ވޮޝިންޓަން (29 އޮކްޓޯބަރު 2022): އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ ރައީސާ ނޭންސީ ޕެލޯސީގެ ފިރިކަލުން، ޕައުލް ޕެލޯސީއަށް ހަމަލާދީ އޭނާ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލަ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަރަށްބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

ބައިޑެން ވިދާޅުވީ ޕައުލް ޕެލޯސީއަށް ދިން ހަމަލާ ވަރަށްބޮޑަށް ކުށްވެރި ކުރައްވާކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ގަބޫލުކުރެވޭނެ ހަމަލާތަކެއް ނޫނެވެ. ޕައުލް ޕެލޯސީއަށް ހަމަލާދިނީ ސިޔާސީ ބޭނުމެއްގައި ކަމަށްވަނީ ބެލެވިފައެވެ. ދުނިޔޭގައި ސިޔާސީ ހަމަނުޖެހުންތައް އޮންނަ ގައުމުތަކެކޭ އެއްގޮތަށް އެމެރިކާގައިވެސް މިފަހަކަށް އައިސްދަނީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާދިނުންފަދަ ހަރުކަށި އަމަލުތައް ހިންގަމުންނެވެ.

އުމުރުން 82 އަހަރުގެ ޕައުލް ޕެލޯސީ އަށް ހަމަލާދިނީ ބަޔަކު އޭނާގެ ގެއަށް ވަދެގަނެގެންނެވެ. އެގެއަށް ވަދެގަތްމީހުން ފުރަތަމަ ހޯދީ ނޭންސީ ޕެލޯސީ ކަމަށްވެއެވެ. ނޭންސީ އެވަގުތު ގޭގައި ނޫޅުއްވާތީ ދެން ހަމަލާދިނީ އޭނާގެ ފިރިކަލުން ޕައުލް ޕެލޯސީއަށެވެ. ޕައުލް ޕެލޯސީއަށް ހަމަލާދިނީ މަރުތޭލަކުންނެވެ.

ނެންސީ ޕެލޯސީގެ ގެކޮޅުގައި ފުލުހުން އޮޕަރޭޝަން ހިންގަނީ

މަރުތޭލަކުން ޖަހައި އޭނާގެ ބޯ ފަޅާލުމަށްފަހު ދެން މަރުތޭލުން ހަމަލާދިނީ އޭނާގެ އަތްދަނޑިއަށާއި އަތަށެވެ. އެއަށްފަހު އޭނާއަށް މަރުގެ އިންޒާރުވެސް ދިންކަމަށްވެއެވެ. މަރުތޭލުގެ ހަމަލާތަކުން ޕައުލް ޕެލޯސީއަށް ބޮޑެތި އަނިޔާތަކެއް ލިބުނުކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވިއެވެ. އަނިޔާތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔުމާއި އަތްދަށިއާއި އަތުގެ ކަށިތައް މުގުރިގެން ދިޔުން ހިމެނެއެވެ.

މި އަނިޔާތަކަށް ފަރުވާދިނުމަށްޓަކައި ޑޮކްޓަރުންވަނީ ޕައުލްޕެލޯސީ ގެ ހަށިކޮޅުގެ ތިންތަނަކުން އޮޕަރޭޝަންކޮށްފައެވެ. އޭނާ މިހާރު އޮންނެވި ކަމަށްވަނީ ސްޓޭބަލް ހާލަތެއްގައެވެ. ދުވަސްތަކަކަށްފަހު ޕައުލް އެއްކޮށް ރަނގަނޅުވާނެކަމުގެ ޔަގީންކަން ޑޮކަޓަރުންވަނީ ދެއްވާފައެވެ. ވޮޝިންޓަންގެ ފުލުހުން ޕައުލް ޕެލޯސީއަށް ހަމަލާދިން މީހާ އަތުލައިގަތް ނަމަވެސް އޭނާއަށް ހަމާލާދީ އަނިޔާކުރި ސިޔާސީ ބޭނުމެއްގައި ކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ. ފުލުހުން ބުނާގޮތުން ހަމަލާދިން ސަބަބު އެހާ ސާފެއްނުވެއެވެ.

ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އެމެރިކާގައި ކުރިއަށްއޮތް ކޮންގްރެސްގެ މިޑްޓާމް އިންތިޚާބާ ގުޅިގެން އެމެރިކާގެ ކަނާތުފިޔައިގެ ހަރުކަށި ފަރާތްތަކުން ނެންސީ ޕެލޯސީ އަށް އިންޒާރެއް ދިނުމުގެ ގޮތުން ދިން ވަރުގަދަ ހަމަލާއެކެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ނޭންސީ ޕެލޯސީއާ ފޯނުން ގުޅުއްވައި އޭނާއަށާއި އާއިލާއަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ. ސިޔާސީ ހަމަނުޖެހުމާއި ސިޔާސީ މަގްސަދުތަކުގައި މީހުންނަށް ހަމަލާދޭ ހިސާބަށް އެމެރިކާގައި ކަންކަން ދިޔުމަކީ ދެރަކަމެއްކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ނޭންސީ ޕެލޯސީއާއި އޭނާގެ ފިރިކަލުން ޕައުލް ޕެލޯސީއަކީ، އެމެރިކަގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ހަރުކަށި ފިކުރުގެ މީހުން ރުޅިއަންނަ ދެ ބޭފުޅުން ކަމަށްވެއެވެ. ޕައުލް އަކީ، އެމެރިކާގެ ސިޓީއެއް ކަމަށްވާ ސެންފްރެންސިސްކޯގައި ރިއަލްއެސްޓޭޓް ވިޔަފާރި ކުރައްވާ ވަރަށް ބޮޑު މަހުޖަނެކެވެ. އޭނާ ވަނީ މިއަރުގެ ކުރީކޮޅު މަސްތުގެ ހާލަތުގައި ހުންނަވައިގެން ވެހިކަލެއް ދުއްވި ---ހަށް ޖަލަށްވެސް ލާފައެވެ.