30 Oct 2022, 16:50
އަންނަ މަހު ގަތަރުގައި ފަށާ ވޯލްޑްކަޕަށް 21 ދުވަހަށް ވެފައިވަނިކޮށް އާޖެންޓީނާގެ އެއް ނަމްބަރު ގޯލްކީޕަރި އެމިލިއާނޯ މާޓިނޭޒްއަށް އަނިޔާވެއްޖެއެވެ.
އެސްޓަން ވިލާއަށް ކުޅެމުން އަންނަ ގޯލްކީޕަރަށް އަނިޔާވެފައިވަނީ އެ ޓީމު ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ މެޗުގައި އަނިޔާވެފައިވަނީ މާޓިނޭޒްގެ ބޮލަށެވެ. އެހެންކަމުން ވަގުތުން އޭނާ ވަނީ ބަދަލުކޮށްފައެވެ.
އެ މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އެސްޓަން ވިލާގެ ކޯޗު އާރޮން ޖޯން ޑަންކްސް ބުނީ އެ ޓީމުގައި ތިބީ ވަރަށް ކުޅަދާނަ ސިއްހީ އެހީތެރިން ކަމަށެވެ. އެހެންކަމުން މާޓިނޭޒްއަށް ދޭންޖެހޭ އެންމެ ރަނގަޅު ފަރުވާ އެ ޓީމުން ދޭނެކަމަށް އޭނާ ބުންޏެވެ.

މާޓިނޭޒް ފިނަލިސިމާ ތަށްޓާއެކު--- ފޮޓޯ/ އާޖެންޓީނާ ގައުމީ ޓީމް
ޑަންކްސް ބުނީ ފެންނަ ފެނުމަށް މާޓިނޭޒްގެ ހާލު ރަނގަޅު ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާ އަދިވެސް އެ ޓީމުގެ ސިއްހީ އެހީތެރިން ބަލަމުން އަންނަކަމަށް ބުންޏެވެ.
މާޓިނޭޒްއަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. މިހާރު އެ ގައުމުން ދައްކަމުން އަންނަ މޮޅު ކުޅުމުގެ އަސްލަކީ އޭނާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޒަމާންތަކަކަށް ފަހު އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ތަށި މިއަހަރު އުފުލާލިއިރު އެ ޓީމުގެ ގޯލު ބެލެހެއްޓީ މާޓިނޭޒްއެވެ. އޭނާ ވަނީ އެ މުބާރާތުގައި ތިން ޕެނަލްޓީ މަތަ ކޮށްފައެވެ.
މި އަހަރު ވޯލްޑްކަޕަށް އާޖެންޓީނާ ނިކުންނައިރު ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އާޖެންޓީނާއަކީ މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންނެވެ. އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނީ އާޖެންޓީނާއަށް މިއަހަރު ވޯލްޑްކަޕް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި އެ ޓީމު ޖެހިލުންވާވަރުގެ މޮޅު ޓީމެއް މި އަހަރު ނެތްކަމަށް ވެސް މެސީ ބުންޏެވެ.