ގދ. އަތޮޅުގެ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ ކޮޓަރީގައި ކާޕެޓް އަޅަން ކާޕެޓް ގަތުމުގައި އެ ކައުންސިލްގެ ރައީސާ އިތުރު ދެ މެންބަރަކު ބައިވެރިވެގެން މަގާމުގެ ނުފޫޒު ބޭނުންކޮށް، ވަކިފަރާތަކަށް ނާޒާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބެލޭވޭ ކަމަށް ބުނެ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބުނެ ދައުވާކުރުމަށް އެދި އޭސީސީން ޕީޖީއަށް ހުށަހަޅާފައިވަނީ ގދ އަތޮޅު ކައުންސިލްގެ ރައީސް ހުޅުމާލޭ، މުހައްމަދު ނިޒާމު އާއި އެ ކަންސިލުންގެ މެންބަރުން ކަމުގައިވާ ގދ. ހޯޑެއްދޫ ޝާދީވިލާ އަބްދުﷲ ޝިފާޒާއީ ގދ ފިޔޯރީ ނެލުން، މުހައްމަދު މުހްތާރުގެ މައްޗަށެވެ.

އޭސީސީން ބުނިގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕީޖީއަށް ހުށަހަޅާފައިވާ އެ މައްސަލަ އެ ކޮމިޝަނުން ބެލިބެލުމުން އިއުލާން ކުރުމެއް ނެތި ކާޕެޓް ގަތުމުގައި އަމަލު ކޮށްފައިވަނީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލާގައި އެ ތިން ފަރާތުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މާނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ކައުންސިލްގެ ރައީސާއި ނައިބް ރައީސްގެ ކޮޓަރީގައި ކާޕެޓް އެޅުމަށް ނިންމާފައިވަނީ އެކުއެކީގައި ކަމަށްވާއިރު ކާޕެޓް ގަތުމަށް އެދޭ ފޯމް ތައްޔާރުކޮށް އެ ކައުންސިލު މެންބަރު މުހުތާރު ހުއްދަދެއްވާފައިވެ އެވެ. އަދި އެދެފޯމާ ގުޅިގެން ކޯޓޭޝަން ދެ ފޯމް ހޯދާފައިވަނީ އެއް ތާރީހެއްގައި ޖެހިޖެހިގެން އޮތް ދެ ސީރިއަލް ނަމްބަރެއްގަ އެވެ. ދެ ކޮޓޭޝަންގައި ވެސް ވަނީ އެއްވައްތަރެއްގެ ކާޕެޓެއްގެ ކަމުގައިވާއިރު އެ ދެކޯޓޭޝަންގައި ވެސް ބާޒާރުގެ އެއްވެސް ފިހާރައަކުން އެވަގުތު ކާޕެޓް އެއިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓުން ގަނެވޭފަދަ އަގެއް ނެތުމުން އެއަގަށް ހަމަޖެހުނު ކާޕެޓް ހުރީ ވަކިފިހާރައެއްގައި ކަމަށް ނިންމާފައިވަނީ ކައުންސިލްގެ ރައީސް ނިޝާމުގެ އިތުރުން އެކަންސިލްގެ ދެ މެންބަރުން ކަމުގައިވާ ޝިފާޒާއި މުހްތާރު އެވެ.

އޭސީސީން ބުނިގޮތުގައި ކާޕެޓް ގަތުމަށް އަގު ބަލާފައިވަނީ ތިނަދޫގެ ދެ ފިހާރައަކުން ކަމުގައިވެފައި އަގުބެލި ފޯމްގައި ސޮއިކޮށްފައިވަނީ ވެސް އެތިން މެންބަރުންނެވެ. މިތަކެތި ގަތުމަށް މުދަލަށް އޯޑަރު ކުރާ އެއް ފޯމްގައި 23000ރ.އަށް 34 ފޫޓް ފްލޯ ކާޕެޓް ގަތުމަށް ހުއްދަދީފައި ވަނީ ކައުންސިލްގެ ރައީސް އެވެ. ދެވަނަ ފޯމް ގައި 16320ރ.އަށް 34 ފޫޓް ފްލޯ ކާޕެޓް ގަތުމަށް ހުއްދަދީފައި ވަނީ އެ ކައުންސިލް މެންބަރު މުހްތާރުކަން ލިޔެކިޔުންތަކުން އެނގެ އެވެ.

ހޯދަން އެދުނު ކާޕެޓް ލިބިފައިވަނީ އެއް ތާރީހެއްގައި ކަމުގައިވާއިރު ކާޕެޓް ގަތް ފިހާރައިން އެކަނި ކޯޓޭޝަން ހޯދާފައިވަނީ އިތުރު އެހެން ތަނަކުން ކާޕެޓް ލިބެން ނެތިގެންނެވެ. އަދި އެތަކެތި ދެބަޔަކަށް ބަހާލައިގެން ގަތީ ކާޕެޓް ގަތް ފިހާރާގައި އެތަކެތި އެވަގުތު ލިބެން ނެތިގެން ކަމަށް އެމައްސަލާގައި އެކޮމިޝަނުން ސުވާލުކުރި ފަރާތްތަކުން މައުލޫމާތު ދީފައިވިނަމަވެސް އެއްދުވަހެއްގައި ދެ ކޯޓޭޝަން ލިބިފައި އޮތުމުން އެފިހާރައިގައި އެވަގުތު ކާޕެޓް ލިބެން ހުރި ކަމަށް ބެލޭވޭ ކަމަށްވެސް އޭސީސީން ބުންޏެވެ.