01 Nov 2022, 09:33
"ޕޮލިހެއް ގައިގަ އިނގޭ ތި ޖެހީ..." އިންޒާރެއް ދޭ ފަދައިން މިރާން ބުންޏެވެ.
"ހެވޭ... ގެންގޮސް ގޮޅިއަށް ލާބަލަ..." ފިޒާ ގަދަކޮށްލިއެވެ. "އަހަރެން ނޫން މީހެއްނަމަ، ނުވެސް އަންނާނެ ތި މިރާންގަނޑާ ބައްދަލުކުރާކަށް... ކާކުތަ އެގޮތަށް ގޭން ނުކުމެގެން ދާނީ..."
********
"އެހެންވީމައޭ ފިޒާ ރަނގަޅީ..." މިރާން ވަރަށް ހިނިއައިސްފައި ބުންޏެވެ.
"ދެން ކޮންމެހެން ހައްދާނެކަމެއް ނެތް..." ފިޒާ ތުއިވެލިއެވެ.
ފޯނެއް އައިސްގެން ފިޒާ ދުރަށްޖެހިލުމުން، މިރާން އަހަންނަށް ބަލައިލިއެވެ. އަހަރެން ހުރީ، ވާހަކަ ފަށާނޭގޮތެއް ނޭނގިފައެވެ. މިރާން ބޯ ކަހައިލާފައި ނިތް އަރުވައިލިއެވެ. ވާހަކަ ދައްކާނޭގޮތެއް ނޭނގިގެން އުޅޭހެން، ބިންމަތީގައި ފައި ކާއްތަން ފެށިއެވެ. ދެ މީހުންގެ ދެމެދުގައިވި ދުރުކަން، ކުރިއަށްވުރެ އިތުރުވެއްޖެހެން ހީވިއެވެ. މިރާންގެ ބޮޑުބޭބެގެ ވާހަކަ އަހަން ބޭނުންވި ނަމަވެސް، ހިއްވަރެއް ނުލިބުނެވެ.
"ކުޑަކުޑަ ބަނޑުކޮޅެއްލާފަ ހުންނައިރު ރުއާ ހާދަ ލޯތްބޭ..." މިރާންގެ ނަޒަރު އަހަރެންގެ ބަނޑުން، މޫނަށް ހުއްޓުނެވެ. "ރުއާގެ ދިރިއުޅުން އުފާވެރިވީމަ، އަހަރެންވެސް ވަރަށް އުފާވެއްޖެ..."
އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިރާން އިސްނެގުމުން، އަހަންނަށް ހަމަޖެހުމެއް ލިބުނެވެ. ހަމަ އެއާއި އެއްވަރަށް މިރާންއަށްޓަކައި ހިތުގައި ހަމްދަރުދީވެސް އުފެދުނެވެ. މިރާންގެ ދިރިއުޅުން ކިހިނެއްބާއޭ ހިތަށް އެރިއެވެ. ހަމަ ގައިމުވެސް ލޯބިވާ އެންމެންނާއި ދުރުގައި އެތައް ދުވަހެއް ހޭދަކުރުމަކީ، ކުރަން ފަސޭހަވާނޭ ކަމެއް ނޫނެވެ.
"މިރާން ކިހިނެއް؟..." އަހަރެން އަހައިލީމެވެ.
"ބަރާބަރު..." އަތުގެ އިޝާރާތާއިއެކު، މިރާން ބުންޏެވެ. "ލޯބިވި ކުއްޖާގެ މަތިން ހަނދާންނައްތާލެވުނީމަ، މިހާރު ދިރިއުޅެން ވަރަށް ފަސޭހަވެއްޖެ... މިހާރު އެ ކުއްޖާ ކުރިމަތީގަ އުޅޭކަށްވެސް އުނދަގުލެއް ނުވާނެ..."
ސަމާސާއަކަށް ހަދާފައި ބުނި ނަމަވެސް، މިރާންގެ ދެ ލޮލުން އެ ވާހަކައިގެ ތެދުކަން ހާމަކޮށްދިނެވެ. އޭނާ ބުނި ޖުމުލައިގެ މާނަ އަހަންނަށް ވިސްނުނެވެ. މިރާން ލޯބިވީ އަހަރެންދެކެއެވެ. އެކަމަކު، އަހަރެން ނުލިބޭނެކަން އެނގުނު ހިސާބުން، އޭނާ އެ ހިޔާލު ދޫކޮށްލީއެވެ.
މިރާންގެ ނިންމުމަށް އަހަންނަށް ހިތާއިހިތުން ތައުރީފުކުރެވުނެވެ. އަހަރެންގެ މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމައިގެން ކުރިއަށް ދާން އޭނާ ނިންމީތީ އުފާވިއެވެ. މިރާން ބުނިހެން އޭނާގެ ކުރިމައްޗަށް އަރަން، ދެން އަހަންނަކަށްވެސް އުނދަގުލެއް ނުވާނެއެވެ.
"މިހާރު އަދިކިރިޔާ ތިހުރީ ބޮޑު މީހަކަށްވެފަ...." މިރާންގެ ސަމާސާގައި ބައިވެރިވެލުމުގެ ގޮތުން އަހަރެންވެސް ސަމާސާކޮށްލީމެވެ.
މިރާން ހީނގަތެވެ. ޔާނިޝްގެ ކައިރީގައި އުޅެއުޅެ، އަހަންނަށްވެސް ސަމާސާކުރަން ދަސްވެއްޖެކަމުގައި ބުންޏެވެ.
"ބޮޑުބޭބެ ދުނިޔޭގަ ހުއްޓާ، މާލެ ނާންނަން ހުރީ... ދެން ތަންކޮޅެއް ފަސޭހަވާނެ ކަންނޭނގެ އެހެން މީހުންގެ ކުރިމައްޗަށް ދާން..." މިރާން އިސްޖަހައިލިއެވެ. "އަދިވެސް ކުޑަކޮށް ޖެހިލުންވޭ..."
"އަހަރެން ވާހަކައެއް ބުނެފިއްޔާ، ގަބޫލުކުރާނަންތަ؟..." އަހަރެން އަހައިލީމެވެ.
"ކޮންއިރަކު ގަބޫލުނުކުރަނީ؟..." މިރާން ސަމާސާކޮށްލިއެވެ.
"އެއްއިރަކުވެސް ނުކުރޭ..." އަޑަށް ބާރުލަމުން، އަހަރެން ބުނީމެވެ.
"އެއީ ކުޑައިރުވީމަ... ދެންމެއެއްނު ތިބުނީ އަދިކިރިޔާއޭ ބޮޑުވީ... މިހާރު މިހުރީ ބޮޑުވެފައޭ..." މޭގައި އަތް ޖަހައިލަމުން މިރާން ބުންޏެވެ. "ދެން ބުނެބަލަ، ކޮން ވާހަކައެއް ގަބޫލުކުރަންވީ؟..."
"އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓާލާފަ، ދިރިއުޅުމައިގެން ކުރިއަށްދާންވީ... ލޯބިވި ކުއްޖާގެ މަތިންވެސް ހަނދާން ނައްތާލެވުނީނު... ދެން ކީއްވެ އެކަން ނުވާންވީ؟..." ނަސޭހަތެއް ދޭފަދައިން އަހަރެން ވާހަކަ ދެއްކީމެވެ. "އެއްވެސް މީހަކު މިރާން ކުށްވެރިއެއް ނުކުރޭ... ނުވެސް ކުރާނެ..."
"ރުއާ ތިބުނީ ރަނގަޅަށް... އަދިވެސް އަހަންނަށް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވޭ..." ހިތި ގޮތަކަށް ހިނިތުންވެލަމުން މިރާން ބުންޏެވެ. "އަހަރެން ހިދާދެކެ ލައިކްވިކަމެއް އޭނައަކަށް ނޭނގޭނެ... އަހަރެން ބިރުގަތީ، އަހަރެމެންގެ އެކުވެރިކަން ގެއްލިދާނެތީ... އެ ވާހަކަ ނުބުނެވުނީމަ، އަހަރެން ކުރިން އެކަމާ ހިތާމަކުރިން... ހިދާ އަހަރެން ރިޖެކްޓް ކުރިޔަސް، ލައިކްވާ ވާހަކަ ބުނެވުނުނަމައޭ ހިތަށް އެރި... ދެވަނަ ފަހަރަށް ކުއްޖަކުދެކެ ލޯބިވެވުނީމަ ބުނަން ޓްރައިކުރީ އެހެންވެ... އެކަމަކު، މިހާރު ހިތަށް އަރާ، ހިދާ ކައިރީ ނުބުނެވުނުކަން އެއީ ނަސީބެކޭ... އަހަރެން ކަހަލަ މީހަކު..."
"ތީއޭ މިބުނާ ވާހަކައަކީ... މިރާންގެ މައްސަލައަކީ ތީ..." މިރާންގެ ވާހަކަ ހުއްޓުވަމުން އަހަރެން ބުނީމެވެ. "އަމިއްލަ ނަފުސު ކުށްވެރި ކުރުން ހުއްޓާނުލާހާ ދުވަހަކު، މިރާންއަށް އުފާވެރި ހަޔާތެއް ނުލިބޭނެ... ހިއްވަރުކޮށްލާފަ ދިރިއުޅުމައިގެން ކުރިއަށްދާން ދަސްކުރަންވާނެ... އެކި މީހުންނަށް ދިމާވާނީ އެކިގޮތް..."
އިސްޖަހާލައިގެން ހުރެ، މިރާން ބޯ ޖަހައިލިއެވެ. އަހަރެންގެ ވާހަކަތައް ގަބޫލުކުރަމޭ ބުނި ކަހަލަ ގޮތަކަށެވެ.
"އަހަރެން ނެތްގަޑި ބަލާފަ ދެމީހުން ހާދަ ވާހަކައެއް ދައްކާ ނިންމާލީ..." ފިޒާ އައިސް މިރާންގެ ކޮނޑަށް އަތް އެއްލިއެވެ. "ބޭބީ ބަސްއަހާފަތަ ތިހުރީ؟..."
"އެއީ ފިޒާ މާ އަނގަގަދަވީމަ..." ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން، މިރާން ޖަހައިލީ، ހިނިގަނޑެކެވެ.
"މަލާމާތް ކުރަނީދޯ..." ފިޒާ ލޯ އަޅައިލިއެވެ.
ފިޒާއާއި މިރާންއަށް ވަގުތު ދެމުން، އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. ފިޒާ މިރާންދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ. މިރާންގެ ހިތުގައިވެސް ފިޒާއަށް މަގާމެއް ދެވިފައިވާކަން އޭނާ ފިޒާއާއި ވާހަކަ ދައްކަމުން ދިޔަގޮތުން އަހަންނަށް އެނގުނެވެ. ފިޒާގެ ދެލޮލުން ފެންނަމުންދިޔަ ސާފު ލޯބި، މިރާންއަށްވެސް ސިއްރުނުވާނޭކަން ގައިމެވެ. އެ ލޯތްބަށް އިންކާރު ކުރާނެ ހިއްވަރު މިރާންގެ ކިބައިގައި ނުހުންނާނެކަމުގައި ހިތް ބުންޏެވެ. އެ ދެމީހުން ގުޅުމަކީ އަހަރެންވެސް އެދޭ ގޮތެވެ. އޭރުން މިރާންއަށް ގެއްލިފައިވާ އާއިލާގެ ލޯބި އޭނާއަށް ލިބޭނެއެވެ.
އާނާމެން ގެއަށް ލާފައި ޔާނިޝް އައިރު، އަހަރެމެން ތިބީ ރެސްޓޯރެންޓެއްގައެވެ. ޔާނިޝް ފެނުމުން، މިރާން އިސްޖަހައިލިއެވެ. ޔާނިޝް ތަފާތެވެ. މިރާންގެ ކޮނޑުގައި ޖަހާލާފައި، ހާލުއަހުވާލު އޮޅުންފިލުވިއެވެ. ހިނިތުންވެލާފައި މިރާންއަށް ވާހަކަ ދެއްކިއިރު، އެ ދެމެދުގައި ދެބަސްވުމެއް ހިނގާފައިވާ ކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ޔާނިޝް އަމަލުކުރިގޮތުން އަހަރެންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.
ކަޅި ޖަހައިލުމެއްނެތި ޔާނިޝްގެ މޫނަށް ބަލަން އަހަންނަށް އިނދެވުނެވެ. އެ ރީތި ހިނިތުންވުން ހިތުގައި ބިންވަޅު ނެގުނެވެ. ޔާނިޝް އެގޮތަށް ކަންތައް ކުރީ، މިރާން އާއި ދެ މީހުންގެ މެދުގައި އެއްވެސް ދުރުކަމެއް އޮތްކަން ނުދެއްކުމަށް ކަން އަހަންނަށް އެނގެއެވެ. އޭނާ ބޭނުންވީ، އަދިވެސް އެގުޅުން އޮތީ، ކުރިންވެސް އޮތްހާ ގާތްކޮށް ކަން މިރާންއަށް އަންގައިދިނުމަށް ކަންވެސް އެނގުނެވެ. ކޮންމެ ކަމެއްގައިވެސް ޔާނިޝް ވަނީ، މިސާލު ދައްކާ މީހަކަށެވެ. އަހަރެންގެ ހިތުގައި އޭނާގެ ދަރަޖަ އުފުލިގެން ދަނީ އެސަބަބަށްޓަކައެވެ.
"ތިއްތާ... ހާދަ ރޮމޭންޓިކްކޮށް ތިއްތިއަށް ބަލަން ތީނީ..." އަހަރެންގެ ކޮނޑުގައި ޖެހިގަނެފައި ފިޒާ ދިމާކުރިއެވެ. "އަބަދު ތިއްތި ފެންނަން ހުންނައިރުވެސް ފޫއްސެއް ނުވޭތަ؟..."
"ފިޒައްކޮ ބުނެބަލަ، ރީތި އެއްޗެއްސަށް ކިތަންމެ ވަރަކަށް ބެލިޔަސް ފޫހިވާނެތަ؟..." ފިޒާގެ ސަމާސާގައި ޔާނިޝް ފަހުރުވެރިކަމާއިއެކު ބައިވެރިވެލިއެވެ.
އެންމެން ހީނގަތުމުން، އަހަރެން ރީއްޗަށް ރަކިވިއެވެ. ފިޒާ އެކަހަލަ ވާހަކައެއް ދައްކަފާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އަނެއްކޮޅުން ޔާނިޝްއެވެ. އޭނާގެ ރައްދުން، ކުރިއަށްވުރެ ބޮޑަށް އަހަރެން ލަދުގަންނުވާލައިފިއެވެ. ޔާނިޝް އައިސް އަހަރެންގެ ކައިރީގައި އިށީނެވެ. އެއަށްފަހު، އުނަގަނޑުގައި އަތް އަޅުވައިލިއެވެ.
"މިސްޔޫ..." ހަމައެކަނި އަހަންނަށް އިވޭ ވަރަށް ޔާނިޝް ބުންޏެވެ.
ކައިރީގައި ތިބި މީހުންނަށް އަވަސް ނަޒަރެއް ދެވުނެވެ. އެކަކަށްވެސް ޔާނިޝް ބުނި އެއްޗެއް އަޑު ނީވޭކަން އެނގުނެވެ. އަހަންނަށްވީގޮތުން، ޔާނިޝް ޖަހައިލީ ލުއި ހިނިގަނޑެކެވެ. އަންހެން ކުދިންގެ ހިތް ފަތަހަކުރާނެ އެތައް ސިފައެއް ޔާނިޝްގެ ކިބައިގައި ހުރެއެވެ. ކުރިން އަހަންނަށް އެ ސިފަތައް ނުފެނުނީ، އަހަރެންގެ މޮޔަކަމުން ހެއްޔެވެ؟ ނޫނީ އެއީ ހަމައެކަނި އަނބިމީހާގެ ހިތް ފަތަހަ ކުރުމަށް ޔާނިޝް ބޭނުންކުރާ މޮޅު އުކުޅުތަކެއް ހެއްޔެވެ؟
ރެސްޓޯރެންޓުން ނުކުތްއިރު، އިރު އޮއްސިއްޖެއެވެ. ޔާނިޝް ކުރުނުކޮށް ކިޔަން ފެށުމުން، ހިދާޔާގެ މަންމަގެ ގެއަށް ދާން މިރާން އެއްބަސްވިއެވެ. ހަތަރު މީހުން އެ ގެއަށް ދިޔައީ، ކާއެއްޗެހި ހިފައިގެންނެވެ. ހިދާޔާގެ މަންމަ އުޅުނީ، ފޮށިތަކުން އެއްޗެހިތައް ނެގުމުގައި އަވަދިނެތިއެވެ. އަހަރެމެން ހީކުރިގޮތާއި ހިލާފަށް، ޔާނިޝްގެ މަންމަވެސް އެގޭގައި އުޅުނެވެ. އާނާއަށް އަހަރެން ފެނުމުން، ދުވެލާފައި އައެވެ. ބަނޑުގައި އަތް ޖައްސައި އެތައް ސުވާލެއް ކުރިއެވެ.
"މަންމީ ބަނޑަށް ބެލޫންލީ ކީއްވެ؟..." އާނާ އުޅުނީ އަހަރެންގެ ހެދުން ހިއްލާލާފައި ފުއްޕާހަން ހޯދާށެވެ.
އާނާގެ ކިބައިން ސަލާމަތްވާން އަހަރެން އުޅެމުން ދިޔަގޮތުން، އެހެން މީހުން ތިބީ ހޭށެވެ. ޔާނިޝް އައިސް އާނާ އުރާލިއެވެ. އެކުއްޖާގެ ކޮލަށް ބޮސްދިނުމަށްފަހު، ތިރީގައި ބެހެއްޓިއެވެ. އަހަރެންގެ ބަނޑުގައި އޮތީ ކުޑަކުޑަ ކުއްޖެއްކަން އާނާއަށް ކިޔައިދިނީ ޔާނިޝްއެވެ. އާނާގެ އުމުރާއި ގުޅޭގޮތުން އޭނާއަށް ވިސްނޭނެގޮތަށެވެ. އަހަންނަށް އެހެން މީހުންގެ ވާހަކައަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އަޑު އެހުނީ ޔާނިޝް އާއި އާނާ ދައްކަމުންދިޔަ ވާހަކައެވެ. ދަރިފުޅު ލިބޭތީ ޔާނިޝް އުފާވާވަރު އެނގުނެވެ. އެ ކުއްޖާއަށް އިންތިޒާރުކުރާ ވަރާއި، ދެކިލަން ކެތްމަދުވެފައިވާވަރު އެނގުމުން، ވަކީން އުފާވިއެވެ.
"ދުވަސްކޮޅަކުން މަންމީގެ ބަނޑުން އަންނާނީ، ލޯބިލޯބި ކުޑަކުޑަ ކޮއްކޮ... އަނައްކޮ މީ އެ ބޭބީގެ ދޮންދޮން ދޮންތީ..." އާނާގެ ދެކޮލުގައި ހިފައިލަމުން ޔާނިޝް ބުނެލިއެވެ.
"ދަރިފުޅާ..." އަހަންނަށް މަންމަގެ އަޑު އިވުނީ ދެތިން ފަހަރަކު ގޮވައިލުމުންނެވެ. "މަންމަ ބުނީ، ދަރިފުޅުމެންވެސް ތިއައީ ކާއެއްޗެހި ހިފައިގެންހޭ؟... މިމީހުން އަންނައިރު ގޭގަ ކާއެއްޗެއް ނުހުންނާނެތީ، މަންމަވެސް މިއައީ އެއްޗެއް ހިފައިގެން... ދަރިފުޅުމެން އަންނާނެކަމެއް ނޭނގޭވިއްޔަ..."
"މާ ރަނގަޅަކަށްނު ތިވީ..." ހިދާޔާގެ މަންމަ ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ދެން ހިނގާ އަވަހަށް އެންމެން ކާންދާން..."
އެންމެން ހީ ސަކަރާތްޖަހާފައި އުޅުނުއިރުވެސް، މިރާން ހުރީ ވާހަކަ ދައްކަން ނުކެރިފައެވެ. ހިދާޔާގެ މަންމަ އާއި ޔާނިޝްގެ މަންމަވެސް މިރާންއާއި ވާހަކަ ދެއްކީ ގާތްކޮށެވެ. ދުރުކަމެއް ނެތެވެ. ނުރުހުންތެރިކަމެއްވެސް ނެތެވެ. ކުރިއާއި ތަފާތެއްވެސް ނުމެނޫންމެއެވެ. މަޑުމަޑުން ހަމައަކަށް އެޅެމުން، މިރާންވެސް އެންމެންގެ ތެރޭގައި ވާހަކަ ދައްކަން ފެށިއެވެ.
********
ގެއަށް އައިގޮތަށް އަހަރެން ބޭނުންވީ އެނދުގައި އޮށޯންނާށެވެ. ބަނޑުބޮޑުވިފަހުން، ދުވަސް އެއްކޮށް ބޭރުގައި އުޅުނު އެއީ ފުރަތަމަ ފަހަރުކަމުން، އަހަރެން ހުރީ ލޮޑުވެފައެވެ. ކޮޓަރިއަށް ވަންނަން ދަނިކޮށް، އަހަންނަށްވުރެ ކުރިން ޔާނިޝް ގޮސް އެތެރެއަށް ވަނެވެ.
"ހެޕީ ބާތްޑޭ ޕްރިންސަސް..." ދޮރު ހުޅުވައިލުމާއިއެކު، ޔާނިޝް ބުނެލިއެވެ.
ޔާނިޝްގެ އަތުގައި ޕާރުސަލެއް އޮތްއިރު، އޭގެ މަތީގައި ރަތް ފިނިފެންމަލެއް އޮތެވެ.
"މީ ނުނިމޭ ބާތްޑޭއެއްތަ؟..." އަހަރެން ތުއިވެލާފައި ފިނިފެންމާ ނެގީމެވެ. އެއަށްފަހު، އޭގެ ވަސް ބަލައިލީމެވެ.
"ގަޑިން ބަރާބަރު އެގާރަގަޑި ފަންސާސް ނުވައެއް..." އެހެންވީމަ އަދި ނުނިމޭނެ..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން، ޔާނިޝް ބުނެލިއެވެ.
"އައި ލަވް ޔޫ..." އަހަރެން ވަރަށް ލަދުން ހުރެ ބުނެލީމެވެ.
"ކީކޭ ތިބުނީ؟... އަދި އެއްފަހަރު ބުނެބަލަ..." ޔާނިޝް އެދުނެވެ.
"ދެން؟..." ޔާނިޝްގެ މޭގައި މަޑުމަޑުން ޖަހައިލަމުން އަހަރެން ބުނީމެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި، އަހަރެން ޔާނިޝްގެ ގައިގައި ބައްދައިލީމެވެ. ހިތުގެ އަޑިން ލޯބިވާ ވާހަކަ ހާސްފަހަރު ބުނަމުންނެވެ. އޭނާގެ ލޯބި، އަހަރެންގެ އެހެން އިހުސާސްތަކުގެ މައްޗަށް ގަދަވެގަންނަނީ، ސަބަބެއް ނެތިއެއް ނޫނެވެ. ޔާނިޝްގެ ކޮންމެ އަމަލެއް، އޭނާ އަހަރެންދެކެ ވާ ލޯބި ހާމަކޮށްދެމުން ދެއެވެ. އެއްވެސް އިރެއްގައި ފިރިއެއްގެ ޒިންމާ އަދާކުރުމުގައި ފަހެއް ނުޖެހެއެވެ. ކެތްތެރިކަމާއިއެކު އަހަންނަށް އިންތިޒާރު ކުރުމުގައި ދެމިހުއްޓެވެ. އެކަމަކު، މާޒީގައި އަހަންނަށް ވަނީ އެތައް ގޯހެއް ހެދިފައެވެ. ފިރިމީހާއާއިމެދު އަހަންނަށް ކަންތައް ކުރެވިފައި ވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. ޔާނިޝްއަށް ފިރިއެއްގެ ދަރަޖަ ދިނުމަށް އަހަރެންގެ ހިތް، އޭރު ދެކޮޅުހެދިއެވެ. ފިރިމީހާއަށް އެތައް ޝައްކެއް ކުރީމެވެ. ނުކުރާ އެތައް ކަމެއްގެ އިލްޒާމް އެޅުވީމެވެ. އެ ހުރިހާ ކަމަކާއި އެކުގައިވެސް، ޔާނިޝްގެ ހިތް، އަހަންނަކަށް ގޯހެއް ނުވިއެވެ.
މިއަދު އަހަރެންގެ ހިތް ވަނީ ޝުކުރުވެރިކަމުން ފުރިފައެވެ. ހިތުގެ އަޑިން މާތްﷲއަށް ޝުކުރު ދެންނެވުނެވެ. ކޮންމެ ނަމާދަކަށްފަހު، އަހަރެން ކުރަމުން އައި ދުޢާ އިޖާބަކުރެއްވީއެވެ. ކެތްތެރިކަމުގެ މޭވާ ވަރަށްވެސް ފޮންޏެވެ. ދިރިއުޅުމުގައި އަހަންނަށް ކާމިޔާބު ލިބުމުގެ އެއް އަސްލަކީ، މައިންބަފައިންގެ އަމުރަށް ކިޔަމަންވުމެވެ. ގެއްލިފައިވާ އުއްމީދު އާލާކުރުވީ، އުއްމީދުނުކޮށް ހުއްޓައި، ހަޔާތަށް އައި އުފާވެރިކަމުގެ ސަބަބުންނެވެ. އެހުރިހާ ކަމަކާއި އެކުވެސް، މާޒީގައި ހެދިފައިވާ ގޯސްތަކުގެ މަތީން ހަނދާން ނައްތަލައެއް ނުލަމެވެ. އަހަރެން ގަބޫލުކުރީ، ކޮންމެ ދިރިއުޅުމެއްވެސް ކާމިޔާބު ވާނީ ގޯސްތަކެއްވެސް ހެދުމަށްފަހުގައި ކަމަށެވެ. މާޒީ ކޮންމެ ގޮތަކަށް އޮތްނަމަވެސް، މިއަދު އަހަރެން ދެރައެއް ނުވަމެވެ. އެކަމަކު، އަހަރެންގެ ދިރިއުޅުން އެމީހަކާއި ނުލައި ފުރިހަމަނުވާނޭ ޔާރާގެ ކިބައިން، ހިތުގެ އަޑިން މައާފަށް އެދެވުނެވެ. ޔާނިޝްގެ ހިތް އަހަންނާއިމެދު ސާފުކަން އެނގޭ ހާލުގައިވެސް މެއެވެ. ކުރިއަށް އޮތީ އަދި މާ އުފާ ފާގަތި ދުވަސްތަކެއްކަމަށް އުއްމީދުކުރަމުން، ކިޔުންތެރިންނަށް ހުޅުވައިލެވިފައިވާ ހަޔާތުގެ ސަފުހާތައް ލައްޕައިލީމެވެ.
(ނިމުނީ)
ނޯޓު: އަލްހަމްދުﷲ. މި ވާހަކަ ނިންމާލުގެ ތައުފީގު ދެއްވި ކަމަށްޓަކައި މާތްﷲ ގެ ކިބައަށް ހަމްދާއި ޝުކުރު ދަންނަވަން. ވާހަކަ ކުރިޔަށް ގެންގޮސް ނިންމައިލެވުނީ، ތިޔަ ކިޔުންތެރިންގެ ފަރާތުން ހުއްޓުމެއްނެތި، ވާހަކައަށް ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމުގައި އުފަލާއިއެކު ފާހަގަ ކުރަން. މިފުރުސަތުގައި، ވާހަކައަށް އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން. ތިޔަ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ލިބުނު ހިޔާލުތަކުގެ ސަބަބުން، ވާހަކަ ނިންމައިލުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމުގައިވެސް މިފުރުސަތުގައި ފާހަގަކޮށްލަން. އެކަމަށްޓަކައި ވާހަކައަށް އެކި ގޮތްގޮތުން ހިޔާލު ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން. އަޅުގަނޑުގެ އުއްމީދަކީ، ކުރިއަށް އޮތް ތަނުގައި ވެސް، އަޅުގަނޑުގެ ވާހަކަތަކަށް ތިޔަ ކިޔުންތެރިންގެ ފަރާތުން، ބިނާކުރަނިވި ފާޑުކިޔުންތަކެއް ލިބިގެން ދިޔުން. އަދިވެސް އެއްފަހަރު އެންމެހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.