30 Oct 2022, 12:17
ރަޝިއާގެ އަޒުރު އެއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
އަޒުރު އެއާ އަކީ ރަޝިއާގެ ޗާޓަރު އެއާލައިންއެކެވެ.
ރަޝިއާގެ މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅިގެން މާޗު މަހު ތެރޭގައި ދަތުރުތައް މެދުކެނޑައިލުމަށް ފަހު އަލުން ފަށާފައި ވަނީ ސީޒަނާ ދިމާކޮށެވެ.
އެ އެއާލައިންގެ ދަތުރުތައް ކޮންމެ ދުވަހަކު ވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.
އެ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 767-300 މަރުކާގެ 336 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ.
ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފޮލޮޓުން ވެސް އަންނަނީ ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަމުންނެވެ.
ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.