05 Apr 2012, 11:49
ޑިފެންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ބޭފުޅަކު ހަމަޖައްސައިފި އެވެ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް އިއްޔެ ހަމަޖައްސާފައި ވަނީ ގ. ޝީން އަހުމަދު ޝާން މަންސޫރެވެ.
ސްޕޭސް ކުރާފްޓް ޓެކްނޮލަޖީ އެންޑް ސެޓްލައިޓް ކޮމިއުނިކޭޝަން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޝާން އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ ދިރާގައި ވަތަނިއްޔާގައި ސީނިއާ މަގާމްތަކެއް ފުރުއްވާފަ އެވެ. އެސްޓީއޯގައި އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެއްޓެވި ޝާން ވަނީ 17 އަހަރު ޓެލެކޮމިއުނިކޭޝަން ދާއިރާގައި އަދި 12 އަހަރު މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާ ހޯއްދަވާފަ އެވެ.
ޑިފެންސްގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ކުރިން ހުންނެވި ފާތިމަތު ރީނީ އެ މަގާމުން އިސްތިއުފާ ދެއްވެވީ މިދިއަ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.