30 Oct 2022, 10:49
ސިދާތު މަލޯތުރާ އާއި ކިއާރާ އަދުވާނީ މި ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމައިފިއެވެ.
މިވަގުތު ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ސިދާތު އާއި ކިއާރާގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް މީގެ ކުރިން އަޑު އަރާފައި އޮތް ނަމަވެސް، މި ގުޅުމެއް ދެ ތަރިންވެސް ޔަގީންކޮށްނުދެއެވެ. އެއީ އެކި އިންޓަވިއުތަކާއި ޓޯކް ޝޯތަކުގައި އެ ގުޅުމާ ބެހޭ ގޮތުން ދެ ތަރިންނާ ސުވާލުކުރުމުން ވެސްމެއެވެ.
މީީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 'ބޮލީވުޑް ހަންގާމާ'އަށް ދިން އެކްސްކުލޫސިވް އިންޓަވިއުއެއްގައި އިތުބާރު ހުރި ފަރާތަކުން ވަނީ އެ ދެ ތަރިން އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ ކައިވެންޏާ ގުޅޭ އިތުރު ތަފްސީލު ދޭން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުނި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
"ސިދާތު އާއި ކިއާރާވެސް އަދި މިކަމާ ގުޅިގެން ވާހަކަދައްކާކަށް ބޭނުމެއް ނުވޭ. އެކަމަކު، މުމްބާއީގައި އެމީހުންގެ ރިސެޕްޝަން އެއް އޮންނާނެ ކަމަށް އުއްމީދު ކުރެވޭ. މި ރިސެޕްޝަންގައި ބޮލީވުޑް ގިނަ ތަރިން ބައިވެރިވާނެ" އެ މީހާ ބުނި ކަމަށް ބޮލީވުޑް ހަންގާމާގައިވެއެވެ.
އެ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހި، ތައްޔާރުވުމުން ދެ ތަރިން ކައިވެނި އިއުލާން ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މިދިޔަ އަހަރު ކިއާރާ އާއި ސިދާތު އެކުގައި ވަނީ 'ޝޭރްޝާހް' ފިލްމުގެ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން 'އާދަލް ބާދަލް' ކިޔާ ފިލްމެއްގައި ވެސް އެކުގައި މަސައްކަތް ކުރަން ދެ ތަރިން ވަނީ ނިންމާފައެވެ.
ސިދާތު މަލޯތުރާ އެންމެ ފަހުން ސްކްރީނުން ފެނުނީ 'ތޭންކް ގޯޑް' ފިލްމުގައެވެ. އޭނާގެ 'ޔޯދާ' އާއި 'މިޝަން މަޖްނޫ' ފިލްމުގެ މަސައްކަތް ނިމި އަޅުވަން ވަނީ ތައްޔާރުވެފައެވެ.