05 Apr 2012, 10:25
މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު މުލިއާގޭން ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް ނިމި، ޕީޖީއަށް ފޮނުވުމުގެ މަގުމަތީގައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި މިހާރު ކުރިޔަށްދަނީ ބަޔާންތައް އިތުރަށް ފުރިހަމަ ކުރުން ކަމަށާއި އެއީ މައްސަލައިގެ ތަހުގީގުގެ އެންމެ ފަހު މަސައްކަތް ކަމަށެވެ. އެކަން ނިމުމުން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެމައްސަލައިގެ ތަހުގީގުގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހު މަސައްކަތްތައް، އެއީ ބަޔާންތައް އިތުރަށް ފުރިހަމަ ކުރުން،" ހަނީފު ވިދާޅުވި އެވެ.
ރާފުޅިތަކުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ދިޔައީ އެ ތަހުގީގުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްތަ ކުރަން ޖެހުމާއެކު ތަހުގީގު ކުރަން ހުރި މައްސަލަތަކުގެ ގިނަ ކަމުން ކަމަށް ވެސް ވިދާޅުވި އެވެ.
މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދަ ކޮށްފައިވާ ރާފުޅިތައް ހުރި އިރު ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީ އުރަ ވެސް ހުއްޓެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާއަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅި ވެސް ހުއްޓެވެ.
ފުލުހުން އޭރު ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގެ ތެރޭ، އޭގެ ބޭރުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައި ކަމަށް ސްޓޭމްޕް ވެސް ޖަހައިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ބަނގުރާ ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި މުލިއާގޭގައި އެފަދަ އެއްޗެއް ނުހުންނާނެ ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރުމަށް ރައީސް ނަޝީދު ހިތްވަރު ދެއްވާ ވާހަކަފުޅު ދައްކަވާ ކަމަށް ބުނެ އެކަން ތަހުގީގުކޮށް ދިނުމަށް ޕީޕީއެންގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވަނީ ޕީޖީއަށް މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ.