30 Oct 2022, 08:37
"ކިހިނެއްތޯ ވީ ޑޮކްޓަރ؟" މާކިންއަށް ސުވާލުކޮށްލެވުނެވެ. ފައިލަށް ބަލަހައްޓައިގެން ހުރުމަށްފަހު، ޑޮކްޓަރު މާކިންއަށް ބަލައިލަމުން ހާމަކޮށްލި ވާހަކައާއެކު މާކިންގެ ފައިދަށުން ބިންގަނޑުވެސް ދެމިގެން ދިޔަ އިޙްސާސް އެއް އޭނާއަށް ކުރެވުނެވެ. މުޅި ދުނިޔެ ހުއްޓުނު ފަދައެވެ.
ޒިޔާނާ މި ދުނިޔެއާ އަމްވަދާއު ކިޔައިފިކަން އެނގުނު މާކިންގެ ދެލޯ ވެސް ފެންކަޅި ވެގެން ދިޔައެވެ. ޑޮކްޓަރު އޭނާއާއި ވާހަކަ ދައްކާލާފައި ދިޔުމުން މާކިން ގޮނޑީގައި އިށީނދެ ފޯނު ހުޅުވައިލިއެވެ. އެއަށްފަހު ރިފްއަތުގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ދެފަހަރަކު ރިންގް ވުމާއެކު, ރިފްއަތު ފޯނު ނެގިއެވެ.
"ދަރިފުޅާ. ކަމެއްވީތަ؟" އެ ގަޑީގައި މާކިން ގުޅުމުންނާ ފޯނު ނެގުމުންވެސް އެއްޗެއް ނުބުނެ ހުުރުމުން ރިފްއަތު ސުވާލުކޮށްލިއެވެ.
"ބައްޕާ!. މި ގަޑީގައި ހޮސްޕިޓަލަށް އާދެވޭނެތަ؟ މިޝޫ ވެސް ގޮވައިގެން." މާކިން ބުނެލިއެވެ. މާކިންގެ އަޑުގައި ހުރި މޮޅިވެރި އަސަރުތަކުގެ ސަބަބުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި ރިފްއަތަށް ޔަޤީންކުރެވުނެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ.
"މަންމަ... މަންމައަށް ކަމެއް ވީތަ؟" ރިފްއަތަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. އެ އަޑުގައިވީ ހާސްކަމުގެ އަސަރާއެކު މާކިންއަށް ވެސް ދެލޯ މަރައިލެވުނެވެ. އޭނާ ހިތްވަރުކޮށްފައި ރިފްއަތަށް ޑޮކްޓަރުގެ ވާހަކަތައް ކިޔައިދިނެވެ.
ރިފްއަތަށް ފޯނު ކަންފަތާ ދުރުކޮށްލެވުނެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުމާއެކު, ރިފްއަތަށް އެނދުގައި އިށީނދެވުނެވެ. އޭނާ ދެލޯ ފުހެލިއެވެ. މީހާ ހަމައަކަށް އެޅުމުން އޭނާ ކަންފަތުގައި ފޯނު ޖައްސައިލިއިރު މާކިން އޭނާއަށް ގޮވަމުން ދިޔައެވެ. ރިފްއަތު ފޯނު ބޭއްވުމަށްފަހު , މިޝްޔާ އަށް ގޮވަން ދާން އަވަސްވެގަތެވެ.
މިޝްޔާގެ ކޮޓަރީގައި ޓަކި ޖަހައިލުމަށްފަހު، އޭނާ މަޑުކޮށްލިއެވެ. މިޝްޔާ ދޮރު ހުޅުވައިލުމާއެކު، ރިފްއަތު ފެނުމުން އޭނާ ކުޑަކޮށް ހައިރާންވިއެވެ.
"ބައްޕާ..." މިޝްޔާއަށް ބުނެވުނެވެ. ރިފްއަތު ބުނީ ހޮސްޕިޓަލަށް ދާން ތައްޔާރުވުމަށެވެ.
"މިގަޑީގައި..." މިޝްޔާއަށް ސުވާލުކޮށްލެވުނެވެ. ރިފްއަތުގެ މޫނުމަތިން އޭނާއަށް ކަންބޮޑުވުމާއި ހާސްކަމުގެ އިތުރުން ހިތްދަތި އަސަރުތަކެއް ފެނިލިއެވެ.
"ދޮންބެ ގުޅާފައި ބުނީ މިޝޫ ވެސް ގޮވައިގެން އަންނާށޭ!" ރިފްއަތަށް އެ ވާހަކަ މިޝްޔާއާ ހިއްސާކުރާނެ ހިތްވަރެއް ނުލިބުނެވެ. މިޝްޔާއަށް ވާނެ ގޮތް އޭނާއަށް ރަނގަޅަށް އެނގޭތީއާވެސް އެކުގައެވެ. ކިރިޔާވެސް މިޝްޔާ މަސަލަސް ކުރެވޭނީ މާކިންއަށްކަން އޭނާއަށް އެނގެއެވެ.
ރިފްއަތާ މިޝްޔާއާ ދެމީހުން ހޮސްޕިޓަލަށް ދިޔައިރު، އައިސީޔޫގެ ވެއިޓިން އޭރިޔާގެ ބޭރުގައި މާކިން މަޑުކޮށްލައިގެން ހުއްޓެވެ.
"ޑޮކްޓަރ ކޮބާ؟" ރިފްއަތަށް ސުވާލުކޮށްލެވުނެވެ. އޭރު އޭނާގެ އަޑުގައިވެސް މަޑުމަޑު ތުރުތުރު އެޅުމެއް ވިއެވެ. ރިފްއަތު ޑޮކްޓަރާ ވާހަަަކަ ދެއްކައިލިއެވެ. ޑޮކްޓަރު ބުނީ ޒިޔާނާ މަރުވީ ހާޓް އެޓޭކެއްގެ ސަބަބުން ކަމުގައެވެ. އަދި އެއާއެކު އިތުރު މައްސަލަތަކެއްވެސް ޒިޔާނާގެ ހުރި ކަމުގައެވެ. ރިފްއަތު އެތެރެއަށް ވަނުމުން މިޝްޔާ މާކިންއަށް ބަލައިލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. މާކިންއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.
"ދޮންބޭ! ކިހިނެއް ވެގެން މިއުޅެނީ؟" މިޝްޔާއަށް ސުވާލުކޮށްލެވުނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކޮންމެވެސް ކަމެއް ގޮސްވެއްޖެ ކަމުގައި މިޝްޔާއަށް ޔަޤީން ކުރެވުނެވެ. އޭނާ ތަކުރާރުކޮށް މާކިންއާ ސުވާލުކުރުމުންވެސް މާކިން ހިމޭންކަން ޚިޔާރުކުރިއެވެ. ހަޤީގަތުގައި އެ ވާހަކަ މިޝްޔާއާ ހިއްސާކުރާނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އޭނާއަށް އެނގެނީ އެ ވާހަކަ އެނގުމުން މިޝްޔާއަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭނޭ ކަމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މާކިން މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާގެ މޫނުމަތިންވެސް ހާސްކަން ފެންނަމުން ދިޔައެވެ،
"މިޝޫ. ދޮންބެ މި ބުނާ ވާހަކައިން މިޝޫ ވާނެ ހިތްވަރުކުރަން އިނގޭ!" މާކިން މިޝްޔާގެ އަތުގައި ހިފައްޓައިލުމަށްފަހު އެއަތަށް ބާރުކޮށްލިއެވެ. މިޝްޔާއަށް މާކިންގެ ދެލޮލަށް ބަލައިލިއިރު އެ ދެލޮލުން ފެނުނު އަސަރުތައް މާނަކުރާކަށް ނޭނގުނެވެ.
"ދޮންބޭ... ކިހިނެއްވީތަ؟ މަންމައަށް ކަމެއް ވީތަ؟" މިޝްޔާއަށް ބުނެވުނެވެ.
"މިޝޫ. މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް. ހިތްވަރުކުރަން ވާނެ. މަންމަ... މަންމަ ނިޔާވެއްޖެ..." މާކިން ދެލޯ މަރައިލުމަށްފަހު ހަޤީގަތް މިޝްޔާގެ ކުރިމަތީގައި ހާމަކޮށްލިއެވެ. ލިބުނު ޝޮކާއެކު ގެންނާނެ ހަރަކާތެއްވެސް މިޝްޔާއަކަށް ނޭނގުނެވެ. އޭނާއަށް ހުއްޓުން އަރާފައި ހުރެވުނެވެ.
"މިޝޫ.. މިޝޫ..." މާކިން މިޝްޔާގެ ދެ އަތުގައި ހިފާ ކުޑަކޮށް ތަަޅުވައިލިއެވެ.
މިޝްޔާއަށް މާކިންގެ ދެލޮލަށް ބަލައިލެވުނެވެ.
"ނުވާނެ ތިހެނެއް. މަންމަ ނުދާނެ އަހަރެން ދޫކޮށްލާފައެއް." ތުރުތުރު އަޅަމުން ދިޔަ އަޑަކުން މިޝްޔާ އެހެން ބުނެލިއިރު އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ދެ ކޯތާފަތް މަތިން ރޮނގުދެމިގެން ތިރިއަށް ދާން ފަށައިފިއެވެ. ދެފައިން ވާގި ދޫވުމާއެކު މިޝްޔާއަސް ފާރުގެ އެހީ ހޯދައިލެވުނެވެ. އެހެންނަމަވެސް، އެކަމަކުން މާ ބޮޑު ފައިދާއެއް އޭނާއަކަށް ނުކުރިއެވެ. ހުރިތަނަށް މިޝްޔާ ތިރިވުމާއެކު މާކިން މިޝްޔާގެ ކައިރީގައި ދެކަކޫ ޖައްސާލައިގެން އިށީނދެ މިޝްޔާއަށް ހިތްވަރު ދެމުން ދިޔައެވެ. މިޝްޔާއަށް ރޮވެމުން ދިޔއެވެ. މާކިންގެ ވާހަކަތައް ވެސް އޭނާއަށް އަޑު ނީވޭ ފަދައެވެ.
މިޝްޔާ ހަމައަކަށް އެޅުވުން ވީ މާކިންއަށް އުނދަގޫކަމަކަށެވެ. ރިފްއަތު ނުކުތީވެސް އެ ދެމީހުން އެހެން ތިއްބައެވެ. މިޝްޔާ ރޮމުން ދިޔަ މަންޒަރާ އޭނާ މަސަލަސް ކުރަން މާކިން މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެނުމުން އޭނާގެ ހިތަށް ވެސް އަަރުކުރިއެވެ. މާކިން އެތަކެއް ވާހަކަތަކެއް ދެއްކި ފަހުން މިޝްޔާ ކުޑަކޮށް ހަމައަކަށް އެޅިލިނަމަވެސް، އޭނާއާށް ދިޔައީ ރޮވެމުންނެވެ.
ތިން މީހުން ޒިޔާނާގެ ކައިރިއަށް ވެއްދުމާއެކު، މިޝްޔާއަށް އަނެއްކާ ރޮވެން ފެށިއެވެ. މަންމަ ފެނުމުން މާކިންއަށް ވެސް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ހިތްވަރުކޮށްފައި ކަރުނަތައް ފުހެމުން އޭނާ ރިފްއަތުގެ ކޮނޑުގައި ވެސް އަތް ޖައްސައިލިއެވެ. ޒިޔާނާއަށް ބަލަން ހުރި ރިފްއަތު މާކިންއަށް ބަލައިލުމަށްފަހު، ދެލޯ ފުހެލިއެވެ. އެވަގުތު ނަރުސް ކުއްޖަކު އައިސް މަރު ފޯމު ފުރަން ދާން ބުނުމުން ދިޔައީ ރިފްއަތަށެވެ. މާކިންއާއި މިޝްޔާއާ ދެމީހުން އެތަނުގައި މަޑުކުރިއެވެ. މިޝްޔާ މަޑުމަޑުން ޒިޔާނާގެ ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު ތުރުތުރު އަޅަމުން ދިޔަ އޭނާގެ ކަނާއަތް ހިއްލައިލުމަށްފަހު، ޒިޔާނާގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ.
"މަންމާ... އަހަރެން ދޫކޮށްލާފަ ނުދޭ. އަަހަރެން މުޅިން އެކަނިވާނެ!" މިޝްޔާއަށް އޭނާގެ މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. އޭނާ މާކިންއަށް ބަލައިލިއެވެ. މާކިންވެސް މިޝްޔާގެ ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު އޭނާވެސް ފުން ނަޒަރަކުން މަންމަގެ މޫނަށް ބަލައިލިއެވެ.
މަރު ފޯމު ފުރާ ނިންމައިލުމަށްފަހު ރިފްއަތު، ޒިޔާނާ އޮތްތަނަށް ހިނގައިގަތެވެ. ވަކި ހިސާބަކުން ހުއްޓިފައި އޭނާއަށް ކަމެއް ހަނދާންވިއެވެ. ޒިޔާނާގެ ބޭބެއަށް ވެސް އޭނާ މަރުވިކަން އަންގަން ޖެހޭނެއެވެ. ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ. އޭނާ އެތައް ގޮތަކުން ގުޅޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކާމިޔާބެއް ނުވިއެވެ އެނގުނުހާވެސް އެއްޗަކީ އޭނާ ރާއްޖޭން ބޭރުގައި ވީކަމެވެ.
ހޮސްޕިޓަލުން ކުރަން ޖެހޭ ކަންތައްތައް ކޮށް ނިންމައިލުމަށްފަހު، ޒިޔާނާގެ ހަށިގަނޑު ސަހަރާއަށް ގެންދެވުނެވެ. އޭރު ނުވައެއް ޖަހަން އުޅެނީއެވެ. ހިނަވާ ކަފުންކޮށްފައި މޫނު ދެއްކުން ކުރިއަށް ދިޔައިރު، މާކިންއާއި މިޝްޔާގެ އިތުރުން ރިފްއަތުވެސް އެތަނުގައި ތިއްބެވެ. ބާރަށް ނުރުޔެއްކަމަކު މިޝްޔާގެ ދެލޮލުން ކަރުނަތައް އިރުއިރުކޮޅަކާ ފައިބަމުން ދިޔައެވެ. މާކިން މިޝްޔާއަށް ހިތްވަރު ދެމުން ދިޔައެވެ. ޒިޔާނާގެ މަރުން އޭނާއަށް ފުން އަސަރުތަކެއް ކުރިނަމަވެސް، މިވަގުތު މިޝްޔާގެ އިތުރުން ރިފްއަތަށް ވެސް އޭނާގެ އެހީތެރިކަމާއި ހިތްވަރު ބޭނުންވާކަން މާކިންއަށް އެނގެއެވެ.
ޒިޔާނާގެ ހަށިގަނޑު ވަޅުލާން ނިންމީ މެންދުރު ނަމާދަށް ފަހުއެވެ. މޫނު ދައްކާ ނިންމުމަށްފަހު، މޫނު ނިވާކޮށްލި ވަގުތު މިޝްޔާއަށް އޭނާގެ ދެލޯ މަރައިލެވުނެވެ. ރިފްއަތަށްވެސް ފާރުގައި އަތް ޖައްސައިލެވުނެވެ. މެއަށް އެރި ތޫނު ތަދާއެކު އޭނާއަށް އެތަނުގައި ހުންނަން ދަތިވިއެވެ. މާކިން މިޝްޔާ ގެނެސް އޭނާގެ ގަޔާކައިރިކޮށްލިއިރު، އެ ދެލޮލުންވެސް ކަރުނައިގެ އަސަރު ފެނިލިއެެވެ.
މެންދުރު ނަމާދަށްފަހު، ކަށު ނަމާދުކޮށް ޒިޔާނާ ވަޅުލެވުނެވެ. ސަންދޯއް ގެންދެވުނީ މިޝްޔާ ސަހަރާގެ ގޯތިތެރޭގައި ހުއްޓާ އޭނާގެ ކުރިމަތިންނެވެ. އޭނާގެ ކައިރީގައި އާއިލާގެ އެހެން މީހުންނާ ދުރުތާ ތިމާގެ މީހުންވެސް ތިއްބެވެ. އެމީހުންގެ ހިތްވަރުގެ ބަސްތަކުން މިޝްޔާއަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ކައިރީގައި ގޭގައި އުޅޭ ނޯކަރު ކުދިންތައްވެސް ތިއްބެވެ.
ހުރިހާކަމެއްކޮށް ނިންމާލާފައި ގެއަށް ދާންވެގެން ތިން މީހުން ކާރަށް އެރިއެވެ. ދުއްވަން އިނީ ރިފްއަތުގެ ޑްރައިވަރެެވެ. ރިފްއަތު އޭނާގެ ނިތުގައި އަތް ޖައްސާލައިގެން އިސްޖަހާލައިގެން އިންއިރު، މިޝްޔާ އިނީ މާކިންގެ ކޮނޑުގައި ބޯ އަޅައިލައިގެންނެވެ. ކާރުތެރޭގައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ގެއަށް ގޮސް ވަތް ތިން މީހުންނަށްވެސް ޒިޔާނާގެ ހަނދާންތައް އަންނަން ފެށިއެވެ. ދެން ޒިޔާނާގެ އަޑު އެމީހުންނަށް ދުވަހަކުވެސް ނީވޭނެއެވެ. އެ ގެ ގެއަކަށް ހަދައިދިނީ ޒިޔާނާއެވެ. އެގެއަށް ދިރުން ގެނެސް ދިނީ ޒިޔާނާއެވެ. ޒިޔާނާގެ ވަކިވެދިޔުމާ ކުރިމަތިލާން އެ ތިން މީހުންނަށް އެހާ އުނދަގޫވީ އެހެންވެއެވެ. ރިފްއަތަށް ސޯފާގައި ޖައްސައިލެވުނެވެ. އޭނާއަށް އަދިވެސް ޒިޔާނާ މި ދުނިޔެއާ އަލްވަދާއު ކިޔައިފިކަން ގަބޫލުކުރަން ދައްޗެވެ. މިޝްޔާގެ އިތުރުން މާކިންވެސް ގޮސް ސޯފާގައި އިށީނދެލިއެވެ.
"ބައްޕާ... މިޝޫ... ކޮންމެވެސް އެއްޗެއް ކާލަން ހިނގާބަލަ!" ހިމޭންކަން ފޫދުއްވައިލީ މާކިންއެވެ.
ރިފްއަތު ނޫނެނޭ ބުނުމުގެ ގޮތުން ބޯ ހޫރައިލުމުން މާކިން ބަލައިލީ މިޝްޔާއަށެވެ. މިޝްޔާ ވެސް ދެފަރާތަށް ބޯ ހޫރައިލިއެވެ.
ޒިޔާނާގެ މަރަށްފަހު މިޝްޔާ ވަރަށް އެކަނިވިއެެވެ. މާކިންގެ އިތުރުން ރިފްއަތަށްވެސް އެ އެކަނިވެރިކަން އިޙްސާސްކުރެވުނެވެ. އެހެންނަމަވެސް، ޒިޔާނާގެ މަރަށް މަހެއް ފާއިތުވެގެން ދިޔަފަހުން ރިފްއަތުވެސް އޮފީހުގެ ކަންތައްތަކުގައި މަސްއޫލުވިއެވެ. މާކިންވެސް ބިޒީވެގެން އުޅެން ފެށިއެވެ. ގޭގައި އެކަނި މާއެކަނި އޮންނަން ޖެހުމުން މިޝްޔާއަށް އިންތިހާ މާޔޫސްކަމާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހުނެވެ. އޭނާގެ ކައިރީގައި އެއްވެސް މީހެއް ނެތުމުން އެކަމުން އޭނާއަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. މާކިން މިޝްޔާއަށް ވީވަރަކުން ވަގުތު ދޭން މަސައްކަތް ކުރިނަމަވެސް، އޭނާއަށްވެސް އެންމެ އެކަށީގެންނާ ވަގުތެއް މިޝްޔާއަކަށް ނުދެވުނެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ.
އެއްދުވަހެއްގެ ހެނދުނުގެ ނާސްތާގެ ވަގުތެވެ. މިޝްޔާ ތިރިއަށް އައިިއިރު، މާކިންއާއި ރިފްއަތާ ދެމީހުން މޭޒު ދޮށުގައި ތިއްބެވެ. ކާން ފެށުމަށްފަހު، މިޝްޔާ އިރުއިރުކޮޅަކާ ރިފްއަތާއި މާކިންއަށް ބަލައިލައެވެ. އެ ވަގުތަކީ ޒިޔާނާ މަތިން އެންމެންވެސް ހަނދާންވާ ވަގުތެކެވެ. ތަނުގައިވަނީ މަރުފަދަ ހިމޭންކަމެކެވެ. މިޝްޔާ ރިފްއަތަށް ގޮވައިލުމާއެކު ރިފްއަތު މިޝްޔާއަށް ނަޒަރު ހުއްޓައިލިއެވެ. ރިފްއަތު ވީ ގޮތާ ބެހޭގޮތުން ސުވާލުކޮށްލުމާއެކު އިސްޖަހާލައިގެން އިނދެފައި މިޝްޔާ އޭނާ ބޭނުންވާ ކަމެއްގެ ވާހަކަ ހިއްސާކުރިއެވެ.
(ނުނިމޭ)