30 Oct 2022, 17:47
އެންޓާޓިކާގައި ދިރިއުޅޭ ޕެންގުއިން ނުވަތަ ފީނާދޫނީގެ ބާވަތެއް ކަމަށްވާ "އެމްޕެރާ ޕެންގުއިން"ތައް ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަމަށް އެމެރިކާގެ ފިޝް އެންޑް ވައިލްޑްލައިފް ސާވިސް އިން ބުނެފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވުމުގެ ސަބަބުން ގަނޑުފެންތައް ދަނީ ވަރަށް ބާރު ސްޕީޑުގައި ވިރެމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ފިނި ސަރަހައްދު ކަމަށްވާ އެންޓާޓިކާގެ ގަނޑުފެން ވެސް ވިރެމުންދާ އިރު އެ ސަރަހައްދުގައި ދިރިއުޅޭ އެމްޕެރާ ޕެންގުއިންތަކަށް އޭގެ ނުރައްކާވާން ވަނީ ފަށާފައެވެ.
މި ފީނާދޫނިތައް ނެތިދިޔުން ހުއްޓުވުމަށްޓަކައި އެމެރިކާގެ ފިޝް އެންޑް ވައިލްޑްލައިފް ސާވިސް އިން ވަނީ މިހާރު "އެންޑޭންޖާޑް ސްޕީޝްސް އެކްޓް"ގެ ދަށުން ފީނާދޫނި ހިމާޔަތް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.

އެމްޕެރާ ޕެންގުއިންގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް ދަށްވެދާނެ ކަމަށް ދިރާސާވެރިން ބުނޭ -- ފޮޓޯ/ ނޭޝަނަލް ޖޯގްރަފީ ކިޑްސް
ފީނާދޫނިތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެއަށް ހަމާލާދޭ ޖަނަވާރުން ސަލާމަތްވުމަށް ކަނޑު މަތީގައި އޮންނަ ގަނޑުފެންތައް ވަރަށް މުހިންމެވެ. ނަމަވެސް އެފަދަ ގަނޑުފެން ވިރި ހުސްވެއްޖެނަމަ ފީނާދޫނީ އުޅޭނެ ތަންވެސް ގެއްލޭނެއެވެ.
އެންޓާޓިކާ ޕެނިންސުލާގައި ހިމެނޭ ގަނޑުފެންތަކުގެ 60 ޕަސެންޓް ފާއިތުވި 30 އަހަރުގެ ތެރޭގައި ވިރިފައިވާ ކަމަށް މެސަޗޫސެޓްގައި ހުންނަ ވުޑްސް ހޯލް އޯޝިއޭނޯގްރަފިކް އިންސްޓިޓިއުޓުން ބުނެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އެންޓާޓިކާގެ މޫދުތަކާ ކައިރި ސަރަހައްދުތަކުގައި މިވަގުތު އެމްޕަރާ ޕެންގުއިންގެ 60 އެއްހާ ކޮލޮނީ އުޅެއެވެ. އެއީ ގާތްގަނޑަކަށް 650،000 އެއްހާ ފީނާދޫންޏެވެ. އަދި މިހާރު ހާލަތު އޮތްގޮތަށް ކަންތައް ކުރިއަށް ދާނަމަ އެ އަދަދު، 2050 އަންނަންވާ އިރަށް 132،000 އަކަށް ތިރިވާނެ އެވެ.