30 Oct 2022, 11:07
މަޝްހޫރު ސްޓްރީމިން އެޕް، ބައިސްކޯފުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި ޗަނާޗާ ޝޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ޝޯ ކުރިއަށްގެންގޮސްފައިވަނީ، ހުޅުމާލޭ ސިންތަޓިކް ޓްރެކްގައެވެ. އެ ޝޯ ރޭގަނޑު ކުރިއަށްދިޔައިރު، ޝޯ ބެލުމުގެ އިންތިޒާމު ހަމަޖައްސާފައި އޮތީ ޓިކެޓް ވިއްކައިގެންނެވެ. ޓިކެޓް ވިއްކައިގެން ޝޯ ބޭއްވި ނަމަވެސް ލިބުނު ތަރުހީބުގެ ބޮޑުކަމުން ޝޯ ބެލުމަށް ޚާއްސަކުރި ސަރަހައްދު އޮތީ މުޅިން ފުރިފައެވެ.
އެ ޝޯއަށް ބޮޑު ތަރުހީބެއް ލިބުނުއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވެސް ވަނީ ސިންތަޓިކް ޓްރެކަށް ވަޑައިގެން ޝޯ ބައްލަވާލައްވާފައެވެ.
އެ ޝޯގައި ރާއްޖޭގެ އާޓިސްޓުންގެ އިތުރަށް އަވައްޓެރި ސްރީލަންކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޔޮހާނީ ވަނީ ލަވަ ހުށަހަޅައިދީފައެވެ. މި ޝޯގައި ޔޯހާނީ ވަނީ އެންމެ ބޮޑު މަޤްބޫލުކަމެއް ލިބުނު އޭނާގެ ލަވަތަކުގެ ތެރެއިން "މަނިކޭ މަގޭ ހިތޭ" މިލަވަ ހުށަހަޅައިދީފައެވެ.
ބައިސްކޯފުން ވަނީ މި ޝޯގެ ވީއައިޕީ ޓިކެޓް ނެގި މީހުންނަށް ޔޮހާނީއާ ބައްދަލުކޮށް، އެކުގައި ފޮޓޯނެގުމުގެ ފުރުސަތު ދީފައެވެ.
ޗަނާޗާ ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑަކާއެކު 80 އަށް ވުރެ ގިނަ އާޓިސްޓުންގެ ހުށަހެޅުންތައް ފެނުނެވެ. ޝޯގައި ފެނުނު މިއުޒިކް ބޭންޑްތަކުގެ ތެރޭގައި ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރި ހިމެނެއެވެ.