30 Oct 2022, 08:59
ތިމާގެ ބައިވެރިޔާ ތިމާއަށް ކެހި ދީ ތިމާއަށް ބޭވަފާތެރިވެދާނެ ކަމަށް ހީވުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ އިހުސާސެއް ނޫނެވެ. ނަމަވެސް އެކަހަލަ ހާލަތްތައް ވަރަށް އާންމުކޮށް ދިމާވެއެވެ. އެހެންވީމާ، ތިމާގެ ބައިވެރިޔާ ތިމާއަށް ބޭވަފާތެރިވާނަމަ އެކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟
މީހަކު ހަމަ ހުރެލާފައި އެމީހެއްގެ ބައިވެރިޔާއަކަށް ޝައްކެއް ނުކުރާނެއެވެ. އެކަން މެދުވެރިވާން އެކި ކަހަލަ ކަންތައްތައް ފެންނާނެއެވެ. އެހެން ވާނަމަ ބައިވެރިޔާ ތިމާއަށް ބޭވަފާތެރި މީހެއްކަން ދެނެގަނެވޭނެ ގޮތްތަކެއް އެބަހުއްޓެވެ. އަދި އެމީހުންގެ ކިބައިން އެކަމާ ގުޅޭ ނިޝާންތައް ވެސް ފެންނާނެއެވެ.
މުއާސަލާތު ކުރުމުގައި މާ ގިނަ ވަގުތު ނެގުން
ހުރިހާ އެންމެން ވެސް އެމީހުންގެ އަތުގައި ފޯނު ގެންގުޅޭނެއެވެ. އެހެންވީމާ މެސެޖެއް ނުވަތަ ކޯލެއް އައުމުން އެއަށް ޖަވާބު ނުދީ އެތައް ގަޑިއިރެއް ހޭދަ ވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. މެސެޖެއް ކުރުމުން އޭގެ ޖަވާބު އަބަދު ލަސްވާނަމަ މިއީ އަހާލުން ރަނގަޅު ކަމެކެވެ.
އިތުރު ފޯނެއް ގެންގުޅުން
އާންމުކޮށް ގެންގުޅޭ ފޯނުގެ އިތުރުން އެހެން ފޯނެއް މުހިންމު ސަބަބެއް ނެތި ގެންގުޅެން ފެށުމަކީ ޝައްކު އުފެދޭ ކަމެކެވެ. މިކަމަކީ ބައިވެރިޔާ ގާތުން އޮޅުން ފިލުވުން މުހިންމު ކަމެކެވެ.
އަބަދު ހާއްސަ އެކުވެރިއެއްގެ ވާހަކަ ދެއްކުން
ތިމާގެ ބައިވެރިޔާއަކީ އަމިއްލަ ދިރިއުޅުމެއް އޮންނާނެ މީހެކެވެ. ނަމަވެސް ދެމީހުން ގިނަ ދުވަހު އެއްކޮށް އުޅެނިކޮށް ކުއްލިއަކަށް އާ އެކުވެރިއެއްގެ ވާހަކަ ދައްކައި އެ އެކުވެރިޔާގެ ވާހަކަ އަބަދު ދައްކާ ނަމަ އެއީ ކޮންމެވެސް ވަރަކަށް ބަލާލަން ޖެހޭނެ ކަމެކެވެ.
ކަމަކާ ނުލާ އަބަދު ރުންކުރުވުން
ބައިވެރިޔާއާ ވާހަކަ ދައްކަން އުނދަގޫވެ ދުވަހަކު ވެސް އެއްގަލަކަށް ނޭރޭ ނަމަ ދެމީހުންގެ މެދުގައި މައްސަލައެއް އޮތްކަން ޔަގީނެވެ. އަދި އެއްވެސް ސަބަބެއް ނެތި އަވަސް އަވަހަށް ތިމާދެކެ ރުޅި އަންނަ ނަމަ އެކަމުގެ ފަހަތުގައި އިތުރު ސަބަބުތަކެއް ހުރުން އެކަށީގެންވެއެވެ.
އަބަދު ކަންތައްތަކަށް މާ ބޮޑަށް ލަސްވުން
މަސައްކަތުގެ މާހައުލަކީ ވަރަށް ބިޒީ ތަނެކެވެ. އެހެންވީމާ ގިނަ ވަގުތު އެކަމުގައި ހޭދަކުރަން ޖެހެއެވެ. ނަމަވެސް ދެ މީހުން ކުރިން ރާވާފައިވާ ޕްލޭންތައް ވެސް ކެންސަލްކޮށް، މަސައްކަތުގައި އުޅޭ ކަމަށް ބުނެ އަބަދު ތަންތަނަށް ދާން ލަސްވުމަކީ ބައިވެރިޔާ ބޭވަފާތެރިވާކަމުގެ ނިޝާނަކަށް ވެދާނެއެވެ.
މަސްދަރު: ޑީމިކް ބްލޮކް