ދުނިޔޭގެ އެންމެ މަޝްހޫރު ފާސްޓް ފެޝަން ބްރޭންޑު ކަމަށްވާ "ޝެއިން"ގެ ފެކްޓަރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ލައްވާ ދުވާލެއްގެ މައްޗަށް 18 ގަޑިއިރު މަސައްކަތް ކުރުވާ ކަމަށް ސިއްރު ތަހުގީގަކުން ހާމަވެއްޖެއެވެ.

ފާސްޓް ފެޝަންއަކީ އެ ވަގުތަކު އެންމެ މަޝްހޫރުވާ ބާވަތެއްގެ އަންނައުނު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދަކަށް އުފައްދައި, އަގު ހެޔޮކޮށް ވިއްކުމެވެ. އޭގެ ސަބަބުން ދުނިޔޭގައި ކުނި އިތުރުވުމަށް މަގުފަހިވެ، އެފަދަ އުފެއްދުންތަކުގައި ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވާ މިންވަރު އިތުރުވެއެވެ.

މީގެ އިތުރުން ފާސްޓް ފެޝަން ކުންފުނިތަކުން މުވައްޒަފުންގެ ހައްގުތައް ނިގުޅައި ގަނެ އެމީހުންނަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުވާ ވާހަކައަކީ އާންމު ވާހަކައެކެވެ. މިއީ އެންމެނަށް އެނގޭ ވާހަކައަކަށްވީ ނަމަވެސް މިއީ ބޮޑެތި މީޑިއާތަކުން އާންމުކޮށް ނުދައްކާ ވާހަކައެކެވެ.

މި ފާސްޓް ފެޝަން ކުންފުނިތަކުން، ހާއްސަކޮށް ޝެއިންއިން ނުރައްކާތެރި ކެމިކަލް ހިމެނޭ ފޮތީގެ ހެދުންތައް އުފައްދާ މައްސަލަވެސް ވަނީ މީގެކުރީން ފެންމަތިވެފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "އައި ނިއުސްޕޭޕާ" އާއި "ޗެނަލް4" އިން ދާދި ފަހުން ކުރިއަށް ގެންދިޔަ ތަހުގީގެއްގައި އަންހެނަކު ވަނީ ނަން ބަދަލުކޮށްގެން ޗައިނާގައި ހުންނަ ޝެއިންގެ ދެ ފެކްޓްރީއެއްގައި މަސައްކަތްކޮށްފައެވެ. އަދި އޭނާ ވަނީ އޭނާއަށް ފެނުނު ހުރިހާ މަންޒަރެއް ފެކްޓްރީ ތެރެއިން ރެކޯޑުކޮށްފައެވެ.

އެ ތަހުގީގުން ހާމަވި ގޮތުގައި ޝެއިންއިން އެހާ ހަލުވި ސްޕީޑެއްގައި ގިނަ އަދަދަކަށް ޕްރޮޑަކްޓު އުފައްދަނީ މުވައްޒަފުންގެ ހާލަތަށް ނުބަލައި، ވަރަށް އިހާނެތިކޮށް އަމަލުކުރަމުންނެވެ. އެގޮތުން ޗައިނާގައި ހުންނަ ޝެއިން ފެކްޓްރީގެ މުވައްޒަފުން ލައްވާ ކޮންމެ ދުވަހަކު 18 ގަޑިއިރަށް މަސައްކަތް ކުރުވާކަން ތަހުގީގަށް ހާމަވިއެވެ. އަދި ގިނަ ފަހަރަށް މުވައްޒަފުންނަށް ގެއަށް ދާނެ ވަގުތު ނުވާތީ އޮފީސް ވަގުތު ފާހާނައިން ފެންވަރައި ހަދާ ކަމަށް ތަހުގީގީ ރިޕޯޓުގައި ބުނެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން މުވައްޒަފުންނަށް ހަފުތާ ބަންދެއް ވެސް އެތަނުން ނުދޭއިރު މުވައްޒަފުންނަށް ބަންދު ދުވަހެއް ލިބެނީ މަހަކު އެއް ފަހަރެވެ.

އެ ތަހުގީގަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނާގޮތުން އެ ފެކްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަށާ މަހަށް މުސާރައެއްގެ ގޮތުގައި ދެނީ ގާތްގަނޑަކަށް 4،400 ޔޫއާން (550 އެމެރިކާ ޑޮލަރު) އެވެ. އަދި ފުރަތަމަ މަހުގެ މުސާރަ މުވައްޒަފުގެ އަތަށް ނުދޭ ކަމަށާއި އެ މުސާރަ ނުދީ ހިފަހައްޓަނީ ދެވަނަ މަސް ނިމެންދެއް ކަމަށް ރިޕޯޓުގައި ބުނެއެވެ.

މުވައްޒަފަށް މަސައްކަތުގައި އެއްވެސް ކަހަލަ ކުށެއް ކުރެވިއްޖެ ނަމަ މުވައްޒަފުގެ ދުވަހުގެ މުސާރައަށް އަރާ ވަރުގެ ތިންބައި ކުޅަ ދެބައި އަތުލާކަން ވެސް ތަހުގީގުން އެނގުނެވެ.

ޝެއިންގެ އުފެއްދުންތަކުގެ އަގު ހެޔޮވުމުން އެ އުފެއްދުންތަކުގެ މަގުބޫލުކަން އިތުރުވެ، މިއަހަރުގެ އޭޕްރީލް އާ ހަމައަށް އެރިއިރު ޝެއިންގެ އާމްދަނީ ވަނީ 100 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ބޮޑެތި ބްރޭންޑުތައް ކަމަށްވާ "އެޗް އެންޑް އެމް" އަދި "ޒާރާ"ގެ އާމްދަނީ އެއްކޮށްލުމުން ލިބޭ ވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ.