05 Apr 2012, 10:07
ކަތީބުންނާއި އަތޮޅުވެރިންގެ ދައުރު ނިމުމަކަށް އައިސް ލާމަރުކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް އަދި މާލެ ހިންގުމަށްޓަކައި ސިޓީ ކައުންސިލާއި އަތޮޅުކައުން ސިލާއި ރަށުކައުންސިލްތައް އުފައްދާ އެކައުން ސިލްތަކަށް މެންބަރުން އިންތިހާބުކޮށް ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރުގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ނެރެވުނު ނަތީޖާއަކީ ރައްޔިތުން މާޔޫސްވުމެވެ. އަސްލު މަސައްކްތަ ހަނދާން ނައްތާލައި ސިޔާސީ މަސައްކަތުގެ ތެރެއަށް ވަނުމެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނޫގެ އިހުތިސާސް ކަނޑައެޅި ބަޔާން ކޮށްފައި ވީނަމަވެސް މިހާތަނަށް ފެނިފައި ވަނީ ކޮންމެ ކައުންސިލަކީ ވަކި ސަރުކާރެކޭ ހީވާފަދަ ގޮތަކަށް އަމަލުތައް ބައްޓަން ކޮށްފައިވާތީ އެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަކުގެ ގާނޫނު ފާސްކުރުމުގެ ކުރިން އެ މަސައްކަތުގައި އިސްކޮށް އުޅުއްވި މުހައްމަދު ނަޒީފު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ މަސައްކަތްތައް މިހާރު ސިފަކުރެވެނީ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތައް އުފެދިފައިވާ މަހުފޫމަކީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް މިހާރު ނުބެލެވެ އެވެ. އެއާހިލާފަށް ކައުންސިލްތަކުގެ ގާނޫނު އުފެދިގެން އައިއިރު އެކަން ބޮޑަށް ކުރެވިފައިވަނީ ސިޔާސީ ވިސްނުމެއްގެ ތެރޭގައި ކަމަށް އޭނާ ސިފަ ކުރައްވަ އެވެ.
"ކައުންސިލްތަކަކީ ތަރައްގީގެ މަސައްކަތްތައްކުރާ ބަޔަކަށް ވުރެ ސިޔާސީ ކުލަޖެހިގެން ދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއްކަމަށް ފެނޭ މިހާރު އޮތީ. ކައުންސިލްތައް މިވަނީ ވަރަށް ބޮޑަށް ސިޔާސީ ވެފައި. ރަށެއްގެ ކައުންސިލް ވަކި ޕާޓީއެއްގެ ކައުންސިލަކަށް ވުމުގެ ބަދަލުގައި އެރަށެއްގެ ކައުންސިލަކަށް ވާން އެބަޖެހޭ، އެކަމަކު އެ ސިފައެއް ނޫން ފެންނަނީ،" ނަޒީފް ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދެވަނަ މާއްދާގައި ބުނަނީ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމިގުރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް އިޖުތިމާއި ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ސަގާފީ ގޮތުން ރައްޔިތުންގެ ދިރިއުޅުން ފެންވަރު މަތިކޮށް ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާއި އެންމެ ގާތުން ފުޅާދައިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދީ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކޮށްދިނުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނޫގައި ކައުންސިލްތަކުން ކުރަން ޖެހޭ މުނިސިޕަލް ކަންކަން ފާހަކޮށްފައިވީ ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހު ތެރޭގައި ފެންނަމުން ދިޔަ މަންޒަރުތަކަކީ ސިޔާސީ ބަދަލުހިފުމުގެ ކަންކަން އިސްކޮށް އެ ކައުންސިލަކަށް ނުވަތަ އެ ކައުންސިލެއްގެ މެޖޯރިޓީ އޮންނަ ޕާޓީއެއްގެ ފިކުރަށް ފެންނަ ގޮތަކަށް ކަންކަން ކުރަމުން ގެންދިޔަ މަންޒަރެވެ. ހަގީގަތުގައި ކައުންސިލުތަކުގެ މަސައްކަތް ކައުންސިލަރުންނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާހެނެއް ހީއެއް ނުވެ އެވެ.
"ތި ކައުންސިލުތަކަކީ ބޮޑު ޖޯކަކަށް ވެފައި ވަނީ. ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާ ބައްޓަން ކޮށްފައި އެބުނަނީ މައި ސަރުކާރު ބަލައެއް ނުގަންނަމޭ، އެކަމަކު މިއީ ޔުނިޓަރީ ދައުލަތެއް، މިއީ ހެއްވާ ކަމެއްނު،" ގާނޫނީ ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އޮތް އިރު ފެނުނު މަންޒަރަކީ އެމްޑީޕީގެ މެޖޯރިޓީނެތް ކައުންސިލްތަކަށް ސަރުކާރުން "ޖެއްސުން" ކުރުމުގެ މަންޒަރުދިޔަ ތަނެވެ. މިސާލަކަށް ށ. ފުނަދޫ އާއި ކ. ތުލުސްދޫގެ ހާދިސާ ނެގިދާނެ އެވެ. އެފަދަ ކައުންސިލުތަކުން ސަރުކާރަށް ޖެއްސުންކޮށް ބަޔާންތައް ނެރެމުން ދިޔަ ތަނެވެ.
އޭގެ ފަހުން ވެރިކަން ބަދަލުވުމާއެކު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ވަނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ގަބޫލު ނުކުރާނެ ވާހަކައާއި އަދި ސަރުކާރަށް އެއްބާރުލުން ނުދޭނެ ނެ ކަމުގެ ގަރާރުތަކާއި ނޫސްބަޔާންތައް އާންމު ކޮށްފަ އެވެ. ކަން ކުރަމުން ގެންދަނީ ވެސް އެގޮތަށެވެ.
ޔުނިޓަރީ ދައުލަތެއްގައި ސަރުކާރައި ދެކޮޅަށް އެފަދަ ބަޔާންތައް ނުނެރޭވެނަކަމަށް ގާނޫނީ މާހިރުން ދަނީ ވިދާޅުވެ އެވެ. އަދި އެފަދަ މައްސަލަތައް ކޯޓުގެ މަރުހަލާގައި ކުރިއަށް ގެންގޮސް އެކަމަށް ނިޔާކަނޑައެޅުމުގެ މުހިންމު ކަމެއްކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
މަޝްހޫރު ގާނުނީ ވަކީލު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރު ގަބޫލް ނުކުރާކަމަށް ކައުންސިލްތަކުން ނެރެމުންދާ ގަރާރުތަކަކާއި ބަޔަންތަކަކީ އެއްވެސް ކައުންސިލަކަށް ނެރެވޭނެ ގަރާރުތަކެއް ނޫނެވެ. އެ ކައުންސިލްތަކުން ނެރޭ އެފަދަ ގަރާރުތަކަކީ ޣައިރުގަނޫނީ ގަރާރުތަކެކެވެ.
"ރާއްޖޭގައި އޮންނާނީ އެންމެ ސަރުކާރެއް އެ ސަރުކާރުގެ ސިޔާސަތުތައް އެކި ފަށަލަ ތަކުގައި ތަމްސީލު ކުރައްވަން ތިއްބަވާ ބޭފުޅުންތަކެއް ކައުންސިލަރުންނަކީ. ސިޓީ ފަށަލާގައާއި އަތޮޅު ފަށަލަގައާއި ރަށު ފަށަލާގައި ތިއްބެވި ބޭފުޅުން. އެހެންވީމަ ސަރުކާރައި ބެހޭ ގޮތުން ކޮމެންޓްކޮށް ސަރުކާރާއި ބެހޭގޮތުން ބަޔާން ނެރެ ކަންކަން ކުރުމަކީ ކައުންސިލްތަކުގެ އިހްތިސާސް ތެރޭގައި ހިމެނޭ ކަންކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސިޓީކައުންސިލްތަކައި އެހެނިހެން ކައުންސިލްތަކަށް ވެސް ކުރެވޭނީ މުނިސިޕަލް މަސައްކަތްތަކެވެ. ލާމަރުކަޒީ ގަނޫނޫގައި ކައުންސިލްތަކަށް ކުރެވޭނެ މަސައްކަތްތަކުގެ ލިސްޓެއް ލިޔެ އެ މަސައްކަތްތައް ހަވާލުކުރެވިފައިވާއިރު ކައުންސިލުތަކުން ކުރަންޖެހެނީ ރައްޔިތުންނަށްޓަކައި އެ މަސައްކަތްތަކެވެ.
ގާނުނޫގައި ބުނެފައިވަނީ ކައުންސިލްތަކުގެ މަސައްކަތާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި ކައުންސިލްތަކުގެ މަސަކަތް ވިލަރެސްކުރާނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ ކަމަށެވެ. ލޯކަލް ގަވަރުމެންޓް އޮތޯރިތީގެ މެންބަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަކީ މުނިސިޕަލް ކަންކަން އެ ދާއިރެއްގައި ހިމެނޭ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ.
ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކައުންސިލްތަކުގެ ޒިންމާގެ ގޮތުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ބޭރުން ގާނޫނާއި ގަވާއިދުތަކަށް ބަލާއިރު ސުވާލުއުފެދޭ ގޮތައް އަމަލު ކުރަމުންގެންދާ ކައުންސިލްތައް ގަވާއިދައި ގާނުނީ އިމުގެތެރެއިން އެކަންކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށް ގާނުނީ ބާރުގެ ދަށުން އުފައްދާފައިވާ ކައުން ސިލްތައް އޭގެ އެންމެ ފުރިހަމަ ބާރުމިނުގައި ހިންގުމަށްޓަކައި މިހާރު ސިޔާސީ ގޮތުން އެޅިފައިވާ "މަރުތަޅު"ން ނެއްޓި އެކަމަށް ކަންޑައެޅިފައިވަ ވަގުތުގައި ރައްޔިތުންނަށް ފައިދާ ލިބިގެން ދިއުމަކީ ރައްޔިތުންގެ އުއްމީދެކެވެ. ނަމަވެސް ކައުންސިލްތައް އަދި އޮތީ ފާލުން ނެއްޓި އެންމެންގެ ބޮލު ރިހުމެއްގެ ތެރޭގަ އެވެ.
މިހާރު ރާއްޖެ ޓެސްޓް ކުރަމުންދާ މި ނިޒާމަކީ ރާއްޖޭގައި ކުރިން ޓެސްޓްކޮށް ފޭލިވެފައިވާ ނިޒާމެކެވެ. ރައީސް ނާސިރުގެ ވެރިކަމުގެ ދައުރުގައި ކައުންސިލުތައް އުވާލަން އެމަނިކުފާނު ނިންމެވީ މިހާރު ވެސް މިފެންނަ މައްސަލަތައް އުފެދި އެކަން ބޮޑު ފިތުގަނޑަކަށް ވެގެން ސިޔާސީ ހުޅު ޖެހުމާއި ގާއުކުމާއި މީހުންގެ ގަޔަށް ފޭރާ ޖެހުމުގެ ޖަރީމާތައް ހިނގައި ގަތުމުންނެވެ.