ޓްވިޓާއިން "ކޮންޓެންޓް މޮޑެރޭޝަން ކައުންސިލެއް" ވަރަށް އަވަހަށް އުފައްދާނެ ކަމަށާއި ޓްވިޓާއިން ސަސްޕެންޑުކޮށްފައިވާ އެކައުންޓުތަކަށް އަލުން ފުރުސަތު ދިނުމާއި ޓްވިޓާގައި ހިއްސާކުރާ ކޮންޓެންޓާ ބެހޭ ނިންމުންތައް ދެން ނިންމާނީ އެ ކައުންސިލުން ކަމަށް އެ ކުންފުނީގެ އާ ވެރިޔާ، ބިލިއަނަރު އީލޯން މަސްކް ބުނެފިއެވެ.

ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަތްތާ އެއް ދުވަސް ފަހުން މަސްކް އެހެން ބުނެފައި ވަނީ، ޓްވިޓާއިން ސަސްޕެންޑުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ޚިދުމަތް ބޭނުން ކުރުމުގެ ފުރުސަތު އަލުން ދޭނެތޯ ސުވާލު އުފެދިފައި ވަނިކޮށެވެ.

"ޓްވިޓާއިން އެކުލަވާލާނީ ތަފާތު ފިކުރުގެ މީހުން ހިމެނޭ ކޮންޓެންޓް މޮޑެރޭޝަން ކައުންސިލެއް. އެ ކައުންސިލް ފެށުމުގެ ކުރިން ކޮންޓެންޓްގެ ބޮޑު ނިންމުމެއް ނުވަތަ އެކައުންޓް އަލުން އިއާދަ ކުރުމުގެ ކަމެއް ނުހިނގާނެ،" މަސްކް ބުންޏެވެ.

ނަމަވެސް އެ ކޮންޓެންޓް މޮޑެރޭޝަން ކައުންސިލުން މަސައްކަތް ކުރާނެ ގޮތުގެ އިތުރު ތަފްސީލެއް މަސްކް ހާމަނުކުރެއެވެ.

ޓްވިޓާ ގަންނަން މިދިޔަ އޭޕްރީލް މަހު ފުރަތަމަ އެއްބަސްވުމަށް ފަހު، މަސްކް ވަނީ މަސްތަކެއް ވަންދެން ޑީލް ކުރިއަށް ނުގެންދަން މަސައްކަތްކޮށްފައެވެ. އެގޮތުން ޓްވިޓާގައި ހުރި ބޮޓްތަކުގެ އަދަދާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

ޓްވިޓާ ގަތުމުގެ އެއްބަސްވުން ނިމުނު ތަނާހެން މަސްކް ވަނީ ޓްވިޓާގެ ސީއީއޯ ޕަރަގް އަގްރަވާލް އާއި ލީގަލް އެގްޒެކެޓިވް ވިޖަޔާ ގައްޑޭ އާއި ޗީފް ފައިނޭންޝަލް އޮފިސަރު ނެޑް ސެގާލް އަދި ޖެނެރަލް ކައުންސެލް ޝޯން އެޖެޓް މަގާމުން ދުރުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކުރިއިރު، އެ ނިންމުން ނިންމުމުގައި އެންމެ އިސްކޮށް ހުރި އެކަކަކީ ލީގަލް އެގްޒެކެޓިވް ވިޖަޔާ ގައްޑޭ އެވެ.

ޓްވިޓާގެ ކޯ ފައުންޑަރު ބިޒް ސްޓޯން ވަނީ އަގްރަވާލް އާއި ގައްޑޭ އާއި ސެގާލް އެ ކުންފުންޏަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.