ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންގެ ތެރެއިން ސްޕެޝަލިސްޓް، ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ޓަކައި "ހޭހަން"ގެ ނަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

"ހޭހަން" އޮޕަރޭޝަނަކީ ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުން ދެއްކުމާއި އަދި ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ނުވަތަ ސިއްޙީ ޚިދުމަތްދޭ މަރުކަޒަށް ގެންގޮސްގެން ދިނުމަށް ހިނގާ ޚާއްސަ އޮޕަރޭޝަނެކެވެ.

ޤައިދީން، ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ކަރެކްޝަނުން މިއަދު "ހޭހަން" އޮޕަރޭޝަން ފެށުން -- ފޮޓޯ/ ކަރެކްޝަން

މި އޮޕަރޭޝަން ފައްޓަވައި ދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ފުޅު ވިދާޅުވީ އެންމެ ގިނައިން އަންނަ ޝަކުވާއަކީ ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ އުނދަގޫތަކާއި ތަފާތު މައްސަލަތައް ކަމަށެވެ. އަދި ބައްދަލުކުރާ އާއިލާތަކުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރާ އެންމެ ބޮޑު އެއް މައްސަލައަކީ ޤައިދީން ޑޮކްޓަރަށް ދެއްކުމުގައި ހުރި ތަފާތު އެކިއެކި ދަތިތަކުގެ ވާހަކަ ކަމަށް ވިދާޅުވިއެވެ.

"ޖަލުގެ ކަންކަން ބަލަހައްޓާ އޯވާސައިޓް ކުރާ ބައެއް ފަރާތްތަކުން ވެސް އަޅުގަނޑުމެންނަށް ތަފާތު އެކި ރިކޮމެންޑޭޝަންތައް މިކަމުގައި ދީފައި އެބަހުރި. އެކަމަކު ޖަލުގައި އަދިވެސް މި މައްސަލަ ވަރަށް ބޮޑު. ޖަލަކީ ގިނަ ބަޔަކު ބަންދުކުރެވިފައި ތިބޭ ތަނަކަށް ވާތީ ސިއްޙީ މައްސަލަތައް ވަރަށް ގިނައިން ދިމާވޭ،" ސީޕީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަލުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މިއަދު ފެށި އޮޕަރޭޝަންގައި ކަރެކްޝަންގެ ސީނިއާ ލެވެލްގެ ހުރިހާ މުވައްޒަފުން ނުކުމެ، ގައިދީން ޑޮކްޓަރަށް ދެއްކުމަށް ޓަކައި ޢަމަލީ ގޮތުން މަސައްކަތްކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެކަން ކުރުމުގައި އިތުރަށް ހުރި ދަތިތަކާއި އެކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހޯދާ ބަލައި ދެނެގަންނާނެ ކަމަށް ވެސް އަހްމަދު ވިދާޅުވިއެވެ.

ޤައިދީން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ކަރެކްޝަނުން މިއަދު "ހޭހަން" އޮޕަރޭޝަން ފެށުން -- ފޮޓޯ/ ކަރެކްޝަން

"އަމާޒަކީ މި އޮޕަރޭޝަންގައި ޖަލުގައި މި ވަގުތު ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހިފައި ތިބި މީހުންގެ ބޮޑު އާބާދީއެއް ޑޮކްޓަރަށް ދައްކައި ނިންމާލުން،" ސީޕީ ވިދާޅުވިއެވެ.

ޖަލުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި ކުރިމަތިވާ އުނދަގޫތައް ނައްތާލުމަށް ޓަކައި ކަރެކްޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އައިޖީއެމްއެޗާއެކު ޚާއްސަ އެއްބަސްވުމެއްގައި ސޮއި ކުރެވި، އެ މައްސަލަ ހައްލު ކުރުމަށް ޖަލަށް ޚާއްސަ ޑޮކްޓަރުން ގެނެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ހަމައެއާއިކު އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ވެސް ކަރެކްޝަނުން ހަމަޖައްސައިފައިވެއެވެ.