29 Oct 2022, 16:34
ރާއްޖޭގެ މަޝްހޫރު ސްޓްރީމިން އެޕް،ބައިސްކޯފުން މިއަދު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބާއްވާ "ޗަނާޗާ 2022" ޝޯގައި ބޭނުންކުރާ ސްޓޭޖަކީ މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އުސް އަދި އެންމެ ހިތްގައިމު ސްޓޭޖަށް ވާނެއެވެ.
މިއަދު ބާއްވާ ޗަނާޗާ ޝޯގެ ސްޓޭޖު ހަދައިފައިވަނީ ޝޯތަކުގެ ސައުންޑް އަދި ލައިޓިން ހަދައިދޭ ތަޖުރިބާހުރި ކުންފުނިސްޓޭޖްކޯރއިންނެވެ. ފާއިތުވި ހަތް އަހަރުންސުރެ ސްޓޭޖްކޯރ އިން އަންނަނީ އިވެންޓް މެނޭޖުކުރުމުގެ އިންޑަސްޓްރީގައި ވަރަށް ފުރިހަމަ މަސައްކަތެއް ކޮށް، ދާއިރާގައި ކުރިއެރުން ހޯދަމުންނެވެ.
ސްޓޭޖުކޯރއަކީ ކަމަށް ގާބިލު އަދި އެކަމުގެ ތަޖުރިބާ ލިބިފައިހުރި، ތަމްރީނު ލިބިގެންވާ ދިވެހިންތަކެއް ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ޗަނާޗާ ޝޯ ބާއްވާ ސްޓޭޖު ހެދުމުގެ ތެރެއިން --- ފޮޓޯ/ ސްޓޭޖްކޯރ
މިފަހަރު ޗަނާޗާ ޝޯގެ ސްޓޭޖް ކޮންސެޕްޓްގެ ކަންތައްތަކުގައި ސްޓޭޖްކޯރ އިން މަސައްކަތް ކުރާތާ އެތައް މަސްތަކެއް ވެފައިވާއިރު، އެ ކުންފުނިން ބުނީ، އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ޑިޒައިނެއް އުފެއްދުމަށް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިވެންޓް ޕްރޮޑަކްޝަން އިންޑަސްޓްރީން ބޭރުގެ ފަންނާނުންނަށް ދޭ ވަރުގެ އަހައްމިއްޔަތުކަން ރާއްޖޭގެ ފަންނާނުންނާއި އޯޑިއަންސް އަށް ވެސް ދިނުން ހައްގު،" ސްޓޭޖްކޯރއިން ބުންޏެވެ.
ސްޓޭޖްކޯރއިން ބުނީ ޗަނާޗާގެ ސްޓޭޖް ފަރުމާކުރުމުގެ މަސައްކަތުގައި އެކުންފުނީގެ މުޅި ޓީމް ބައިވެރިވާ ކަމަށެވެ.
އެގޮތުން ޗަނާޗާ ޝޯގައި ބޭނުންކުރާ ސްޓޭޖު ވަރުގެ ބޮޑު އަދި އުފެއްދުންތެރި ސްޓޭޖެއް ފަރުމާކުރުން ވީ މުޅި ޓީމަށް ވެސް "ޗެލެންޖިން"ކަމަކަށް ކަމަށް އެކުންފުނިން ބުންޏެވެ.
ޗަނާޗާ ޝޯގެ ސްޓޭޖަކީ މާލޭ ސަރަހައްދުގައި ހުރި އެންމެ އުސް އައުޓްޑޯ މިއުޒިކް ސްޓޭޖް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޗަނާޗާ ޝޯ ބާއްވާ ސްޓޭޖު ހެދުމުގެ ތެރެއިން --- ފޮޓޯ/ ސްޓޭޖްކޯރ
އެގޮތުން އެ ސްޓޭޖު ފަރުމާ ކޮށްފައިވަނީ ހަތަރު ބުރީގެ އުސްމިނުގެ ޓްރަސް ސްޓްރަކްޗަރެއްގައި ބައިވަރު ލައިޓްތަކަކާއި 1،800 އަކަފޫޓަށްވުރެ ގިނަ އެލްއީޑީ ސްކްރީންތަކެއް އެކުލެވޭ ގޮތަށެވެ.
ސްޓޭޖް ފަރުމާ ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތުން އެކަން ކުރުމަށް ބޭނުންވާ ލޮޖިސްޓިކްސް، ރިގިން، ޓެކްނިކަލް ޕްރޮގްރާމިން އަދި ޓެސްޓިން ކުރިއަށް ގެންދިއުން ކަމަށް އެކުންފުނިން ބުންޏެވެ.
"ރާއްޖޭގެ އިވެންޓް އަދި އެންޓަޓެއިންމެންޓް އިންޑަސްޓްރީ ބައިނަލްއަގުވާމީ ފެންވަރަށް ކުރިއެރުވުމަަށް ކުރާ މަސައްކަތުގައި ބައިސްކޯފަކީ އަޅުގަނޑުމެންގެ ޕާޓްނަރެވެ،" ސްޓޭޖްކޯރއިން ބުންޏެވެ.
ޗަނާޗާ ޝޯގެ ސްޓޭޖު ހެދުމަށް ކުރެވުނު މަސައްކަތަށް ފަހު ސްޓޭޖްކޯރއިން، އޭގެ އިތުރަށް ބުނީ، ކޮވިޑް 19އަށް ފަހު އިވެންޓް އިންޑަސްޓްރީ ވަރަށް ބޮޑަށް ހީނަރުވި ކަމަށެވެ. އަދި އޭގެ ފަހުން ބޮޑަށް އިސްކަމެއް ދޭން ޖެހުނީ ކުދި އިވެންޓު ތަކާއި ރިސޯޓު ތަކުގައި އަމިއްލަ ގޮތުން ބޭއްވޭ ބައިނަލްއަގުވާމީ އިވެންޓު ތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޗަނާޗާ ޝޯ ބާއްވާ ސްޓޭޖު ހެދުމުގެ ތެރެއިން --- ފޮޓޯ/ ސްޓޭޖްކޯރ
އޭގެ ސަބަބުން ރާއްޖޭގެ ފަންނާނުންނަށް ގެއްލުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ސްޓޭޖްކޯރއިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެމީހުންގެ އަމާޒަކީ އަންނަން އޮތް ޖީލުތަކުގައި އުފެދޭ ހުނަރުވެރި ފަންނާނުނަށް އެ އިންޑަސްޓްރީގައި ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.
މީގެ އިތުރުން ޗަނާޗާ ޝޯގައި ބޭނުންކުރާ ބޮޑު ސެޓަޕެއް ހެދުމަކީ އަންނަން އޮތް ޖީލުގެ އޭވީ އިންޖިނިއަރުންނަށާއި އިވެންޓް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް ހިތްވަރަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެކަށީގެންވާ ވަރުގެ ހިތްވަރާއި އަޒުމާއެކު މަސައްކަތްކޮށްފި ނަމަ ހާސިލްނުވާނެ ކަމެއް ނޯންނާނެ ކަން އަންގައިދިނުމަކީ ވެސް އެމީހުންގެ އަމާޒެއް ކަމަށް ސްޓޭޖްކޯރއިން ބުންޏެވެ.
ޗަނާޗާ ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ލަވަ ކުޅޭއިރު، ރާއްޖޭގެ އެހެން މިއުޒިޝަނުން ވެސް ޝޯގައި ބައިވެރިވާނެއެވެ. އެގޮތުން ޝޯގައި ކުޅެން ހަމަޖެހިފައިވާ ބޭންޑުތަކަކީ ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރިއެވެ.

ޗަނާޗާ ޝޯ ބާއްވާ ސްޓޭޖު ހެދުމުގެ ތެރެއިން --- ފޮޓޯ/ ސްޓޭޖްކޯރ
މީގެ އިތުރުން އެ ޝޯގައި، ރާއްޖޭގެ 80އަށްވުރެ ގިނަ އާޓިސްޓުން ޕާފޯމް ކުރާނެއެވެ. މި ޝޯގައި، "މަނިކޭ މަގޭ ހިތޭ" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާގެ ލައިވް ޕާފޯމަންސް ފެންނާނެއެވެ.
ޗަނާޗާ ޝޯ އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި މިރޭ 8:00 އިން 12:00 އަށެވެ.
ހަވީރު ބާއްވާ ޝޯއަށް ހިލޭ ވަދެވޭ ނަމަވެސް ރޭގަނޑު ބާއްވާ ޝޯއަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. އެގޮތުން 150 ރުފިޔާގެ އެޓިކެޓުބައިސްކޯފުން ވިއްކަނީ އޮންލައިންކޮށެވެ.
އެ ޝޯގެ ވީއައިޕީ ޓިކެޓު ވެސް މިހާރު ވިއްކަމުންދާއިރު އެ ޓިކެޓު ގަތުމުން ޔޮހާނީއާ ބައްދަލުކޮށް، އެކުގައި ފޮޓޯނެގުމުގެ ފުރުސަތު ލިބޭނެއެވެ. އަދި "ޗަނާޗާ 2022"ގެ ޓީޝާޓަކާއެކު، ޝޯ ބަލާލުމަށް ޚާއްސަ ޖާގައެއް ވީއައިޕީ ޓިކެޓު ގަންނަ މީހުންނަށް ހަމަޖެހޭނެއެވެ.
ނުވަ ސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށް ވީއައިޕީ ޓިކެޓެއް ވިއްކާއިރު، ވީއައިޕީ ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ލިމިޓެޑް އަދަދަކަށެވެ. އަދި ކުރިން ޓިކެޓު ގަނެފައިވާ މީހުންނަށް ވެސް ވީއައިޕީ ޓިކެޓަކަށް ބަދަލުކުރަން ބޭނުންނަމަ އެ ފުރުސަތު ބައިސްކޯފުން ވަނީ ހުޅުވާލާފައެވެ.