އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރެއްވުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދަތުރުފުޅު ފައްޓަވައި، ފުރަތަމަ މަންޒިލަކަށް ހޯރަފުއްޓަށް ވަޑައިގެންފިއެވެ.

އަންނަ މަހުގެ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެކޮޅަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާ، ނަޝީދު ރޭ ވަނީ ރަސްމީކޮށް ކެމްޕޭން ފައްޓަވައިފައެވެ.

"ފިކުރެއްގެ ދިރުން" ޝިއާރުގެ ދަށުން ކުރިޔަށް ގެންދާ ކެމްޕޭނަށް އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އުތުރުގެ ތިން އަތޮޅަކަށެވެ.

މިގޮތުން މިމަހުގެ 31ގެ ނިޔަލަށް އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ:

  • ހއ - ބާރަށް، އިހަވަންދޫ، ދިއްދޫ، ކެލާ

  • ހދ - ކުޅުދުއްފުށި، ވައިކަރަދޫ، ކުމުންދޫ
  • ށ - މިލަންދޫ، ކޮމަންޑޫ

މި ދަތުރުފުޅުގެ ތެރެއިން މިރޭ، ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އެޕާޓީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކޮށްފައިވަނީ އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޞާލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެހެންވެ، އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ.