31 Oct 2022, 09:24
މިއަހަރު އެންމެ ގިނަ ބަޔަކު ބަލަންވެގެން އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ އެވެޓާގެ ދެވަނަ ބައި "ދަ ވޭ އޮފް ވޯޓާ"އަކީ ތިން ގަޑިއިރަށް ވުރެ ދިގު ފިލްމެއް ކަމަށް ޑައިރެކްޓަރު ޖޭމްސް ކެމެރަން ބުނެފިއެވެ.
ޖޭމްސް ކެމެރަން އުފައްދައި 2009 ވަނަ އަހަރު ނެރުނު ފިލްމު "އެވެޓާ" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ. އެ ފިލްމުގެ ދެވަނަ ބައެއް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅެވެ.
ފިލްމުގެ ފުރަތަމަ ބަޔާ އަޅާ ބަލާއިރު ދެވަނަ ފިލްމު ވަރަށް ދިގުވާނެއެވެ. އެގޮތުން ފުރަތަމަ ފިލްމު ދެ ގަޑިއިރާއި 41 މިނެޓަށް ދެމިގެންދާއިރު ދެވަނަ ފިލްމުގެ ދިގުމިނުގައި ތިން ގަޑިއިރާއި 10 މިނެޓު ހުންނާނެއެވެ.
ކޮވިޑަށް ފަހު ސިނަމާތަކުގައި އަލުން ފިލްމުތައް އަޅުވަން ފެށިއިރު ފިލްމުތަކުގެ ދިގުމިން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރު ދެން އެޅުވުމަށް ހަމަޖެހިފައިވާ ގިނަ އިނގިރޭސި ފިލްމުތަކުގެ ދިގުމިން އުޅެނީ ދެ ގަޑިއިރަށް ވުރެ މަތީގައެވެ.
އެވެޓާގެ ދެވަނަ ބައިން ވެސް ފިލްމުގެ ފުރަތަމަ ބައިން ފެނުނު އެކްޓަރުން ފެންނާނެއެވެ. އޭގެތެރޭގައި ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާގެ އިތުރުން ސިގުނީ ވީވާ އާއި ކޭޓް ވިންސްލޭ އަދި ސްޓެފެން ލޭންގް ހިމެނެއެވެ.
އެ ފިލްމު ނެރެން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 16 ގައެވެ.