޭނަމަ އެ މައްސަލަ ޓެކްސް އެޕީލް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޔޮޓު ޓުއާސް އަށް އެގޮތަށް ލިޔުމުން އަންގާފައިވާއިރު އެކަމާއި އިންކާރުކޮށް ޓެކްސް އެޕީލް ކޮމިޝަނަށް ހުށަހަޅާފައި ނުވާކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ޔޮޓު ޓުއާސްގެ ވަކީލު އަނިލް ވިދާޅުވީ މި މައްސަލައާއި ގުޅުންހުރި މައްސަލައެއްގައި ސިވިލްކޯޓުން ހުކުމް ކޮށްފައިވަނީ ޓެކްސްނެގުމާއި ބެހޭ އިދާރީ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގު ކުރިފަހުން ކަމަށެވެ. އަދި ވިދާޅުވީ ލީސްރެންޓަކީ ޓެކްސް ނޫންކަމަށާއި އެހެންކަމުން އެފައިސާ ހޯދުމަށް މީރާއަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ރައްދުގައި ސިރާޖު ވިދާޅުވީ އެ ގާނޫނުގެ ދަށުން ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާއެއް ވިޔަސް ދައުލަތަށް ލިބެންޖެހޭ ކޮންމެ އާމްދަނީއެއް ހޯދުމަށް ދައުވާކުރުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށެވެ.

ސިވިލްކޯޓުގެ ގާޒީ އަބްދުﷲ އަދީބު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ޔޮޓު ޓުއާސްގެ އިޖުރާއީ ނުކުތާއާއި މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ މިހާރު ދައުވާކޮށްފައިވާ ގޮތަށް ދައުވާ ނުކުރެވޭގޮތަށް ކޯޓުން ނިންމައިފިނަމަ ދައުވާ ފޯމް އިސްލާހު ކުރުމަށްފަހު އަލުން ދައުވާ ކުރައްވާނެ ކަމަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ޔޮޓު ޓުއާސްއަށް ދޫކޮށްފައިވާ ގދ. ވަޓަވައްރެހާގެ ކުލި ނުދައްކައިގެންވެސް މީރާއިން ޔޮޓު ޓުއާސްގެ މައްޗަށް ދައުވާ ކުރެއެވެ.